ނިމިގެން މިދާ 2015 ވަނަ އަހަރަކީ ދިވެހިރާއްޖެ އިގްތިސޯދީ ގޮތުން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ އަހަރެއް ކަމަށް ބުނެވިދާނެ އެވެ. ރައީސް ޔާމީންގެ އިގްތިސޯދީ ސިޔާސަތުގެ ދަށުން ކުރަމުން އަންނަ ގިނަ މަސައްކަތްތަކެއްގެ ގޮތުން މިއަހަރު ވެސް ރާއްޖެ އަށް މިވަނީ އިގްތިސޯދީ ކުރިއެރުންތައް ލިބިފަ އެވެ. ތަރައްގީގެ ބޮޑެތި މަޝްރޫތައް ހިންގަން ބޭރުގެ އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު، އެ މަޝްރޫތައް ހިންގުމުގެ ކޮޅުމަތި މިހާރު ދަނީ ފެންނަމުންނެވެ.

އޭގެ ތެރޭގައި މާލެ އާއި ހުޅުމާލެއާ ދެމެދު އެޅުމަށް ނިންމާފައިވާ ބުރިޖް ޕްރޮޖެކްޓާއި އައިހެވަން މަޝްރޫއާއި ސްޕެޝަލް އިކޮނޮމިކް ޒޯން ނުވަތަ އެސްއީޒެޑްގެ މަސައްކަތްތައް ފާހަގަކޮށްލެވެ އެވެ. އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ފަދަ ކޮންމެ ޕްރޮޖެކްޓަކީ ވެސް ރާއްޖެއަށް އިގްތިސޯދީ ގޮތުން ގިނަ ކުރިއެރުންތަކެއް ލިއްބައިދޭނެ ޕްރޮޖެކްޓެކެވެ. މި ލިޔުމުގައި އަލިއަޅުވާލާނީ މި އަހަރު ތެރޭގައި ރާއްޖެއަށް ލިބުނު ބޮޑެތި އިންވެސްޓްމަންޓް ތަކުގެ ތަފްސީލާއި އިސްވެ ދެންނެވި ފަދަ ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވިފައިވާ މިންވަރަށެވެ.

މިހާތަނަށް 799 މިލިއަން ޑޮލަރުގެ 55 އިންވެސްޓްމަންޓް ރަޖިސްޓަރީކޮށްފައިވޭ

ހިނގަމުން މިދާ 2015 ވަނަ އަހަރު ނިމުމަކާ ދާދި ގާތްވެފައިވާ އިރު، ވޭތުވެދިޔަ ދެ އަހަރު އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ރަޖިސްޓަރޭޝަން ސެކްޝަނުގައި 799 މިލިއަން އެމެރިކާ ޑޮލަރުގެ 55 އިންވެސްޓްމެންޓް ވަނީ ރަޖިސްޓަރީ ކޮށްފަ އެވެ. ވޭތުވެދިޔަ ދެ އަހަރު އިކޮނޮމިކް މިނިސްޓްރީން ކާމިޔާބުކުރި މަސައްކަތްތައް ފާހަގަކޮށް ނެރެފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ އެ 799 މިލިއަން ޑޮލަރަކީ ފަތުރުވެރިކަމުގެ ސިނާއަތް ފިޔަވައި އެހެނިހެން ސިނާއަތްތަކުން ރާއްޖޭގައި އިންވެސްޓްކުރާނެ ފައިސާ ކަމަށެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހުން ފެށިގެން ޓުއަރިޒަމް ސިނާއަތުގެ އިންވެސްޓްމަންޓްތައް އެ މިނިސްޓްރީން ރަޖިސްޓަރީކުރަން ފެށިފަހުން ޓުއަރިޒަމް ސިނާއަތުގެ 47 އިންވެސްޓްމަންޓް ރަޖިސްޓަރީކޮށްފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމަތުދެ އެވެ.

ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ މި ދަނޑިވަޅުގައި އެ އިންވެސްޓްމެންޓްތަކުން 1.056 ބިލިއަން އެމެރިކާ ޑޮލަރު އިނީޝިއަލް އިންވެސްޓްމެންޓްގެ ގޮތުގައި ރާއްޖޭގައި އިންވެސްޓްކުރަން ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.

  • އެއާޕޯޓް ތަރައްގީ

އެއާޕޯޓަކީ ގައުމުގެ ތަރައްގީގެ މައި ދޮރާށި ކަމާމެދަކު ޝައްކެތްނެތެވެ. އެއާޕޯޓު ތަރައްގީކުރުމަށް ސަރުކާރުން އަންނަނީ ބޮޑު މަޝްރޫއެއް ހިންގަމުންނެވެ. ރާއްޖޭގައި ކުރެވޭ ބޮޑެތި އިންވެސްޓްމެންޓްތަކުގެ ތެރެއިން އެއާޕޯޓުގެ ތަރައްގީ ކުރުމުގެ މަޝްރޫއަށް 800 މިލިއަން ޑޮލަރު އިންވެސްޓްކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ އެވެ. އެ އިންވެސްޓްމަންޓަކީ ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމަށް އިކޮނޮމިކް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފަ އެވެ.

އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދަނީ ފަސް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިންނަށް އަމާޒުކޮށްގެން ކަމަށާއި އޭގެ ތެރޭގައި ދެވަނަ ރަންވޭ އާއި ތެޔޮ ފާމުގެ އިތުރުން ޓާމިނަލް އެތައް ގުނައަކަށް ބޮޑުކުރުން ހިމެނޭ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ފަސިންޖާ ޓާމިނަލް އިތުރަށް ބޮޑުކުރުމަށް ނިންމާފައިވާތީ އެ ސަރަހައްދުގެ އިމާރާތްތައް އެހެންތާކަށް ބަދަލުކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި އަންނަނީ ކުރަމުންނެވެ. އަދި އާ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ވެސް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ފަށާއިރު، އެކަމަށް 373 މިލިއަން ޑޮލަރު ޗައިނާގެ އެގްޒިމް ބޭންކުން ވަނީ ލޯނު އެހީގެ ގޮތުގައި ދޭން އެއްބަސްވެފަ އެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރެވެ.

އެ މަސައްކަތްތަކުގެ ތެރެއިން އާ އޭޕްރަންގެ މަސައްކަތް މިހާރު ނިންމާލާފައިވާ އިރު، އޭގެ އެދެވޭ ނަތީޖާއެއް ވަނީ ފެނިފަ އެވެ. ދުނިޔޭގެ ހައިލެވެލް ޓޫރިސްޓުން ނުވަތަ މުއްސަނދި ފަތުރުވެރިން ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓްތައް މީގެކުރިން ދުވަހަކު ވެސް އެއާޕޯޓްގައި ޕާކް ނުކުރާވަރަށް ވަނީ ޕާކްކޮށްފަ އެވެ. މާނައަކީ ޓޫރިޒަމަށް އޭގެ އެދެވޭ ނަތީޖާވެސް ފެންނަމުން އަންނަ ކަމެވެ.

  • އެސްއީޒެޑް

އެސްއީޒެޑްގެ ބިލް މިދިޔަ އަހަރު މަޖިލީހުން ފާސްކުރުމާ އެކު ސަރުކާރުން ވަނީ އެ މަޝްރޫއު ހަގީގަތަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެސްއީޒެޑްގެ ކަންކަމާ ގުޅޭ މަޝްވަރާތައް މިހާރުވެސް ބޭރުގެ ގައުމުތަކާއެކު ކުރަމުން އަންނަ އިރު މި ޕްރޮޖެކްޓްގައި ހޯދި ކުރިއެރުންތަކަކީ ކޮބައިތޯ އެވެ؟

* ރައީސް ގަރާރެއް ނެރުއްވުން

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އާ ގުޅޭގޮތުން މިއަހަރު ކުރި މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކަންތައްތަކަށް ބަލާއިރު، އެފަދަ ޒޯނެއްގައި ހިންގިދާނެ އިގްތިޞާދީ މަސައްކަތް ތަކާއި، އެއިން ޒޯނެއްގައި ހިމެނޭ އެންމެ ކުޑަ މިންގަނޑު ކަނޑަ އެޅުމާ ބޭހޭގޮތުން ރައީސް އަބްދުﷲ ޔާމީން ވަނީ ގަރާރެއް ނެރުއްވާފަ އެވެ.

