22 Dec 2015, 14:37
ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަލީ އުމަރު މަނިކު ކޮށްދެއްވާފައިވާ ގައުމީ ތަރައްގީގެ ބޮޑެތި މަސައްކަތްޕުޅުތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އޮފީހުން ތައުރީފު ކުރައްވައިފި އެވެ.
އަލީ މަނިކު އަވަހާރަވުމާ ގުޅިގެން އެމަނިކުފާނަށް ތައުޒިޔާ ދެންނެވުމުގެ ގޮތުން ރައީސް ނަޝީދާއި ހަވާލާ ދެއްވައި ނަޝީދުގެ އޮފީހުން މިއަދު ނެރުނު ތައުޒިޔާގެ މެސެޖުގައި ވަނީ އަލީ މަނިކު ފާހަގަ ކުރެވިގެން ދިޔައީ ވިޔަފާރީގެ ދާއިރާއިން ކަމުގައިވީ ނަމަވެސް ދިވެހި ގައުމަށް މިނިވަންކަން ލިބުމުގައި އަލީ މަނިކުގެ ހިއްސާ ވަރަށް ވެސް ބޮޑު ކަމަށެވެ.
"ނިޝާން އިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ އަލީ އުމަރު މަނިކު ފާހަގަ ކުރެވެނީ ވިޔަފާރީގެ ދާއިރާއިން ނަމަވެސް ގިނަގުނަ ހުރަސްތަކަކާއެކު 26 ޖުލައި 1965 ގައި ދިވެހިރާއްޖެއަށް މިނިވަކަން ލިބުނު އެގްރީމެންޓުގައި ސޮއި ކުރުމާއި ދިވެހިރާއްޖެއަށް މިނިވަންކަން ލިބުމުގައި އެމަނިކުފާނުގެ ހިއްސާ ވަރަށް ބޮޑުކަން ފާހަގަ ކުރަމެވެ." ތައުޒިޔާ މެސެޖުގައިވެ އެވެ.
ތައުޒިޔާ މެސެޖުގައި ވިދާޅުވެފައި ވަނީ އަލީ މަނިކު ރާއްޖެއަށް ކުރައްވާފައިވާ ހިދުމަތްތަކަކީ އަގުކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ. އަލްމަރުހޫމް އިބްރާހީމް ނާސިރުގެ ރައީސްކަމުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ފުރިހަމަ ކުރައްވައިފައިވާ އަލީ މަނިކަކީ ވިޔަފާރީގެ ދާއިރާގައި ވެސް އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށް ވެސް ރައީސް ނަޝީދުގެ ތައުޒިޔާގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.
އަލި މަނިކު ވަނީ ދައުލަތަށް 50 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފަ އެވެ.
އަލި މަނިކު އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ. އެމަނިކުފާނު އަވަހާރަވި އުމުރުފުޅުން 77 އަހަރުގަ އެވެ.