23 Dec 2015, 10:03
ބޮލީވުޑްގެ ބަތަލާ އަދި ރީތީގެ ރާނީ ޕްރިޔަންކާ ޗޯޕްރާގެ އެންމެ ފަހުގެ ފިލްމު، "ޖެއި ގަންގާޖަލް"ގެ ޓްރެއިލާ ރިލީޒްކޮށްފި އެވެ.
އެ ފިލްމުގެ ޓްރެއިލާ، ޕްރިޔަންކާ ވަނީ އިއްޔެގެ ވަގުތެއްގައި އޭނާގެ ޓުވިޓާ އެކައުންޓް މެދުވެރިކޮށް ރިލީޒްކޮށްފަ އެވެ.
ޕްރިޔަންކާ ކުރި ޓުވީޓްގައި ބުނެފައި ވަނީ "ޖެއި ގަންގާޖަލް" އަކީ އޭނާ މިހާތަނަށް އެންމެ ކުރު މުއްދަތެއްގައި ޝޫޓްކޮށް ނިންމާފައިވާ ފުރަތަމަ ފިލްމު ކަމަށެވެ.
އޭނާ އެ ފިލްމުގައި އަދާކޮށްފައި ވަނީ، އިންތިހާއަށް ކުށް އާއްމުވެފައިވާ އަވަށަކާ ހަވާލުވެ ހުރި ފުލުސް އޮފިސަރެއްގެ ރޯލެވެ.
ޕްރިޔަންކާއާ އެކު އެ ފިލްމުގެ ޑައިރެކްޓަރު ޕްރަކާޝް ޖާ ވެސް ވަނީ ފިލްމުގައި މުހިއްމު ރޯލެއް އަދާކޮށްފަ އެވެ.
އެ ފިލްމު ސްކްރީންތަކަށް އަންނާނެ ކަމަށް ބެލެވެނީ އަންނަ މާޗު މަހު ހަތަރު ވަނަ ދުވަހު އެވެ.
އެންމެ ފަހުން ސްކްރީންތަކަށް އައި ޕްރިޔަންކާގެ "ބާޖީ ރާއޯ މަސްތާނީ" އަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
ޕްރިޔަންކާ އެ ފިލްމުގައި އަދާކޮށްފައިވާ ރޯލަށް ގިނަ ބައެއްގެ ތައުރީފު އޭނާ އަށް އަންނަނީ އޮހެމުންނެވެ.