އެ ގަރާރުގައި ވާގޮތުން އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ ބައެއް އިންވެސްޓްމެންޓްތަކަށް 150 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ކުޑަނޫން އަދަދެއް ހޭދަކުރަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ. އޭގެ ތެރޭގައި އެކިބާވަތުގެ މެނުފެކްޗަރިން މަސައްކަތާއި ޓްރާންސްޝިޕްމެންޓް ޕޯޓް، އިންޓަރނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއާރޕޯޓް، ބަލްކް ބްރޭކިންގް، ބަންކަރިންގް، ޑޮކިންގް ސަރވިސަސް އާއި ޔުނިވަރސިޓީ، ޓާރޝަރީ ހޮސްޕިޓަލް، ސުޕަރ ސްޕެޝަލިޓީ ހޮސްޕިޓަލް އަދި ދުނިޔޭގެ ފެންވަރުގެ ރިސާރޗް އެންޑް ޑިވެލޮޕްމެންޓް ފެސިލިޓީތަކުގެ އިތުރުން، އިތުރު އިންވެސްޓްމެންޓްތަށްވެސް ހިމެނެ އެވެ.

މީގެ އިތުރުން މާލީ ދާއިރާ ފިޔަވައި އެހެން ދާއިރާތަކުގެ ހުށަހެޅުތައް ދިރާސާކުރުމުގައި އިންވެސްޓްމެންޓްގެ އަގުކަމުގައި ބަލާނީ ޑިވެލޮޕަރު ގާއިމްކުރުމަށް ހުށަހަޅާ މުޅި އިންވެސްޓްމަންޓް ގާއިމުކުރުމަށް އެފަރާތުން ހަރަދުކުރުމަށް ހުށަހަޅާ "މިނިމަމް ފިކްސްޑް" އިންވެސްޓްމެންޓްގެ އަދަދު ކަމުގައިވެސް އެގަރާރުގައި ވަނީ ބުނެފަ އެވެ.

ރައީސް ޔާމީން އާންމު ކުރެއްވި ގަރާރުގައި ބުނެފައި ވާގޮތުން މާލީ ދާއިރާއިން ހުށަހަޅާ ހުށަހެޅުންތައް ދިރާސާކުރުމުގައި އިންވެސްޓްމަންޓްގެ އަގު ކަމުގައި ބަލާނީ ޑިވެލޮޕަރު އެތަނެއް ގާއިމްކުރަން ހަރަދުކުރާ ފިކްސްޑް އިންވެސްޓްމެންޓްގެ އިތުރުން މާލީ ހިދުމަތް ފަށައިގަތުމަށް ދިވެހިރާއްޖެއަށް ގެނައުމަށް ޑިވެލޮޕަރު ކޮމިޓްކުރާ ކެޕިޓަލް އިންވެސްޓްމެންޓަށެވެ. އޭގެ އިތުރުން އެ ޑިވެލޮޕަރަކު ހުށަހަޅާ ޖުމްލަ އިންވެސްޓްމެންޓްގެ ތެރޭގައި ހިމެނޭ ސްޓްރެޓީޖިކް އިންވެސްޓްމެންޓްގެ ބައިތަކަށް ހަރަދުކުރާ ޖުމްލަ އިންވެސްޓްމެންޓްގެ މިންވަރަށްވުރެ ސްޓްރެޓީޖިކް ބައިތަކުގެ ބޭރުން އެ އިންވެސްޓްމަންޓްގައި ހިމެނޭ އެހެން ވިޔަފާރިތަކަށް ކުރާ ހޭދަ ބޮޑުވެގެން ނުވާނެކަމަށް ވެސް ގަރާރުގައި ބުނެފައިވެ އެވެ.

