ސަރުކާރުގެ މުވައްޒަފުން ނުވަތަ ސިވިލް ސާވިސް މުވައްޒަފުން މަސައްކަތަށް ނުނިކުމެ ހަޅުތާލު ކުރާނަމަ މުސާރައިން ކެނޑި އަދި "އެހެން ކަންތައްތައް ވެސް ވާނެ" ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒުގައި ވަނަވަނަ އަށް ހޮވުނު ފަރާތްތަކަށް އިނާމު ދިނުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކޮންމެ ކަމެއްގައި ހައްލެއް ހޯދަން މުޒާހަރާ ކުރުންފަދަ އުނދަގޫ ގޮތްތައް އިޚްތިޔާރު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

ރައީސް ޔާމީން އެހެން ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ ބައެއް ސެކްޝަންތައް އުވާލައި އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން އެހެން އިދާރާތަކަށް ބަދަލުކުރަން ނިންމަވާފައި ވަނިކޮށް، އެ މުވައްޒަފުންތައް މިއަދު ހަޅުތާލުކޮށްފައި ވަނިކޮށެވެ.

"ކޮންމެ ކަމެއްގައި މުޒާހަރާކޮށް ހައްގު ހޯދުމަށް މި އޮންނަ އުނދަގޫ ގޮތްތައް އިޚްތިޔާރުކުރުމަކީ ރަނގަޅުކަމެއް ނޫން. އަޅުގަނޑު އިއްޔެވެސް ދެންނެވިން މިއިން އެއްވެސް ބޭފުޅަކު ބާކީއެއް ނުވާނެއޭ. މާދަމާވެސް މަސައްކަތައް ނުކުމެ ވަޑައިގަންނަވަންވީ. މަސައްކަތައް ނުކުމެވަޑައިގެން ނުގަންނަވާ މަސައްކަތް ކުރައްވާ ބޭފުޅުން ހަޅުތާލުކުރާނަމަ މުސާރައިންވެސް ކެނޑޭނެ އަދި އެހެން ކަންތައްތައް ވެސް ވާނެ. ރައީސަކަށް ހުރި މީހަކު ވަރަށް އިހުލާސްތެރިކަމާ އެކު މިބުނަނީ މިއިން އެއްވެސް މީހަކު ބާކީއެއް ނުވާނެއޭ. ދެން ކޮންކަމަކާތޯ މުޒާހަރާކުރަން، " ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ މުވައްޒަފުން މަސައްކަތް ކުރާނީ އިކޮނޮމިކް މިނިސްޓްރީގައިތޯ ނުވަތަ އެހެން މިނިސްޓްރީއެއްގައިތޯ ނިންމާނީ ސަރުކާރުން ކަމަށާއި އެއީ އެ މުވައްޒަފެއްގެ އަތްމަތީގައި އޮތް ކަމެއް ނޫން ކަމަށެވެ.

"ސަރުކާރުގެ އެއްވެސް މުވައްޒަފަކު އަޅުގަނޑު ކައިރީ ބުނެގެން ނުވާނެ ތިމަންނަ އުޅޭނީ މިވެނި އޮފީހެއްގައޭ. އެއީ ބުނެވޭނެ ވާހަކައެއް ނޫން. އޭނާގެ ތަމްރީނު ހުރިވަރެއް ބަލާފަ އެކަން ނިންމާނީ ސަރުކާރުން. އެކަން ނިންމާނީ ވޯލްޑް ބޭންކަކުންނެއް ނޫން. ވޯލްޑް ބޭންކުން ފިނޭންސާ މަތިކޮށްފަ ހުންނަ ކަންތައްތަކެއް ނޯންނާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން އުވާލުމަށް ނިންމާފައިވާ ސެކްޝަނުގެ ތެރޭގައި ކޮންމެ އަހަރެއްގައި ވެސް ދައުލަތުގެ ބަޖެޓު ހަދަމުން އަންނަ، ބަޖެޓު ސެކްޝަނާއި ޑެޓް ސެކްޝަން ހިމެނެއެވެ. އަދި އައިޓީ ސެކްޝަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން މަސައްކަތަށް ފަރުވާ ކުޑަ ކުރާ މުވައްޒަފުން ވަކި ކުރަން އަންގާފައިވާއިރު ކޮންމެ ޑިވިޝަނަކުން ދެ މުވައްޒަފަކު ވަކި ކުރުމަށް ވެސް ވަނީ އަންގައިފަ އެވެ.

ސަރުކާރުން މިއަދު ބުނީ މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ފިނޭންސުން ވަކި ކުރާ މުވައްޒަފުންވީ އެންމެ އަވަހަކަށް ސަރުކާރުގެ އޮފީސްތަކަށް ބަދަލުކުރުން ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު ވިދާޅުވީ މުވައްޒަފުން ބަދަލު ކުރުމުގެ މަސައްކަތް މިހާރުވެސް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އެކަމުގައި ސިވިލް ސާވިސް ކޮމިޝަނުގެ ދައުރުވެސް ވަރަށް ބޮޑު ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ މުވައްޒަފުން މިއަދު ވަނީ ސިވިލް ސާވިސް ކޮމިޝަނަށް ޕެޓިޝަނެއް ވެސް ހުށަހަޅާފަ އެވެ.