22 Dec 2015, 23:41
ޗައިނާއާ އެކު އިގްތިސާދު ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ދެގައުމުގެ ދެމެދުގައި ފްރީ ޓްރޭޑް ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި އަންނަ އަހަރުގެ ނިޔަލަށް ސޮއިކޮށް ނިންމާލާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒުގައި ވަނަވަނަ އަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޗައިނާއާ އެކު ރާއްޖެއިން ކުރަމުން އަންނަ އެންމެ މުހިންމު އެއް މަސައްކަތަކީ އެ ގައުމާ އެކު ފްރީ ޓްރޭޑް އެގްރީމެންޓަކަށް ވަނުން ކަމަށެވެ.
ދެގައުމެއްގެ ދެމެދުގައި ފްރީ ޓްރޭޑް ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރެވިއްޖެ ނަމަ ލިބޭނެ އެންމެބޮޑު އެއް ފައިދާ އަކީ ޑިއުޓީފީ އެއް ނުނަގައި އެ ގައުމަކަށް ތަކެތި އެކްސްޕޯޓް ކުރެވުމެވެ.
"އިރާދަކުރެއްވިއްޔާ މިކަމަކަށް 15 އަހަރެއް ނުނަގާނެ. އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ނިޔަލަށް އަޅުގަނޑުމެން މި ފްރީ ޓްރޭޑް އެގްރީމެންޓް ސޮއިކޮށް ނިންމާނަން. އަދި އެ މުއާހަދާ ތަސްދީގުކޮށް އަޅުގަނޑުމެންގެ މުދާ ވިއްކުމުގެ ކަންތައް ހިނގާނެ،" ރައީސް ޔާމީން ވިދާލުވި އެވެ.
ރައީސް ވިދާޅުވީ އިމްޕޯޓް ޑިއުޓީން ދައުލަތައް ލިބޭ އާމްދަނީ އަކީ ސައިޒެބަލް އާމްދަނީއަކަށްވީ ނަމަވެސް މީގެކުރިން އިމްޕޯޓް ޑިއުޓީއަށް ބަރޯސާވަމުން އައި މިންވަރަށް މިހާރު ބަރޯސާ ނުވާ ކަމަށެވެ. އެހެންކަމުން ރާއްޖެއަށް އެތެރެކުރާ ބޭރުގައުމުގެ މުދަލުން ޑިއުޓީ ކުޑަކުރުމަކީ ނުވަތަ ކަނޑާލުމަކީ ދައުލަތައް ލިބޭ އާމްދަނީއަށް ކޮންމެވެސް ވަރެއްގެ އަސަރެއްކުރި ނަމަވެސް އެއިން ގެއްލުމެއްވާނެ ކަމެއް ނޫންކަމަށް ރައީސް ވިދާޅުވި އެވެ.
"ރާއްޖޭގެ ރައްޔިތުންނަށް މިކަމުން ވާނީ ފައިދާ. ރާއްޖޭގެ ރައްޔިތުންނަކަށް ގެއްލުމެއް ނުވާނެ. ޑިއުޓީއަކީ މުދަލުގެ އަގަށްލެވޭ އަގެއް. މުދާ އަގުހެޔޮކޮށް ލިބޭކަމުގައިވާ ނަމަ ދިވެހި ރައްޔިތުންނަކަށް އެއިން ގެއްލުމެއް ނުވާނެ. އަދި މީގެ ސަބަބުން ގައުމުގެ އުފެއްދުންތެރިކަން ވެސް އިތުރުވާނެ. ތަކެތި އުފައްދަން ބޭނުންވާ ތަކެތި އަންނާނެ. އެ އެއްޗެހި އަގުހެޔޮކޮށް ލިބުނީމަ ވާނީ ފައިދާ،" ރައީސް ޔާމީން ވިދާޅުވި އެވެ.
"މިސާލަކަށް މަސް އެކްސްޕޯޓް ކުރާއިރު، އެއިން 30 ޕަސެންޓް ޑިއުޓީފީގެ ގޮތުގައި ނަގާނެގުން ފްރީ ޓްރޭޑް އެގްރީމެންޓެއްގެ ސަބަބުން ސުމަކަށް ބަދަލުވީމަ އޭގެ ފައިދާ ވާނީ ހަމަ ދިވެހި ރައްޔިތުންނަށް. އެހެންވީމަ ފްރީ ޓްރޭޑް އެގްރީމަންޓަކަށް ވަނުމުގެ ބޭނުމަކަށް ވަނީ މިދެންނެވި ފަދަ ފައިދާތަކެއް ރައްޔިތުންނަށް ހޯދައިދިނުން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ފްރީ ޓްރޭޑް އެގްރީމެންޓެއްގައި ޗައިނާއާ އެކު ސޮއިކުރުމުގެ މަޝްވަރާތައް މިހާރު ވަނީ ފަށާފަ އެވެ.