* އެޕްލިކޭޝަން ޕްރޮސެސް އަށް ހުށަހަޅަން ވަކި އަދަދެއް ކަނޑައެޅުން

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ "އެޕްލިކޭޝަން ޕްރޮސެސިން" އަށް 25،000 ޑޮލަރު ހުށަހަޅަންޖެހޭ ގޮތަށް އެސްއީޒެޑްގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ބޯޑް އޮފް އިންވެސްޓްމަންޓުގެ ގަވާއިދު ވަނީ އެކުލަވާލާފަ އެވެ.

މިއަހަރު ގެޒެޓުކޮށްފައިވާ އެ ގަވާއިދުގެ 22 ވަނަ މާއްދާގެ (ޅ) ގައި ބުނެފައި ވަނީ އެޕްލިކޭޝަން ޕްރޮސެސިން ފީ އެއްގެ ގޮތުން 25،000 އެމެރިކާ ޑޮލަރު ދައްކަންވާނެ ކަމަށެވެ. އަދި ފީ ދައްކަން ވާނީ ޓެލެގްރާފިކް ޓްރާންސްފާ މެދުވެރިކޮށް އެސްއީޒެޑް ބޯޑުން ކަނޑައަޅާ އެކައުންޓަކަށެވެ. އަދި އެސްއީޒެޑް ބޯޑުން އިނިޝިއަލް ޕާމިޓު ދޫކުރާތާ 15 ދުވަހުގެ ތެރޭގައި އެ ހުށަހެޅުމެއް ހުށަހެޅި ފަރާތުން ބޯޑުން އަންގާ ގޮތުގެ މަތީން ބޯޑުން ގަބޫލުކުރާ އެކައުންޓަކަށް 1،000،000 ޑޮލަރުގެ ބޭންކު ގެރެންޓީއެއް ހުށަހަޅަންޖެހެ އެވެ.

  • އައިހެވަން

އިހަވަންދިއްޕޮޅުގައި ހިންގަން ނިންމާފައިވާ އައިހެވަން މަޝްރޫއަކީ ސަރުކާރުން އަތޮޅުތެރޭގައި ހިންގަން ނިންމަވާފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ ބޮޑު އެއް ޕްރޮޖެކްޓެވެ. އެ މަޝްރޫއު ކާމިޔާބު ކުރުމަށް އިންވެސްޓަރުން ހޯދުމާއި މަސައްކަތް ކުރިއަށްގެންދާނެ ގޮތްތަކާ ގުޅޭގޮތުން މިއަހަރު ވެސް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އައިހެވަން މަޝްރޫއުގައި ހިމެނޭ މައިގަނޑު ހަ ކަމަކީ ބަނދަރަކާއި އެއާޕޯޓަކާއި ބަންކަރިންގެ ޚިދުމަތާއި ޝޮޕިން މޯލްތަކުގެ އިތުރުން ރިއަލް އެސްޓޭޓާއި ޓޫރިސްޓު ރިސޯޓު ތަރައްގީކުރުމެވެ.

* އައިހެވަންގެ ތަފްސީލީ ދިރާސާއެއްގެ މަސައްކަތް ކުރި

އިހަވަންދިއްޕޮޅު ތަރައްގީ ކުރުމަށް ސަރުކާރުން އިއުލާންކޮށްފައިވާ "އައިހެވަން" މަޝްރޫގެ ތަފްސީލީ ދިރާސާގެ މަސައްކަތަށް ބަލާއިރު، އެ ދިރާސާގެ މަސައްކަތް ހަވާލުކޮށްގެން ކުރިއަށް ގެންދިޔައީ ބޮސްޓަން ކޮންސަލްޓިން ގްރޫޕް (ބީސީޖީ) އާއި ހަވާލުކޮށްގެންނެވެ.

