ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން މަގާމުން ވަކިކޮށް، އެ މިނިސްޓްރީގެ ބައެއް ސެކްޝަނުތައް އުވާލަން ރައީސް އޮފީހުން ނިންމުމާ ގުޅިގެން މުވައްޒަފުންނަށް އިންސާފު ހޯދައި ދިނުމަށް އެދި ސިވިލް ސާވިސް ކޮމިޝަނަށް ފިނޭންސުގެ މުވައްޒަފުން ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ފިނޭންސްގެ މުވައްޒަފުން މިއަދު ވަނީ އެކަމާ ގުޅިގެން މަސައްކަތް ކުރުން ހުއްޓާލައި ހަޅުތާލުކޮށްފަ އެވެ. މުވައްޒަފުން ހަޅުތާލި ކުރި ވަގުތު ފިނޭންސުން ދެމުން ގެންދާ ހިދުމަތްތައް ވަނީ ހުއްޓިފަ އެވެ. ބައެއް ސެކްޝަންތައް ހުހަށް ހުރި އިރު، އެ މިނިސްޓްރީގެ ރިސެޕްޝަންގައި އެއްވެސް މުވައްޒަފަކު ނެތެވެ.

ފިނޭންސް މިނިސްޓްރީގެ އިސް މުވައްޒަފަކު މިއަދު "ސަން" އަށް ބުނީ އެ މިނިސްޓްރީގެ މުވައްޒަފުން މަސައްކަތް ހުއްޓާލުމަށް ފަހު ހަޅުތާލަށް ނުކުތީ މިއަދު ހެނދުނު އޮފީހަށް އައި ގޮތަށް ކަމަށެވެ. އޭނާ ބުނީ ހަޅުތާލުގައި މިނިސްޓްރީގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ކަހަލަ ގޮތަކަށް ބައިވެރިވި ކަމަށެވެ.

ފިނޭންސްގެ މުވައްޒަފުން ސީއެސްސީ އަށް ހުށަހެޅި ޕެޓިޝަނުގައި ބުނެފައި ވަނީ އެ މިނިސްޓްރީގެ އޮނިގަނޑަށް ބަދަލު ގެންނަ ކަމަށްވާނަމަ ރަނގަޅު އޮޑިޓެއް ހަދަން ޖެހޭނެ ކަމަށެވެ. އަދި މިނިސްޓްރީގައި ތިބި ފަންނީ މުވައްޒަފުންގެ އިތުރުން އެހެނިހެން މުވައްޒަފުންގެ ކެރިއަރަށް ބެލުމަށްފަހު ނޫނީ ވަޒީފާ ބަދަލު ނުކުރުމަށް ވެސް ޕެޓިޝަނުގައި ބުނެފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން އުވާލުމަށް ނިންމާފައިވާ ސެކްޝަނުގެ ތެރޭގައި ކޮންމެ އަހަރެއްގައި ވެސް ދައުލަތުގެ ބަޖެޓު ހަދަމުން އަންނަ، ބަޖެޓު ސެކްޝަނާއި ޑެޓް ސެކްޝަން އުވާލަން ވެސް ވަނީ ނިންމާފަ އެވެ. އަދި އައިޓީ ސެކްޝަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން މަސައްކަތަށް ފަރުވާ ކުޑަ ކުރާ މުވައްޒަފުން ވަކި ކުރަން އަންގާފައިވާ އިރު ކޮންމެ ޑިވިޝަނަކުން ދެ މުވައްޒަފަކު ވަކި ކުރުމަށް ވެސް ވަނީ އަންގައިފަ އެވެ.

ސަރުކާރުން މިއަދު ބުނީ މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ފިނޭންސުން ވަކި ކުރާ މުވައްޒަފުންވީ އެންމެ އަވަހަކަށް ސަރުކާރުގެ އޮފީސްތަކަށް ބަދަލުކުރުން ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު ވިދާޅުވީ މުވައްޒަފުން ބަދަލު ކުރުމުގެ މަސައްކަތް މިހާރުވެސް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އެކަމުގައި ސިވިލް ސާވިސް ކޮމިޝަނުގެ ދައުރުވެސް ވަރަށް ބޮޑު ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އެ މުވައްޒަފުންނަކަށް {ފިނޭންސުން ވަކި ކުރާ މުވައްޒަފުން} ދެރަގޮތެއް ނުވާނެ. އެކަން އެގޮތަށް ކުރެވޭތޯ ސަރުކާރުން މި ބަލަނީ،" މުއާޒު ވިދާޅުވި އެވެ.

ފިނޭންސުގައި ތިބި ބައެއް މުވައްޒަފުން ސަރުކާރުގެ އެހެން އޮފީސްތަކަށް ބަދަލުކުރާއިރު އެ މުވައްޒަފުންނަށް ލިބޭ މުސާރަ އެހެން އޮފީހަކަށް ބަދަލު ކުރުމުން ކުޑަ ވާނެތޯ ދެންނެވުމުން މުއާޒު ވިދާޅުވީ ރައީސް އޮފީހުން އެކަމުގައި އުސޫލެއް އާއްމު ކުރާނެ ކަމަށެވެ.

ސިވިލް ސާވިސްގެ ކުރިއަށް އޮތް ފަސް އަހަރުގެ ޕްލޭން އިފްތިތާހުކުރަން ހޮޓެލް ޖެންގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ފިނޭންސް މިނިސްޓްރީގައި ތިބި ބައެއް ސިވިލް ސާވިސް މުވައްޒަފުން އެ މަގާމުތަކުން ވަކި ކުރުމަކީ އެއްގޮތަކަށް ވެސް އެމަނިކުފާނު ކުރާ ހިތްޕުޅުވާ ކަމެއް ނޫން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެކަން ކުރަންޖެހި ވަޑައިގަތީ ސިވިލް ސާވިސް ކޮމިޝަނުން ކުރަން ޖެހޭ ކަމެއް ނުކުރެވި އޮތުމުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެކަން ކުރަންޖެހުނީ އެތަންތަނުގެ ހިއުމަން ރިސޯސް އޮޑިޓެއް ހެދިފައި ނެތުމުން ކަމަށެވެ.