ސާފް ސުޒުކީ ކަޕަށްދާ ދިވެހި ގައުމީ ފުޓްބޯޅަ ޓީމް މިރޭ އިންޑިއާގެ ޓްރެވެންޑްރަމަށް ފުރައިފިއެވެ.

މާދަމާ އިން ފެށިގެން އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް އިންޑިއާގެ ޓުރިވެންޑްރަމްގައި އޮންނަ އެ މުބާރާތަށް މިއަދު ފައިނަލް ކުރި 20 ކުޅުންތެރިންގެ ސްކޮޑާ އެކު އެސިސްޓެންޓް ދެ ކޯޗުން ކަމަށްވާ އަސްއަދު އަބްދުލް ޣަނީ އާއި އިސްމާއިލް މަޚްފޫޒް (އިއްމަ) ވެސް ވަނީ ގޮސްފައެވެ.

މިރޭ ގައުމީ ޓީމް ފުރިއިރު އެ ކުޅުންތެރިންނަށް ފަސް ނަމްބަރު ޖެޓީ އިން އަލްވަދާއު ދެންނެވީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ބައްސާމު އާދިލް ޖަލީލާއި އެފްއޭއެމްގެ ނޯމެލައިޒޭޝަން ކޮމެޓީގެ މެމްބަރު އަލީ އުމުރަވެ. މީގެ އިތުރުން މާޒިޔާ ސްޕޯޓްސް ކުލަބުގެ ކޯޗު އަލީ ސުޒޭން ވެސް ވަނީ ބައިވެރި ވެފައެވެ.

ސާފް ސުޒުކީ ކަޕަށްދާ ދިވެހި ގައުމީ ފުޓްބޯޅަ ޓީމްގެ ކުޅުންތެރިން މިރޭ އިންޑިއާގެ ޓްރެވެންޑްރަމަށް ފުރުމުގެ ކުރިން އެފްއޭއެމްގެ އިސްވެރިންނާ ސަލާން ކުރަނީ --- ސަން ފޮޓޯ: އަލީ ނަސީރު

މުބާރާތަށް ފުރުމުގެ ކުރިން 2008 ވަނަ އަހަރު ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދައިދިން ޓީމްގެ ކެޕްޓަން އަދި މިހާރުގެ އެސިސްޓެންޓް ކޯޗް އަސްއަދު ބުނީ ގައުމީ ޓީމް އެނބުރި ރާއްޖެ އަންނާނީ ދިވެހީން ބޭނުން ވާކަހަލަ ރަނގަޅު ކާމިޔާބީއެއް ހޯދައިގެން ކަމަށާއި މިހާރު ތިބި ކުޅުންތެރިންނަކީ އެކަން ހާސިލުކުރުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ވެސް ކުރަން ތައްޔާރަށް އޮތް ޓީމެއް ކަމަށެވެ.

އެ މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗް 24 ވަނަ ދުވަހު ބޫޓާނާ ދެކޮޅަށް ނިކުންނައިރު ގައުމީ ޓީމްގެ ކޯޗް ރިކީ ހާބަޓްއާ ކެޕްޓަން އަލީ އަޝްފާގު (ދަނގަޑޭ) ވަނީ ރޭ ދަންވަރު ޓުރެވެންޑްރަމް އަށް ގޮސްފައެވެ.

ސާފް ސުޒުކީ ކަޕަށްދާ ދިވެހި ގައުމީ ފުޓްބޯޅަ ޓީމްގެ އެސިސްޓެންޓް ކޯޗު އަސްއަދާއި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް ސަލާން ކުރައްވަނީ --- ސަން ފޮޓޯ: އަލީ ނަސީރު

މިއަދު ޓްރެވެންޑްރަމް ގައި އޮތް ޕްރީ މެޗް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ބުނީ ޒުވާން ގިނަ ކުޅުންތެރިންތަކަކާ އެކު ކޭމްޕް ކޮށް ތަމްރީންތަކެއް ހެދުމުން ރާއްޖޭގެ ފުޓުބޯޅައިގެ ކުރިމަގު ވަރަށް އުޖާލާކޮށް ފެނިގެން ހިގައްޖެ ކަމަށާއި މިހާރު ގައުމީ ޓީމްގެ ކޯޗަކީ އޭނާގެ ހަޔާތުގައި ވެސް ދުށް އެންމެ މޮޅު ކޯޗު ކަމަށެވެ.

ގައުމީ ޓީމުގެ ކޯޗު ރިކީ ހާބަޓު ރާއްޖޭގެ ފުޓުބޯޅަ ކުރިއަށް ގެންދަން ކުރާ މަސަތްކަތް ވެސް ފެނިގެން ގޮސްފައިވާ ކަމަށް ދަގަނޑޭ ބުންޏެވެ.

ނޫސްވެރިންނާ ވާހަކަދައްކަމުން ހާބަޓް ބުނީ އޭނާ މަސަތްކަތް ކުރަނީ ދިވެހިން މާޔޫސް ނުވާ ފަދަ ރަނގަޅު ކާމިޔާބެއް ރާއްޖޭގެ ޓީމަށް ހޯދައިދޭން ކަމަށެވެ.

ގައިމީ ޓީމް މިރޭ އިންޑިއާއަށް ދާއިރު އެ މުބާރާތުގައި ވާދަކުރާ ހުރިހާ ގައުމު ތަކަކުން ވެސް ވަނީ މިހާރު އެ ގައުމުގައި ކޭމްޕް ކޮށްފައެވެ.