ހުޅުމާލެ އާއި އެއާޕޯޓާ ދެމެދު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދެމުން އަންނަ ބަހުގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް އެ ކުންފުނިން މިއަދު އިތުރު ދެ ބަސް ޚިދުމަތަށް ނެރެފި އެވެ.

"މޭން" ބްރޭންޑްގެ އެ ދެ ބަހަކީ ކޮންމެ ބަހެއްގައި އެއްފަހަރާ 44 ފަސިންޖަރުން ލަގެޖާ އެކު އުފުލޭނެ ބަސްތަކެކެވެ. ހުޅުމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ބަސްތައް ތައާރަފްކޮށްދެއްވީ ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރާއި އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމެވެ.

އަލަށް ތައާރަފްކުރި ބަސްތަކުގެ ސަބަބުން މިހާރު ހުޅުމާލޭގައި އެއާޕޯޓާ ދެމެދު ގަޑިއަކު އެއްފަހަރު ދެމުން އަންނަ ބަހުގެ ޚިދުމަތް ގަޑިއަކު ދެ ދަތުރަށް ބަދަލުވެގެންދާނެ ކަމަށާއި އެ ބަދަލާ އެކު ހުޅުމާލޭއާއި އެއާޕޯޓާ ދޭތެރޭ ދުވާލަކު 4300 ފަސިންޖަރުން އުފުލުމުގެ ގާބިލުކަން އެ ކުންފުންޏަށް ލިބޭނެކަމަށް އެމްޓީސީސީގެ ސީއީއޯ ހަލީމް ވިދާޅުވިއެވެ.

އޭގެ އިތުރުން ހުޅުމާލެ ތެރޭގެ ބަސްދަތުރުތަކަށް ވެސް ބަދަލު އަންނާނެ ކަމަށް އެމްޓީސީސީންގެ ސީއީއޯ ވިދާޅުވިއެވެ. އެގޮތުން ޕީކް ގަޑިތަކުގައި ކޮންމެ ރޫޓެއްގައި ވެސް ދެ ބަސް އޮޕަރޭޓް ކުރާނެ ކަމަށާއި އެ ބަދަލާއެކު އާންމުން ބަހަށް ކުރީ އިންތިޒާރު ކުރުވެ ހުޅުމާލޭގެ އެއްތަނުން އަނެއްތަނަށް ދުވާލަކު 11،000 ފަސިންޖަރުން އުފުލޭނެކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީގެ ސީއީއޯ ހަލީމް ވިދާޅުވީ އެ ކުންފުނިން ރާއްޖޭގެ އެއްގަމު އަދި ކަނޑުގެ ދަތުރުފަތުރުގެ ޚިދުމަތް ދޭން ފެށީއްސުރެ ރާއްޖޭގެ ދަތުރުފަތުރުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންގެ މިއަދު މި ތައާރަފްކުރާ ދެ ބަސް ތައާރަފްކުރެވުމުން ހުޅުމާލޭގެ ރައްޔިތުންނަށާއި އަދި ހުޅުމާލެއިން އެއާޕޯޓަށް ދަތުރުކުރާ ބޭފުޅުންނަށް ވަރަށް ގިނަ ފަސޭހަތަކެއް ލިބި މި ހިދުމަތް ފުރިހަމައަށް ލިބޭނެކަމުގެ ޔަގީންކަން އަޅުގަނޑުމެން އަރުވަން،" ހަލީމް ވިދާޅުވި އެވެ.

ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފެރީގެ ދަތުރުތައް ފަތިހު 5:20 ގައި ފަށާއިރު މީގެކުރިން ހުޅުމާލެ ޓާމިނަލަށް ބަސް ދަތުރުތައް ފަށަނީ 5:40 ގަ އެވެ. ނަމަވެސް ހަލީމް ވިދާޅުވީ މިއަދު އިތުރުކުރި ދެ ބަހާއެކު ޓާމިނަލަށް ފަށާ ދަތުރުތައް 5:00 ގައި ފަށާނެ ކަމަށެވެ.