22 Dec 2015, 15:02
ޗައިނާގެ ޒަމާންވީ "ސިލްކް ރޯޑް" ވިޔަފާރީގެ ކަނޑުމަތީގެ ދަތުރުފަތުގެ ސަގާފަތް ދައްކުވައިދޭ މައުޒަރެއް ރާއްޖޭގައި ހުޅުވައިފި އެވެ.
ޗައިނާ އިން އަޅައިދީފައިވާ އިމާރާތެއް ކަމަށްވާ ގައުމީ ދާރުލް އާސާރުގައި މިއަދު ހުޅުވި އެ މައުޒަރަކީ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން އިންތިޒާމްކުރި މައުރަޒެކެވެ. އެ މައުރަޒު ހުޅުއްވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވާން ފޫކާން އެވެ.
"އަޖައިބެއް ފަދަ ނޫކުލަ" މި ނަމުގައި ހުޅުވި މައުރަޒުގައި ބަހައްޓާފައި ހުރި ތަކެތީގެ ތެރޭގައި ވިޔަފާރީގެ ދަތުރުތަކުގައި ޗައިނާ މީހުން އެކި ދުވަސްވަރުގައި ބޭނުންކުރި ނާފަހަރާއި އޮޑިފަހަރުގެ ނަމޫނާއާއި ޗައިނާއިން ދުނިޔޭގެ ކަންކޮޅުތަކަށް ވިއްކާފައިވާ މުށިން އުފައްދާ ބާވަތްތަކުގެ ބައެއް ތަކެތި ހިމެނެ އެވެ. އަދި ކަނޑުދަތުރުތަކުގައި ބޭނުންކޮށްފައިވާ، ނެވިކަމުގެ އާލާތްތަކުގެ ނަކަލުތަކަކާއި އާސާރީ ބައެއް ތަކެތި ވެސް މައުރަޒުގައި ބަހައްޓާގައިވެ އެވެ.
މައުޒަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް 40 އަހަރު ޑިޕްލޮމެޓިކް ގުޅުން އިތުރަށް ވަރުގަދަ ކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނު އިސްކަން ދެއްވާ ކަމަށެވެ. އަދި ރައީސް ޔާމީނުގެ އިންތިހާބީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އުމްރާނީ ބޮޑެތި މަޝްރޫއުތަކަށް ޗައިނާއިން އެހީތެރިވެދޭ ކަން އެކަމަނާ ފާހަގަ ކުރެއްވި އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޗައިނާ ސަފީރު ވާން ފޫކާން ވިދާޅުވީ މިއަދު ހުޅުވި މައުރަޒަކީ ޗައިނާއާއި ރާއްޖެއާ ދެމެދު ހިނގާފައިވާ ތާރީހީ މުއާމަލާތް ދައްކުވައިދޭ، ވަރަށް މުހިއްމު މައުރަޒެއް ކަމަށެވެ.