ސީރިޔާގައި ތިބި އައިއެސް ހަނގުރާމަވެރިންނަށް އަމާޒުކޮށް ރަޝިޔާއިން ދެމުންގެންދާ ވައިގެ ހަމަލާތަކުގައި މިހާތަނަށް 200 އަށް ވުރެ ގިނަ އާންމުން މަރުވެފައިވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފިއެވެ.

ސީރިޔާގެ ރައީސް ބަޝާރް އަލް އަސަދުގެ އެދިވަޑައިގަތުމަށް، ރަޝިއާއިން ސީރިޔާ ހަނގުރާމައިގައި ބައިވެރިވާން ފަށާފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.

އެމްނެސްޓީ އިން ސީރިޔާގެ އާންމު ރައްޔިތުންނާއި ސީރިޔާގައި ހަރަކާތްތެރިވާ ހިއުމަން ރައިޓްސް އެކްޓިވިސްޓުންނާ ވާހަކަ ދައްކައި ހޯދި މައުލޫމާތުގެ މައްޗަށް އެކުލަވާލި ރިޕޯޓު ބުނާ ގޮތުން، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހާ ހަމައަށް ސީރިޔާގެ ފަސް ސަރަހައްދަކަށް ރަޝިޔާއިން ވަނީ 25 ށް ވުރެ ގިނަ ހަމަލާ ދީފަ އެވެ.

ރިޕޯޓުގައި އާންމުކޮށްފައިވާ ހޯދުންތަކާއި މައުލޫމާތަށް ބަލާއިރު، ބައިނަލްއަގްވާމީ ދުނިޔެއިން ގަބޫލުކުރާ އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރުމުގައި ރަޝިޔާއިން ފެއިލްވެފައި ވާކަމަށް އެމްނެސްޓީ އިން ބުނެއެވެ.

އެމްނެސްޓީގެ ރިޕޯޓާ ގުޅިގެން ރަޝިޔާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އޮކްޓޫބަރު ރަޝިޔާ އިން ދިން ވައިގެ ހަމަލާތަކެއްގައި ސީރިޔާގެ އާންމު ރައްޔިތުން ތަކެއް މަރުވެ، ގިނަ ބަޔަކު ޒަހަމްވި ކަމުގެ ރިޕޯޓުތައް ލިބުނު ކަމަށް ރަޝިއާގެ ރައީސް ޕުޓިން ވިދާޅުވި ނަމަވެސް އެކަން ޔަގީންކޮށްދީފައެއް ނުވެއެވެ.

މި މަހުގެ ތެރޭގައި ސީރިއާގެ ރައްގާގައި އައިއެސް މެމްބަރުން ދިރިއުޅޭ ދެ ސަރަހައްދަކަށް ސަބްމެރިން ބޭނުން ކޮށްގެން ފުރަތަމަ ފަހަރަށް ރަޝިއާއިން ވަނީ މިސައިލް ހަމަލާތަކެއް ދީފައެވެ.

އެ ހަމަލާތަކަކީ ޓެރަރިސްޓު ޖަމާއަތްތަކަށް ދޭ ހަމަލާތައް އިތުރު ކުރުމަށް ޑިސެމްބަރު ފަހެއްގައި ޕުޓިން އެންގެވުމުގެ ސަބަބުން ދޭން ފަށާފައިވާ ހަމަލާތައް ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މައުލޫމާތު: ބީބީސީ