22 Dec 2015, 16:21
އަންކަރާ (ޑިސެމްބަރު 22) : ސޫރިޔާގެ ބިމުގެ 85 ޕަސެންޓް ވެސް ރައީސް ބައްޝާރުލް އަސަދުގެ ކޮންޓްރޯލްގެ ދަށުގައި ނުވާކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.
ތުރުކީގައި ކުރިޔަށްދާ އިގްތިސާދީ ފޯރަމެއްގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ ސޫރިޔާގެ ރައީސް ކަމުގެ މަގާމުގައި ބައްޝާރު ހުންނެވި ނަމަވެސް އޭނާގެ އަތްޕުޅުގައި އޮތީ ސޫރިޔާގެ ބިމުގެ އެންމެ 15 ޕަސެންޓް ބިމެވެ. ބައްޝާރުލްއަސަދުގެ ވެރިކަމުގެ ނިޒާމުން ސޫރިޔާގެ ރައްޔިތުންގެ ހަތަރު ލައްކަ މީހުން މަރާލާފައިވާ ކަން ހާމަކުރައްވަމުން އުރުދުޣާން ވިދާޅުވީ މިކަން ގަބޫލުނުކުރާ ފަރާތްތަކަކީ އިންސާނީ ތާރީޚުގައި ވެސް ބޮޑެތި ކުށްތަކެއް ކޮށްފައިވާ ބައެއްގެ ގޮތުގައި ފާހަގަ ކުރެވިގެންދާނެ ބައެއް ކަމުގަ އެވެ. އުރުދުޣާން މިއިޝާރާތް ކުރައްވަނީ ބައްޝާރުގެ ވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރާ އީރާނާއި ރަޝިޔާއަށް ކަމަށް މުރާސިލުން ބުނެއެވެ.
ނަމަވެސް ތުރުކީގެ މައްޗަށް ވެސް ވަނީ ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ އަމަލުތަކަށް ލޯމަރާލައި އެޖަމާއަތުގެ ސަފުތަކުގައި ބައިވެރިވެ ހަނގުރާމަކުރުމަށް އަންނަ ފަރާތްތައް ސޫރިޔާއަށް ވަނުމުގެ ފުރްސަތުދޭ ކަމުގެ ތުހުމަތު ކުރެވިފަ އެވެ. މީގެއިތުރުން ސޫރިޔާގެ ރައްޔިތުން ބައްޝާރުގެ އަނިޔާވެރިކަމާ ދެކޮޅަށް އުތުރި އެރި އެރުމާއެކު އޭނާގެ ވެރިކަން ވައްޓާލުމުގެ ސިޔާސީ ބޭނުމުގައި ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ހަތިޔާރާއި ތަމްރީން ދިނުމުގައި ސައޫދީ އަރަބިޔާއާއި ގަތަރާއި އެމެރިކާއާ އަދި ޔޫރަޕްގެ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރިކަމުގެ ތުހުމަތުވެސް ތުރުކީގެ މައްޗަށް ވަނީ ކުރެވިފައިވެ އެވެ.
ބައްޝާރުގެ ވެރިކަން ފަސޭހައިން ނުވެއްޓޭނެކަން އެނގޭއިރުވެސް އޭނާގެ ވެރިކަން ވައްޓާލުމުގެ ސިޔާސީ ބޭނުމުގައި ސޫރިޔާގެ ހަނގުރާމަވެރި ފަރާތްތަކަށް ހަތިޔާރު ދިނުމުގެ ނަތީޖާއަކީ ސޫރިޔާ ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓި މުޅި ސޫރިޔާ ފުނޑުފުނޑު ވެގެންގޮސް އެގައުމުގެ އެތައް ލައްކަ ބަޔަކު މަރުވެ ދެންތިބި މީހުން ރެފިއުޖީންގެ ގޮތުގައި ހާލުގައި ޖެހިގެން ދިޔުމެވެ. މިކަމުގެ ޒިންމާ ބައްޝާރެކޭ އެއްގޮތަށް ތުރުކީއާއި ސައޫދީ އަރަބިޔާއާއި ގަތަރާއި އެމެރިކާއާ އަދި ޔޫރަޕްގެ ގައުމުތައްވެސް އުފުލަންޖެހޭނެ ކަމަށް ސޫރިޔާގެ ބައެއް އާންމުން ދެކެ އެވެ.
އަނެއްކޮޅުން މިހާރު ވެސް ސޫރިޔާގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ސައޫދީ އަރަބިޔާއާއި ގަތަރާއި އެމެރިކާއާ އަދި ޔޫރަޕްގެ ގައުމުތަކާ ގުޅިގެން ތުރުކީން މަސައްކަތް ކުރަމުން ގެންދަނީ ބައްޝާރުގެ ސަރުކާރު ވައްޓާލުމަށެވެ. އެހެންކަމުން މުޅި ސޫރިޔާ ހަލާކުކޮށް ރައްޔިތުން ބިކަކޮށްލައިގެން ވެސް ބައްޝާރުގެ ވެރިކަން ވައްޓާލަންޖެހޭތޯ މި ސުވާލު ސޫރިޔާގެ ބައެއް ރައްޔިތުން މިގައުމުތަކާ ގެންދަނީ ކުރަމުން ގެންދެ އެވެ. (ނޫސްއެޖެންސީތައް)