މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ކޮރަޕްޝަނަށް މަގުފަހުވާ ގޮތަށް ޓޫރިސްޓު ރިސޯޓު ތަރައްގީކުރަން 17 ރަށެއް ދޫކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރާ ފުލުހުން ސުވާލުކޮށްފި އެވެ.

އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު މިއަދު ސަން އަށް ވިދާޅުވީ ފުލުހުންގެ ތަހުގީގު ޓީމުން އަދީބާ ސުވާލުކޮށްފައި ވަނީ އިއްޔެ ކަމަށެވެ.

ފުލުހުން ކުރި ސުވާލުތަކުގެ ޖަބާބުގައި ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން އެގްރީމެންޓްތަކުގައި ސޮއިކުރައްވާފައިވާނެ ކަމަށާއި ހުރިހާ އެގްރީމެންޓުތަކެއްގައި ސޮއިކުރީ ވެސް ގާނޫނީ ގޮތުން ހިމަނަން ޖެހޭ ހުރިހާ ލިޔުންތައް ހަމަތޯ ބެލުމަށް ފަހު ކަމަށް ވިދާޅުވެ، އަދީބު ޖަވާބުދެއްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިރާޖު ވިދާޅުވީ ޓޫރިސްޓު ރިސޯޓް ތަރައްގީކުރަން ދޫކުރި ރަށްތަކުގެ އަގު ކަނޑައެޅުމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގެންފައިވާ ކަމަށް މިހާތަނަށް ތަހުގީގަށް ދީފައިވާ ބަޔާންތަކުގައި އަދީބު ފާހަގަކުރެއްވި ކަމަށެވެ. އަދި ސީދާ ރައީސް ޔާމީން ރަށްތަކުގެ އަގު ކަނޑައަޅާ ކަމަށް ބަޔާންތަކުގައި އަދީބު ފާހަގަކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެންމެ ރަށަކާ ގުޅޭގޮތުން އިންވެސްޓަރާ މައްސަލައެއް ޖެހުމުން އެކަން ހައްލުކުރެއްވުމަށް ރައީސް މަސައްކަތް ކުރައްވާ ކަމަށް އަދީބު ވިދާޅުވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެމްއެމްޕީއާރްސީން 21 ރަށެއް ޓޫރިޒަމަށް ދޫކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން މީގެ ކުރިން ވަނީ ޕީޖީ އަށް ފޮނުވައިފަ އެވެ. އެ މައްސަލަތަކާ މެދު އަދި ވަކިގޮތެއް ޕީޖީ އޮފީހުން ނިންމާފައެއް ނުވެ އެވެ.

ހަމައެންމެ ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް މާލެ އަތޮޅުގެ ފަޅެއް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކުންފުންޏަކަށް ދޫކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލައިފަ އެވެ.