ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަލީ އުމަރު މަނިކު އަވަހާރަވުމާ ގުޅިގެން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި އެވެ.

ތައުޒިޔާގެ ދަފުތަރު ހުޅުވިފައި ހުންނާނީ ބުރާސްފަތި ދުވަހުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް ފޮރިން މިނިސްޓްރީގަ އެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ، ރާއްޖޭގެ އިތުރުން ސްރީ ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނާއި ސިންގަޕޫރުގައި ހުންނަ ދިވެހި ހައި ކޮމްިޝަނުގައި ވެސް ތައުޒިޔާގެ ދަފްތަރެއް ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ.

ސްރީލަންކާގައި ތައުޒިޔާގެ ދަފްތަރު ހުޅުވިފައި ހުންނާނީ މިއަދާއި މާދަމާ އަދި އަންނަ ހޯމަ ދުވަހު ހެނދުނު 10:00 ހަވީރު 4:00 ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެއެވެ.

ސިންގަޕޫރުގައި ތައުޒިޔާގެ ދަފްތަރު ހުޅުވިފައި ހުންނާނީ މިއަދާއި މާދަމާ އަދި އަންނަ ބުރާސްފަތި ދުވަހު ހެނދުނު 10:30 މެންދުރު 12:00 ށެވެ. އަދި މެންދުރު ފަހު 2:00 ހަވީރު 4:00 ކަމަށްވެސް މިނިސްޓްރީ އިން ބުނެއެވެ.

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ބޮޑުވަޒީރުކަން ކުރެއްވި އަލި މަނިކު ވަނީ ދައުލަތަށް 50 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފަ އެވެ. އޭނާ ވަނީ ރާއްޖޭގެ އިގްތިސާދުގައިވެސް ބޮޑު ދައުރެއް އަދާ ކުރައްވާފައެވެ.

އަލި މަނިކު އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ. އެމަނިކުފާނު އަވަހާރަވި އުމުރުފުޅުން 77 އަހަރުގަ އެވެ.