23 Dec 2015, 19:08
ގިނަ އަދަދެއްގެ ޒުވާން އަންހެން ކުދިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ އޭބީސީގެ ތްރިލާ އަދި ޑްރާމާ ސީރީޒް "ދަ ޕްރިޓީ ލިޓްލް ލަޔާޒް" ސީޒަން ހަތަކަށް ފަހު ނިންމާލާނެ ކަމަށް ސީރީޒްގެ އުފެއްދި ފަރާތް ކަމަށްވާ މާލީން ކިންގް ބުނެފިއެވެ.
އޭބީސީގެ އެންމެ މަގުބޫލު އެއް ޓީވީ ސީރީޒް ކަމަށްވާ ޕްރިޓީ ލިޓްލް ލަޔާޒް ނިންމާލާނެ ކަމާ މެދު ނުސީދާ ގޮތްގޮތަށް ސީރީޒްގެ ކާސްޓުންނާއި ޑިރެކްޓަރުން ވަނީ މީގެ ކުރިންވެސް ވާހަކަ ދައްކާފައެވެ. ނަމަވެސް ސީދާ ޝޯ ކެންސަލް ކޮށްލާނެ ކަމަށް އެއްވެސް ފަރާތެއް ބުނި މިއީ ފުރަތަމަ ފަހަރެވެ.
ވޭތުވެ ދިޔަ އަހަރު އޭބީސީ އިން ވަނީ އެ ސީރީޒްގެ ދެސީޒަން އެކީގައި ރިނިއުކޮށްފައެވެ. އެގޮތުން ހަތްވަނަ ސީޒަން ދައްކާނެ ކަމާމެދު ކުރިންވެސް ވަނީ ކަށަވަރުވެފައެވެ.
ޕްރިޓީ ލިޓްލް ލަޔާޒްގެ ސީޒަން ހައެއް ކުރިއަށް ދާއިރު ސީޒަން 6A މިހާރު ނިމި ވަނީ ސީޒަންގެ މިޑް ބްރޭކްގައެވެ. އަދި ބްރޭކް އަށް ފަހު 6B އާއެކު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީގެ 12 ގައެވެ.
ވޭތުވެ ދިޔަ ސީޒަންގައި ސީރީޒްގެ މައިގަނޑު ކެރެކްޓަރުން އުޅުނީ "އޭ" ކިޔައިގެން އުޅޭ ފަރާތެއް ހޯދުމަށެވެ. ނަމަވެސް އޭ އަކީ ކާކުކަން މިހާރު ވަނީ ހާމަވެފައެވެ. އެހެން ކަމުން ސްޓޯރީލައިން ބަދަލު ކުރާނެ ކަމަށް ކިންގް ވަނީ ބުނެފައެވެ.
"އަޅުގަނޑުމެން މިބަލަނީ ސީރީޒްގެ ކުރިއަށް ހުރި ބައިގައި ފަސް އަހަރު ކުރިއަށް އޮޅާލުމަށް. އެހެން ކަމުން ދެން ފެނިގެންދާނީ ސީރީޒްގެ ކެރެކްޓަރުން މީގެ ފަސް އަހަރު ފަހުން އުޅޭގޮތުގެ މައްޗަށް. އެއާއެކު އަޅުގަނޑުމެން ސީޒަން ހަތަކާއެކު ސީރީޒް ނިންމާލާނަން،" ކިންގް ބުންޏެވެ.