އެ ޓީމުން އެ ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ތަފްސީލީ ދިރާސާތަކުގެ މަސައްކަތް މިހާރު ނިންމާލާފައިވާ އިރު، ބީސީޖީގެ ޓީމުން ދިރާސާ ކުރާކަންކަމުގެ ތެރޭގައި އައިހެވަން ސަރަހައްދުގެ ވިޔަފާރީގެ މޫވްމެންޓް އޮތް މިންވަރު ބެލުމާއި ޓުރާންސްޝިޕްމެންޓުގެ ޓުރެފިކް އޮތް މިންވަރު ބެލުމާއި ބަންކަރިންނާއި ބޯޓްފަހަރަށް ހިދުމަތް ދިނުމަށް ފުރުސަތު އޮތް މިންވަރު ވަނީ ބަލާފަ އެވެ. އަދި ޓޫރިޒަމާއި ރިއަލްއެސްޓޭޓާއި ކުރޫޒްލައިންގެ މަސައްކަތް ފަދަ ކަންކަމުގެ ފުރުސަތު އޮތް މިންވަރާއި ފައިނޭޝަލް ފީޒިބިލިޓީ އާއި ޓެކްނިކަލް ފީޒިބިލިޓީ އެއްކޮށް ހަދާފައިވެ އެވެ.

* ޕްރޮޖެކްޓަށް އިންވެސްޓަރުން ހޯދަން މިނިސްޓަރު ސައީދާއި ޝައިނީ ސައުދީ އަށް ވަޑައިގެންނެވި

އިހަވަންދިއްޕޮޅު ތަރައްގީ ކުރުމަށް ސަރުކާރުން އިއުލާންކޮށްފައިވާ "އައިހެވަން" މަޝްރޫއަށް ސައުދީ އަރަބިއްޔާގެ އިންވެސްޓްމަންޓްތައް ހޯދުމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންނެވީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

މިނިސްޓަރު ޝައިނީ ވިދާޅުވެފައިވަނީ އައިހެވަން މަޝްރޫ ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ދެ ގައުމު ދެމެދުގައި ޝައްކެއް ނެތް މިންވަރަށް އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށެވެ. އެ މަޝްރޫއާ ގުޅޭ ގޮތުން މިހާތަނަށް ހުރިހާ މަޝްވަރާއެއް ކޮށްފައި ވަނީ ސައުދީގެ ސަރުކާރާއެކު ކަމަށް ޝައިނީ ވަނީ ވިދާޅުވެފަ އެވެ.

އައިހެވަން މަޝްރޫގައި އިސްނަގައިގެން އުޅެނީ ސައުދީ އިންވެސްޓްމަންޓް ފަންޑެވެ. އިކޮނޮމިކް މިނިސްޓަރު އަދި އެސްއީޒެޑްގެ ޗެއާ ސައީދު ވިދާޅުވީ އައިހެވަން މަޝްރޫއާއި ގުޅޭ ގޮތުން ދެ ގައުމު ދެމެދުގައި މިހާތަނަށް ވެސް ވަނީ މުހިންމު ވާހަކަތަކެއް ދެކެވިފައިވާ ކަމަށެވެ. ދެ އަހަރު ތެރޭ އައިހެވަން ފަދަ މަޝްރޫއެއްގެ ފެށުމާ ގާތަށް އާދެވުމުން އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓާ ސައީދު ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ވެސް ސިންގަޕޫރުގެ އިންވެސްޓަރުންގެ ދައުވަތަކަށް ޓޫރިޒަމް މިނިސްޓަރު ޒަމީރާއި އިކޮނޮމިކް މިނިސްޓަރު ސައީދު ވެސް ވަނީ މިދިޔަ މަހު ތެރޭގައި ސިންގަޕޫރަށް ވަޑައިގެންފަ އެވެ.

  • މާލެ – ހުޅުމާލެ ބްރިޖްގެ މަސައްކަތް

ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލެއާ މާލެއާ ދެމެދު އަޅާ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އަކީ އެތައް ދިވެހިންނެއް އެ ޕްރޮޖެކްޓެއްގެ ނިމުމަށް އިންތިޒާރު ކުރަމުން އަންނަ ޕްރޮޖެކްޓެކެވެ. ބްރިޖްގެ އަމަލީ މަސައްކަތް ފެށުމަކާ މިހާރު ދާދި ކައިރިވެފައިވާ އިރު އެ ޕްރޮޖެކްޓްގެ ބައެއް އުސްއަލިތަކަށް ބަލައިލާނަމެވެ.

