22 Dec 2015, 19:07
ސުޕްރީމް ކޯޓުން މައްސަލަ ނިމެންދެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމަށް ކޮންމެ ދުވަހަކު ތިން ގަޑިއިރަށް އެމަނިކުފާނާ ބައްދަލުކުރެވޭ ގޮތް ސަރުކާރުން ހަމަޖައްސާފައި ވީނަމަވެސް، އެއަށް ވުރެ އިތުރު ވަގުތު ބޭނުންވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ބުނެފިއެވެ.
އެމްޑީޕީ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލާ ސަފާ ޝަރީފް ވިދާޅުވީ މައްސަލަ އިސްތިއުނާފް ކުރުމަށް ސަރުކާރުން ލުއިތަކެއް ދީ، ފުުރުސަތު ފަހިކޮށްދީފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް ސަރުކާރުން ހަމަޖައްސާފައިވާ ތިން ގަޑިއިރަކީ އެށީގެންވާ ވަގުތު ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެން ނަމަވެސް ފާހަގަކޮށްލަން ބޭނުންވާ ކަމަކީ ތިން ގަޑިއިރު ބައްދަލު ކުރި ނަމަވެސް އިލްތިމާސަށް ހުށަހެޅުމަށް މައްސަލައިގައި ހިމަނާފައިވާ ހުރިހާ ލިޔެކިޔުންތައް އެވަގުތު ތެރޭގައި ދިރާސާކޮށް ރައީސް ނަޝީދާ އެކު މަޝްވަރާކޮށް އެއާ ގުޅޭގޮތުން އެކަށީގެންވާ ލަފާ އެރުވުމަކީ ދަތި ކަމެއް،" ޝަފާ ވިދާޅުވިއެވެ.
އެހެންކަމުން ވަކީލުން ވަނީ 19 ޖުލައި ވަނަ ދުވަހު އެމަނިކުފާނު ގެއަށް ބަދަލުކޮށްފައިވާ ކަމަށް ކަރެކްޝަންސް އިން ދޫކުރި ކަމަށް ބުނާ ލިޔުމުގައިވާ ގޮތަށް ނަޝީދު ގެއަށް ބަދަލުކުރުމަށް މިއަދުވެސް ވަކީލުން ވަނީ ސަރުކާރަށް ގޮވާލައިފައެވެ.
ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމް މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
އިސްތިއުނާފަށް ހުށަހެޅި ނުކުތާތައް
- ނަޝީދުގެ މައްޗަށް ކުރެވުނު ޓެރަރިޒަމްގެ ދައުވާ ބާތިލް ކުރުމަށް
- ކްރިމިނަލް ކޯޓުން ނަޝީދުގެ މައްޗަށް ކުރެވުނު ހުކުމަކީ ބާތިލް ހުކުމެއް ކަމަށް ނިންމަވައި ދެއްވުން
- އަބްދުﷲ ގާޒީ ހައްޔަރު ކޮށް ބަންދުގައި ބެހެއްޓުމަކީ ކުށެއްކަމަށް ސްޕްރީމް ކޯޓަށް ފެންނަނަމަ އާގާނޫނުލްއުގޫބާތުގެ ދަށުން ދައުވާކޮށްދިނުމަށް ޕީޖީގައި އެދުން
ދައުލަތުގެ ފަރާތުން ވެސް ރައީސް ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު އެމައްސަލަ މިހާރު ވަނީ ކޯޓުން ބަލައިގަނެފަ އެވެ.