22 Dec 2015, 22:52
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ރަޖީވް ޝަހާރޭ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފާ ބައްދަލުކުރައްވައިފިއެވެ.
މިއަދު ޝަހީދު ހުސައިން އާދަމް ބިލްޑިންގގައި ބޭއްވި ބައްދަލުވުމުގައި މޯލްޑިވްސް ޕޮލިސް ސާވިސްއާއި އިންޑިއާ ފުލުހުންނާ ދެމެދު އޮތް ގުޅުން މިހާރަށްވުރެ ބަދަހިކުރެއްވުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ދެއްކެވި ވާހަކަފުޅުގައި އިންޑިއާ ސަރުކާރުން ފުލުހުންގެ މުއައްސަސާގެ އިންސާނީ ވަސީލަތްތަކާއި އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް ދެމުންދާ އެހީތެރިކަމާ އެއްބާރުލުން ކުރިއަށް އޮތްތަނުގައިވެސް ދެމުންދާނެކަމަށް ވިދާޅުވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަރީފް މި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ވަނީ އިންޑިއާ ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތް ކުރިއަރުވައި ތަރައްޤީ ކުރުމަށް ވެދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެއިތުރުން މި ބައްދަލުވުމުގައި އިންޑިޔާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުޝަހާރޭ ވަނީ އިންޑިއާގައި ފެށުމަށް ހަމަޖެހިފައިވާ އައިޕީއެސް އައިޕީއެސް ޕްރޮބޭޝަނަރސް ކޯހުގައި ބައިވެރިވާ ދިވެހި ހަތަރު ފުލުހުންނަށް ޓިކެޓާއި ކޯހުގެ އިރުޝާދުތައް ހަވާލުކޮށްދެއްވާފައެވެ.
މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަރީފާއި އިންޑިއާ ސަފީރު ޝަހާރޭގެ އިތުރުން ކޮމިޝަނާސް ބިއުރޯގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފާއި އިންޑިއަން ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ ބައިވެރިވެލެއްވިއެވެ.