އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އަތުން 2-1 އިން މޮޅުވި މެޗަށް ފަހު އާސެން ވެންގާ ބުނީ ޓީމުގެ ކުޅުންތެރިން ލީގާއި މެދު ކުރާ އުންމީދު ބޮޑުވެ އެ ކުޅުންތެރިންގެ އިތުބާރު ވެސް ބޮޑުވެއްޖި ކަމަށެވެ.

ވާދަވެރި ސިޓީ ބަލޮކޮށް އާސެނަލް ދެ ވަނައިގައި އޮތީ 17 މެޗުން ލިބުނު 36 ޕޮއިންޓާ އެކު ތިން ވަނާގައި 32 ޕޮއިންޓާއި އެކު އޮތް ސިޓީ އަށް ވުރެން ދެ ޕޮއިންޓް އިތުރަށް ލިބިގެންނެވެ. އެއް ވަނާގައި ލެސްޓާ ސިޓީ އޮތީ 17 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި އާސެނަލް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ އާސެނަލުންނެވެ. އެ ލަނޑު މެޗުގެ 33 ވަނަ މިނެޓުގައި އާސެނަލްއަށް ކާމިޔާބު ކޮށްދިނީ ތިއޯ ވޮލްކޮޓްއެވެ. އާސެނަލްއަށް މެޗުގެ ލީޑް ފުޅާކޮށްދިން ލަނޑު މެޗުގެ 45 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޖިރޯ އެވެ. އާސެނަލް ކޮޅަށް ސިޓީން ޖެހި ހަމައެކަނި ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޔާޔާ ޓޫރޭ އެވެ.

މެޗަށް ފަހު ވެންގާ ބުނީ އެނާގެ ޓީމުން ސިޓީއާ ދެކޮޅަށް ރަނގަޅު މޮޅު ކުޅުމެއްދައްކާފައިވާ ކަމަށާއި ހަމަ އެ ކުޅުން 26 ވަނަ ދުވަހު ސައުތަމްޕްޓަންއާ ދެ ކޮޅަށް ދައްކަން ޖެހޭ ކަމަށެވެ.

"ޕްރިމިއާ ލީގަކީ ވަރަށް އުނދަގޫ ލީގެއް. އެހެން ކަމުން އެއްވެސް މެޗެއް ފަސޭހަ ކޮށްލައިފި ނަމަ ލީގު ހޯދުމަށް އުނދަގޫ ވެގެން ދާނެ. ސިޓީއަކީ ވެސް މޮޅެތި ގިނަ ކުޅުންތެރިންތަކަކާއި އެކީ ލީގަށް ވާދަކުރާ ޓީމެއް،" ވެންގާ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި އާސެނަލް ކުޅުނު މެޗުގެއި ވޮލްކަޓް ލަނޑު ޖެހުމަށް ފަހު ޓީމުގެ ކުޅުންތެރިންނާއި އެކު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ

ވެންގާ ބުނީ ރޭގެ މެޗަށް އޭނާގެ ޓީމުގު ކުޅުންތެރިން ލީގު ކާމިޔާބު ކުރުމަށް ކެތް މަދުވެފައިވާ ކަމަށާއި ހުރިހާ ކުޅުންތެރިން ގުޅިގެން ރޭގެ މެޗްގައު ދެއްކި ފަދަ ކުޅުމެއް ދައްކައިފިނަމަ ލީގު ނުލިބެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ޖުމުލަ 13 ފަހަރު ލީގު ހޯދާފައިވާ އާސެނަލް އެންމެ ފަހުން ލީގު ކާމިޔާބުކުރީ 2004 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ޓީމު ވަނީ އެފްއޭ ކަޕް ދެ ފަހަރު އަދި ޗެރިޓީ ޝީލްޑް އުފުލާލައިފަ އެވެ.

ވެންގާ ބުނީ ލީގު ކާމިޔާބު ނުކުރެވި ގިނަ އަހަރުތަކެއް ވެގެން މިދަނީ ފާއިތުވި ސީޒަންތަކުގައި އާސެނަލަ ޓީމު ބަލިކަށިވެ ތަޖުރިބާ ގިނަ ކުޅުންތެރިން މަދުވުމުން ކަމަށެވެ.