22 Dec 2015, 14:53
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމާ ގުޅޭ ދެ މައްސަލައެއް އެމަނިކުފާނުގެ ވަކީލުންގެ ފަރާތުން ދެ ކޯޓަކަށް މިއަދު ހުށަހަޅައިފި އެވެ.
ނަޝީދުގެ ވަކީލުންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނުގެ ވަކީލް ހިސާން ހުސައިން ވިދާޅުވީ މިއަދު ސިވިލް ކޯޓަށާއި ހައި ކޯޓަށް ދެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިއަދު ދެ މައްސަލައެއް ދެ ކޯޓަކަށް ހުށަހަޅައިފިން ރައީސް ނަޝީދުގެ ފަރާތްޕުޅުން،" ހިސާން ވިދާޅުވި އެވެ.
ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ނަޝީދު ދޫކޮށްލުމަށް ގޮވާލައި އދ.ގެ ވޯކިންގް ގްރޫޕުން ނިންމި ނިންމުމަށް އަމަލު ކުރުމަށް ހޯމް މިނިސްޓްރީ އާއި ކަރެކްޝަންސްގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެދި އެވެ.
"އދ.ގެ ނިންމުމުގައި އެބަ އޮތޭ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް. އަދި އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގުނު ޝަރީއަތަކީ ގާނޫނީ ގޮތުން ވަރަށް ގިނަ ގޯސްތަކެއް ހަދާފައިވާ މައްސަލައެއް ކަން އެބަ ފާހަގަ ކުރެވޭ. އެހެންވީމާ އެ ނިންމުމުގައި އޮންނަ ގޮތުގެ މަތީން އަޅުގަނޑުމެން މި އެދުނީ ސިވިލް ކޯޓުން އަމުރުކޮށްދޭށޭ މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަށާއި އަދި މޯލްޑީވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ޖަލުން ދޫކޮށްދިނުމަށް،" ވަކީލް ވިދާޅުވި އެވެ.
ހައި ކޯޓަށް ހުށަހަޅާފައި ވަނީ ނަޝީދު ގާނޫނާ ހިލާފަށް ބަންދުކޮށްފައިވާ ކަމަށް ބުނާ މައްސަލަ އެކެވެ. އެ މައްސަލަ ހުށަހަޅާފައި ވަނީ ނަޝީދު ގެއަށް ބަދަލު ކުރި ކަމަށް ބުނެ މޯލްޑިވްސް ކަރެކްޝަނަލް ސަވިސިް އިން ލިޔުމެއް ދިނުމަށް ފަހު، އެމަނިކުފާނު އަލުން ޖަލަށް ގެންދިއުމަކީ ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމަކަށް ވާތީ ކަމަށް ނަޝީދުގެ ވަކީލް މަހުފޫޒު ސައީދު ވިދާޅުވި އެވެ.
ގާނޫނީ ޓީމުން ވަަނީ މީގެ ކުރިން އެ މައްސަލަ ކްރިމިނަލް ކޯޓަށް ވެސް ހުށަހަޅާފަ އެވެ. ނަމަވެސް ކޯޓުގެ ރެޖިސްޓަރ ނިންމަވާފައި ވަނީ ނަޝީދަކީ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށް ވުމުން، ނަޝީދު ޖަލަށް ގެންދިއުމަކީ ގާނޫނާ ހިލާފު ކަމެއް ކަމުގައި ނުވާނެ ކަމަށެވެ.
އޭގެ ފަހުން ފަނޑިޔާރުންގެ މަޖިލީހަށް މައްސަލަ ހުށަހެޅުމުން، އެ މަޖިލީހުން ވެސް ނިންމާފައި ވަނީ ރެޖިސްޓަރ ގެ ނިންމުމަށް ބަދަލު ގެންނަން ނުފެންނަ ކަމަށެވެ.
އެ މައްސަލަަ ކްރިމިނަލް ކޯޓުން ބަލައިނުގަތުމުން ވަކީލުންގެ ފަރާތުން އެ މައްސަލަ ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ހައި ކޯޓުން މައްސަލަ ބަލައިނުގަތީ މައްސަލަ ހުށަހެޅި ފަރާތަށް މައްސަލަ ހުށަހެޅޭނެ ކަމަށް ކޯޓަށް ގަބޫލު ނުކުރެވޭތީ ކަމަށް ބުނެއެވެ. އެހެންކަމުން މިފަހަރު މައްސަލަ ހުށަހެޅީ ސީދާ ރައީސް ނަޝީދުގެ ފަރާތްޕުޅުން ކަމަށް ވަކީލުން ވިދާޅުވި އެވެ.
"ރައީސް ނަޝީދު މިނިވަން ކުރަން ދާން ޖެހުނު ކޮންމެ ކޯޓަކަށް އަޅުގނޑުމެން ދާނަން،" ނަޝީދުގެ ވަކީލް ރިފްއަތު ވިދާޅުވި އެވެ.
މި ދެ މައްސަލަ ބަލައިގެން ކަމަށް ކޯޓުން އަންގާފައި ނެތް ނަމަވެސް މައްސަލައިގެ ލިޔުންތައް ގަބޫލުކުރި ކަމުގެ ލިޔުމެއް ކޯޓުން ދީފައިވާ ކަމަށް ގާނޫނީ ޓީމުން ބުނެއެވެ.
ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމް މިހާރު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ އިރު މިއަދު ކޯޓުން އެ މައްސަލަ ބަލައިގަންނާނެ ކަމަށް ބެލެވޭ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.
މައްސަލަތައް ކޯޓުތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދާއިރު، މިހާރު ފޯކަސް ހުރީ ރައީސް ޔާމީން ވިދާޅުވި ފަދައިން ޝަރުއީ ނިޒާމުގެ ތެރެއިން ރައީސް ނަޝީދު މިނިވަން ކުރުން ކަމުގައި ވަކީލުން ފާހަގަ ކުރެއްވި އެވެ.
"މިހާރު އަޅުގަނޑުމެން މި ހޯދާ ހައްލަކީ ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވާ ފަދައިން ޝަރުއީ މަރުހަލާގެ ތެރެއިން ރައީސް ނަޝީދު ހައްޔަރުކޮށްފައިވާ މައްސަލައަށް ހައްލެއް ހޯދުމުގެ މައްސަލަ،" ހިސާން ވިދާޅުވި އެވެ.
ވަކީލުން ވިދާޅުވީ މިހާރު ގާނޫނުގައި ބުނާ ހުރިހާ އިޖުރާއަތަކާއި ހަމައަށް ނަޝީދުގެ ފަރާތްޕުޅުން ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށް ނިމިފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އަވަހަށް މައްސަލަ ނިމިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.