22 Dec 2015, 19:32
ޝާލްކާއަށް ކުޅެމުންދާ އެސީ މިލާންގެ ކުރީގެ ތަރި ކެވިން ޕްރިންސް ބޯޓަންގު އަނެއްކާ ވެސް އޭސީމިލާނަށް ކުޅެން އެއްބަސް ވެއްޖެއެވެ.
އޭސީ މިލާންގައި މޮޅުކުޅުމެއް ދެއްކުމަށް ފަހު 2013 ވަނަ އަހަރު ޝާލްކޭ އަށް ބަދަލުވެ ރަނގަޅުކުޅުމެއް ދެއްކިފައިނުވާ އިރު ބޯޓަންގ މިހާރު ވަނީ އެ ކުލަބާއިއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނައިސްފައެވެ.
އޭސީ މިލާންގެ ޗީފް އެކްޒެކެޓިވް އެޑްރިއާނޯ ގަލިއާނީ ވިދާޅުވީ ބޯޓަންގު އޭސީ މިލާންއަށް ގެނައުމުން އެ ޓީމް އިތުރަށް ވަރުގަދަވެ އަންނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގްގެ ޖާގައެއް ހޯދުމަށް ކުރަމުން އަންނަ މަސަތްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ.
ޖަރުމަނަށް އުފަން ގާނާއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ މިޑްފީލްޑަރު 2010 ވަނަ އަހަރު އޭސީ މިލާން އަށް ގުޅުމުގެ ކުރިން ހާތާ ބާލިން އާއި ޕޯޓްސްމައުތު އަދި ޓޮޓެންހަމް ހޮޓްސްޕާ އަށް ވެސް ވަނީ ކުޅެފައިވެއެވެ.
ބޯޓަންގު ޒުވާން އުމުރު ޖަރުމަނުގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުނު އިރު 2009 ވަނަ އަހަރު އޭނާ ވަނީ އެ ގައުމަށް ކުޅެން ބޭނުން ނުވާ ކަމަށް ބުނެ ޖިހިގެން އައި އަހަރު ގާނާގެ ރައްޔިތަކަށްވެ 2010 އަހަރުގެ ވޯލްޑް ކަޕާއި 2014 ވަނަ އަހަރުގެ މުބާރާތުގައި ވެސް އެ ގައުމަށް ކުޅެދީފައެވެ.
އަންނަ އަހަރުގެ ސީޒަނުގައި އޭސީ މިލާނުން ފެނިގެންދާނެ ބޯޓަންގ ވަނީ މީގެ ކުރިން މިލާނަށް ކުޅެދިން 74 މެޗުގައި 10 ލަނޑު ޖަހައިދީފައެވެ. އަދި 2010 ވަނަ އަހަރުގެ ލީގް ވެސް އެޓީމާއި އެކު އޭނާ ވާނީ ކާމިޔާބް ކޮށްފައެވެ.