22 Dec 2015, 15:45
ޗައިނާ އާއި ރާއްޖެއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއް ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރުމުގެ މަޝްވަރާތަކުގެ ފުރަތަމަ ބުރު ކުރިއަށް ދިޔައީ ވަރަށް ކާމިޔާބުކޮށް ކަމަށާއި އަންނަ އަހަރުގެ ފެބްރުއަރީ މަހުގައި ދެވަނަ ބުރު ފަށާނެ ކަަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ބަނޑޮސް އައިލެންޑު ރިސޯޓުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 29 ގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ދެވަނަ ބުރުގެ މަޝްވަރާ ކުރިއަށް ދާނީ ޗައިނާގެ ވެރިރަށް ބެއިޖިންގް ގައި ކަމަށެވެ.
"އަޅުގަނޑުމެން ނިންމާފައިވާނީ ބެއިޖިންގް ގައި މި މަޝްވަރާގެ ދެވަނަ ބުރު ކުރިއަށް ގެންދިޔުމަށް. އެހެން ކަމުން އަންނަ އަހަރުގެ ފެބްރުއަރީ 29 އިން ފެށިގެން މާޗު މަހުގެ ހަތަރަކަށް މަޝްވަރާގެ ދެވަނަ ބުރު ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މަޝްވަރާގެ ފުރަތަމަ ބުރު މިއަދު ނިމޭއިރު އެ ބައްދަލުވުމުގައި މިހާތަނަށް ވަނީ ގިނަ ދާއިރާތަކަށް ރިއާޔަތް ކޮށްގެން މަޝްވަރާކޮށްފަ އެވެ.
އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސެސް އާއި އެއްގޮތް ވާގޮތުގެ މަތިންނާއި ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ)އަށް ފެތޭ ވަރަށް ރަނގަޅު ޑިސްކަޝަންސްތަކެއް ކުރިއަށް ދިޔަކަން އަޅުގަނޑު ފާހަގަކޮށްލަން،" އޭނާ ވިދާޅުވިއެވެ.
ފްރީ ޓްރޭޑް އެގްރީމެންޓް އާ ބެހޭގޮތުން ކުރިއަށްދާ މަޝްވަރާ ނިމުމާއެކު ޗައިނާއާއި ދިވެހި ރާއްޖެއާއެކު ދެގައުމުން މަޝްވަރާއާ ގުޅޭގޮތުން ހާއްސަ ޖޮއިންޓް ސްޓޭޓްމެންޓް އެއް ނެރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިއްޔެ ފެށި އެ ބައްދަލުވުން ފެށުމުގެ ކުރިން ބައިވެރިންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ދެ ގައުމުގެ އިގްތިސާދަށް ފައިދާ ހުރި މަޝްވަރާތަކަކަށް ހެދުމަށް ދިވެހި ސަރުކާރުގެ ފަރާތުން ކުރެވެން ހުރި ކަމެއް ކުރާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޗައިނާ އާއި ރާއްޖެއާ ދެމެދު އިކޮނޮމިކް ދާއިރާ އިން އޮތް ގުޅުން ވީހާ ވެސް ވަރުގަދަކޮށް އެގުޅުން ދެމެހެއްޓޭނެ ގޮތްތަކަކަށް މަސައްކަތް ކޮށްފި ނަމަ ދެ ގައުމުގެ އިގްތިސާދަށް ވެސް އޭގެ އެދެވޭ އަސަރުތައް ކުރާނެ ކަމަސް ގަބޫލުކުރައްވާ ކަމަށެވެ.