22 Dec 2015, 20:24
މިމަހު ބޭނުން ކުރަން ނިންމާފައިވާ ދިވެހި ފައިސާގެ އާ ނޫޓް ސީރީސް ނެރުން ލަސްވަނީ އޭޓީއެމްތަކުގެ ސޮފްޓްވެއާ ބަދަލުކުރަން ޖެހޭތީ ކަމަށް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، "ރަން ދިހަފަހެއް" ނޫޓް ސީރީސް ނެރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރާއްޖޭގެ ބޭންކްތަކާ ގުޅިގެން އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށާއި، އެ މަސައްކަތް ލަސްވަނީ އޭޓީއެމްތަކުގެ ސޮފްޓްވެއާ އަށް ބަދަލުގެންނަން ޖެހޭތީ ކަމަށެވެ.
އެމްއެމްއޭ އިން ބުނީ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރުމަށް އަދި އެކައުންޓުން ފައިސާ ނެގުމަށް ބޭނުންކުރާ އޭޓީއެމް އަދި ބޭންކްތަކުން ބޭނުންކުރާ ކޭޝް ހޭންޑްލިން މެޝިންތަކުން ރަންދިހަފަހެއް ނޫޓް ސީރީޒް ގެ ނޫޓުތައް ބޭނުންކުރުމަށްޓަކައި އެ މެޝިންތަކުގެ ސޮފްޓްވެއާ އަށް ބަދަލުގެންނަން ޖެހޭ ކަމަށާއި އެއީ ރާއްޖެއިން ބޭރުން ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ.
އެހެންކަމުން ރަންދިހަފަހެއް ނޫޓް ސީރީޒް ނެރުމަށް ކުރިން ލަފާކުރި މުއްދަތަށްވުރެ މިހާރު ލަސްވެފައިވާ ކަމަށާއި ނޫޓް ސީރީޒް ބޭނުންކުރަން ނެރުމަށް މިހާރު ހަމަޖެހިފައިވާ ތާރީހަކީ އަންނަ ޖެނުއަރީ މަހުގެ 26 ކަމަށް އެ އޮތޯރިޓީން ނެރުނު ބަޔާނުގައިވެ އެވެ.
އެ އޮތޯރިޓީން ބުނީ ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުންނަކީ ނަގުދު ފައިސާ ބޭންކް އެކައުންޓަށް ޖަމާކުރުމަށް އަދި ފައިސާ ނެގުމަށް އޭޓީއެމް ބޭނުންކުރާ ފަރާތްތަކަކަށް ވާތީ އޭޓީއެމްތަކުން ނޫޓް ސީރީޒް ބޭނުން ނުކުރެވޭނަމަ ގިނަ ބަޔަކަށް އަދި ވިޔަފާރިތަކަށް ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.