12 Apr 2011, 08:26
ޑޮލަރުގެ މައްސަލާގައި ބުރާސްފަތި ދުވަހުގެ ރޭ މައުމޫން ފެކްޝަނުން ބާއްވަން އުޅުނު ހިނގާލުން މިރެއަށް އަވަސް ކުރުމުން ލީޑަރު ތަސްމީން ފެކްޝަންގެ ހިނގާލުމާއެކު ދެ ފެކްޝަނުން ހިނގާލުން ވެސް އޮންނާނީ މިރޭގަ އެވެ.
ޑޮލަރު ވިއްކާ ރަސްމީ ރޭޓަށް ސަރުކާރުން ގެނައި ބަދަލުން ރައްޔިތުންނަށް ވޭން ތަހަމްމަލް ކުރަންޖެހިފައިވާ ކަމަށް ބުނެ، މައުމޫން ފެކްޝަނުން ކުރިން މަގުމައްޗަށް ނުކުންނަ އޮތީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ. ހަމަ އެ މައްސަލައަށް އަމާޒުކޮށް ލީޑަރު ތަސްމީން ބާއްވަވާ ހިނގާލުން ތާވާލުކޮށްފައި އޮތީ މިރެއަށެވެ. މައުމޫން ފެކްޝަންގެ ހިނގައިލުން އަވަސްކޮށް މިރެއަށް ހަމަޖެއްސުމުން ޑީއާރްޕީގެ ވާދަވެރި ދެފެކްޝަން މިރޭ މާލޭގެ މަގުތަކުން ފެންނާނެ އެވެ.
~
މައުމޫންގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް )މުންދު( ވިދާޅުވީ ޑޮލަރުގެ މައްސަލާގައި އެފެކްޝަނުން ބާއްވާ ހިނގާލުން މި ރެއަށް އަވަސްކުރީ ޑޮލަރުގެ އަގު އުފުލުމަކީ އަވަސް ހައްލެއް ބޭނުންވެފައިވާ މައްސަލައަކަށްވާތީ އަވަހަށް ރައްޔިތުންގެ އަޑު އުފުލުމާއެކު މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުން ކަމަށެވެ.
ދެ ފެކްޝަނުން ވަކިވަކިން ބާއްވާ ހިނގާލުމުގައި ހަމަނުޖެހުންތަކެއް ހިގާފާނެތީ ތަސްމީން ފެކްޝަން ދަތުރު ކުރާ މަގުތަކުން ނުދިއުމަށް ނިންމާފައިވާ ކަމަށް ވެސް މުންދު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ޑޮލަރުގެ މައްސަލާގައި މިރޭ ބާއްވާ ހިނގާލުމަކީ ސިލްސިލާ މުޒާހަރާތަކަށް ވުން ވެސް އެކަށީގެންވާ ކަމަށެވެ. ހިނގާލުމުގައި މަދަނީ ޖަމިއްޔާތަކާއި އެހެނިގެން ފަރާތްތައް ބައިވެރިކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެ މީހުން (ތަސްމީން ފެކްޝަން) ދާ ރޫޓަކުން ނުދާނަން. ފުލުހުންނާ މަޝްވަރާކޮށްގެން ދާނެ މަގުތަކެއް އަޅުގަނޑުމެން ކަނޑައަޅަމުން މިދަނީ. މި އިހްތިޖާޖުތަކުގައި އަމިއްލަ އެންޖީއޯތަކާއި އެހެނިހެން ފަރާތްތައް ބައިވެރިވުމާއެކު މަޝްވަރާ ކުރަމުން މިދަނީ،" މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވީ ސުނާމީ ބިނާ ސަރަހައްދުން ފަށައިގެން އެ ސަރަހައްދަށް ނިންމަން ރާވާފައިވާ ހިނގާލުމުގައި މުލިއާގެ ކައިރިއަށާއި ޖުމްހޫރީ މައިދާނަށް ދިއުމުގެ ހިޔާލު ނެތް ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު މިރޭ އަވަހާރަލެއްޕުވުމުގެ ކުރިން، ހިނގާލުމުގެ ޝުއޫރުތައް އެމަނިކުފާނަށް އިއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މައުމޫން ފެކްޝަނުގެ ހިނގާލުން މިރެއަށް އަވަސްކުރި އިރު، ތަސްމީން ފެކްޝަނުން ވެސް ވަނީ ޑޮލަރުގެ މައްސަލާގައި މިރޭ މަޖީދީ މަގުގެ އެއްކޮޅުން އަނެއްކޮޅަށް ހިނގަން ނުކުތުމަށް ތައްޔާރުވެފައެވެ. އެ ފެކްޝަން ވެސް މަގުމައްޗަށް ނުކުންނަނީ ޑޮލަރުގެ މައްސަލައިގަ އެވެ. މިރޭ ވެގެން ދާނީ ޑީއާރްޕީގެ ދެބައި ވެރިރަށް މާލޭގެ މަގުތަކުގައި ހިނގަން ނުކުންނަ ރެއަކަށެވެ.