މާލެ-ހުޅުމާލެ ބްރިޖްގެ ދިގުމިނަކީ 1.39 ކިލޯ މީޓަރެވެ. ބުރިޖްގެ ފުޅާ މިނުގައި 20 މީޓަރު ހުންނާނެ ކަަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ހަތަރު ފުރޮޅުލީ އުޅަދު ދުއްވާ ދެ ލޭނާއި ސައިކަލު ދުއްވާ ދެ ލޭނާއި ބައިސްކަލު ދުއްވާ ލޭނަކާއި ހިނގާފައި ދާ މީހުންނަށް ވަކި ލޭނެއް އޮންނާނެ ކަމަށް ވެސް ސަރުކާރުން ވަނީ ކުރިން ބުނެފައެވެ.

ބްރިޖްގެ ފީސިބިލިޓީ އާއި ބެހޭ ގޮތުން ރައީސް ޔާމިން އާއި ސުވާލުކުރުމުން، މި ބްރިޖަކީ ހަމައެކަނި މީހުން ޓްރާންސްޕޯޓް ކުރަން އޮތް ބްރިޖެއް ނޫން ކަމަށާއި ރާއްޖެ އަށް ދިމާވެފައިވާ ހައުސިން މައްސަލަ ފަދަ ކަންކަމުގެ ހައްލަކީ ބްރިޖް ކަމަށް ރައީސް ވިދާޅުވި ކަމަށް ކުރީގެ ނައިބު ރައީސް އަދީބު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މީގެ ކުރިން ވިދާޅުވެފައި ވަނީ ބްރިޖް އެޅުމަށް 300 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ދެނީ ޗައިނާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ކަމަށާއި 170 މިލިއަން ޑޮލަރު ޗައިނާ އިން ދެނީ ލޯނުގެ ގޮތުގައި ކަމަށެވެ. އެ ލޯނުގެ އިންޓްރެސްޓަކީ ދެ ޕަސެންޓް ކަމަށް ވެސް ފިނޭންސް މިނިސްޓްރީ އިން ބުންޏެވެ.

ނަމަވެސް މިހާރު މާލޭ އާއި ހުޅުލެއާ ދެމެދު އެޅުމަށް ނިންމާފައިވާ ބުރިޖުގެ މަޝްރޫއުގެ ހަރަދު 200 މިލިއަން ޑޮލަރަށް ކުޑަކުރެވިއްޖެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުއްތޮލިބު ވަނީ ވިދާޅުވެފަ އެވެ. ބްރިޖު މަޝްރޫއުގައި އިސްކޮށް އުޅުއްވާ މުއްތަލިބު ފޭސްބުކުގައި ވިދާޅުވެފައި ވަނީ ބްރިޖުގެ ހުރިހާ މަސައްކަތެއް 200 މިލިއަން ޑޮލަރުން ނިންމާލެވޭނެ ކަމަށާއި އެއީ ލަފާކުރި ބަޖެޓަށްވުރެ 60 މިލިއަން ޑޮލަރު ކުޑަ އަދަދެއް ކަމަށެވެ.

އެ ބަދަލާ ގުޅިގެން ސަރުކާރުން ލޯނުގެ ގޮތުގައި ނަގަން ޖެހޭނީ 100 މިލިއަން ޑޮލަރު ކަމަށް އޭނާ ވިދާޅުވި އެވެ.

ބްރިޖްގެ މަސައްކަތްތައް ފެށުމަށް މިހާރު ރާޅުގަނޑު ސަރަހައްދު ވެސް ބަންދުކޮށްފައިވާ އިރު އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ ޗައިނާގެ ސީ.ސީ.ސީ.ސީ ސެކަންޑް ހާބާ އިންޖިނިއަރިން ކުންފުންޏާ އެވެ.