ޓުރިވެންޑްރަމްގައި މިއަދު ފަށާ ސާފް ސުޒުކީ ކަޕްގެ ހުރިހާ މެޗުތަކެއް ސަން އޮންލައިނުން ކުރާ ގޮތަށް ނިންމައިފި އެވެ.

ސާފް ސުޒުކީ ކަފްގެ މެޗުތައް ސަން އޮންލައިނުން ލައިވް ސްޓްރީމް ކުރުމަށް ސްޕޯޓެކްސް ޕްރައިވެޓް ލިމިޓެޑާ އެކު ސަން މީޑިއާ ގްރޫޕުން ރޭ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެއްބަސްވުމުގެ ދަށުން މިއަދުން ފެށިގެން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ސާފު ސުޒުކީ ކަޕްގެ ހުރިހާ މެޗެއް ސަން އޮންލައިނުން ލައިވް ސްޓްރީމް ކުރާނެ އެވެ.

ސަން މީޑިއާ ގްރޫޕުގެ ސީއީއޯ ސިނާން އަލީ ވިދާޅުވީ ސާފު ސުޒުކީ ކަޕްގެ މެޗުތައް މިފަހަރު ވެސް ލައިވް ސްޓްރީމް ކުރުމަަށް ނިންމީ ދުނިޔޭގެ ކޮންމެތާކު ހުރެގެން، އެއްވެސް ހުރަހެއް ނެތި، އިންޓަނެޓް މެދުވެރިކޮށް މެޗުތައް ބަލާލުމުގެ ފުރުސަތު ސަންގެ ކިޔުންތެރިންނަށް ތަނަވަސްކޮށްދިނުމަށް ކަމަށެވެ. ސާފު ސުޒުކީ ކަޕަކީ ސަރަހައްދުގެ އެންމެ ފޯރިގަދަ މުބާރާތައްވުމުން ދިވެހިންގެ އުންމީދުތަކާ އެއްފެންވަރެއްގެ ކަވަރޭޖެއް ގެނެސްދިނުމަކީ "ސަން"ގެ އަމާޒެއް ކަމަށް ސިނާން ވިދާޅުވި އެވެ.

"އަޅުގަނޑުގެ އެދުމަކީ 12 ވަނަ ކުޅުންތެރިންޔާގެ ދައުރު ތިބޭފުޅުން ފުރިހަމަ ކުރުން. ޖޯޝާއި ފޯރީގައި ޓީމަށް ސަޕޯޓު ދިނުމުގައި ކެރިގެން ނުކުތުމަށް. ޓީމަށް ދެވޭ ހިތްވަރަކީ ކާމިޔާބީއަށް ދެވެން އޮތް މަގު. ދެ ހާސް އަަށް ވަނަ އަހަރު ދިވެހި ސަޕޯޓަރުން ވަނީ އެކަން ދައްކައިދީފައި. 'ދިވެހިންގެ ފަހުރު ޔަގީން' ފޯރި ގެނައުމަކީ 12 ވަނަ ކުޅުންތެރިޔާގެ ދައުރު،" ސިނާން ވިދާޅުވި އެވެ.

ސަންގެ އޮންލައިންގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ ފޯރިގަދަ މި މުބާރާތުގައި މެއިން ސްޓްރީމް މީޑިއާއެއްގެ ދައުރު އަދާކުރުމުގައި ސަން އިސް ސަފުގައި ހަރަކާތްތެރިވެ، ދެމި އޮންނާނެ ކަމަށެވެ. ސަން އޮންލައި އިން އަބަދުވެސް އިސްކަންދޭނީ އާންމުންގެ ޝައުގުވެރިކަމާ އެއްވަރުގެ ކަވަރޭޖު ގެނެސް ދިނުމަށް ކަމަށް ވެސް ހިރިގާ ވިދާޅުވި އެވެ.

ސަން އޮންލައިނުން މީގެ ކުރިން ވެސް ވާނީ އެހެން މުބާރާތްތަކުގެ މެޗުތައް ލައިވް ސްޓްރީމްކޮށްފަ އެވެ. "ޔޫ ސްޓްރީމް" މެދުވެރިކޮށް ލައިވް ކޮމެންޓްރީއާއެކު ފުރަތަމަ ފަހަރަށް ރާއްޖޭގެ އޮންލައިން މީޑިއާއެއްގައި ފުޓްބޯޅަ މެޗުތައް ލައިވް ސްޓްރީމް ގެނެސްދިނީ ސަން އޮންލައިނުންނެވެ. މިދިޔަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖު ކަޕްގެ މެޗުތައް ވެސް ސަން އޮންލައިނުން ވާނީ ލައިވް ސްޓްރީމްކޮށްފަ އެވެ.

ސާފު ސުޒުކީ ކަޕްގެ މެޗުތައް ލައިވް ސްޓްރީމް ކުރުމުގެ ރައިޓްސް ސަން މީޑިއާ ގްރޫޕަށް ދިން ސްޕޯޓެކްސް ޕްރައިވެޓް ލިމިޓެޑަކީ ސާފު ސުޒުކީ ކަޕްގެ މެޗުތަކުގެ އެކްސްކުލޫސިވް ރައިޓްސް ނަގާފައިވާ ބައެކެވެ. އެ ކުންފުންޏަކީ ބައިނަލް އަގުވާމީ ބޮޑެތި ކުޅިވަރު މުބާރާތްތަކުގެ އެކްސްކުލޫސިވް ރައިޓްސް ހޯދައިގެން، އެ މުބާރާތްތައް ޕްރޮމޯޓްކޮށް، އެހެން ފަރާތްތަކަށް މެޗުތައް ދެއްކުމުގެ ފުރުސަތު ތަނަވަސްކޮށްދެމުންދާ ކުންފުންޏެކެވެ.

ސާފް ސުޒުކީ ކަޕްގެ ލައިވް ސްޓްރީމިން ސްޕޮންސާކޮށްފައި ވަނީ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އެވެ.

ސާފު ސުޒުކީ ކަޕަށް ހާއްސަކޮށްގެން ސަން އޮންލައިނުން ވަނީ ތައާރަފްކޮށްފަ އެވެ. ޓްރިވެންޓްރަމަށް ގޮސް ތިބި ސަންގެ ނޫސްވެރިން ގެނެސްދޭ ހަބަރާއި ރިޕޯޓުތައް ތާޒާކަމާ އެކު ކިޔުންތެރިންނާ ހިސާބަށް އެ ޕޭޖު މުވެރިކޮށް ގެނެސްދޭނެ އެވެ. އަދި މުބާރާތުގެ މެޗުތަކުގެ ފޮޓޯތަކާއި ދިވެހި ސަޕޯޓަރުންގެ ތައްޔާރީތަކުގެ ފޮޓޯތައް ވެސް ކިޔުންތެރިންނާ ހިސާބަށް ގެނެސްދޭނެ އެވެ.

ގައުމީ ޓީމު ކުޅެމުންދާ މެޗުތަކުގެ މައުލޫމާތު ޓްރިވެންޑްރަމަށް ގޮސް ތިބި ނޫސްވެރިން ގެނެސްދެމުންދާ އިރު، މުބާރާތަށް ހާއްސަކޮށްގެން މާލޭގައި ވެސް ސަން އިން ވަނީ ކަވަރޭޖަށް ހާއްސަ ޔުނިޓެއް އުފައްދައިފަ އެވެ.