ކަތަމަންޑޫ (ޑިސެމްބަރ 22): އިންޑިއާގެ ހަރްޔާނާ ސްޓޭޓްގައި މިދިޔަ ފެބްރުއަރީ މަހު ނޭޕާލްގެ އަންހެނަކު ރޭޕް ކުރުމަށްފަހު މަރާލުމުގައި ބައިވެރިވި ހަތް މީހަކަށް އިންޑިއާގެ ކޯޓަކުން މަރުގެ ހުކުމް ކޮށްފި އެވެ.

އެ އަންހެން މީހާއަށް ހަމަލާދީފައި ވަނީ ޑިޕްރެޝަންއަށް ފަރުވާ ހޯދުމަށް އިންޑިއާއަށް ގޮސް ހުއްޓަ އެވެ.

އެ އަންހެން މީހާ ރޭޕް ކުރުމަށް ފަހު މަރާލި ކަމުގެ ކުށް ސާބިތު ވެފައިވަނީ 20 އަހަރާ 40 އަހަރާ ދެމެދުގެ ހަތް ފިރިހެންނުންގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް އަންހެން މީހާ ރޭޕް ކުރުމަށްފަހު މަރާލި ކަމުގެ ކުށް ސާބިތުވީ މިދިޔަ ހުކުރު ދުވަހު އެވެ. އަދި އެ މީހުންގެ މައްޗަށް ހުކުމް ކޮށްފައި ވަނީ އިއްޔެ އެވެ. އިންޑިއާގެ ކޯޓް އޮފް އެޑިޝަނަލް ޑިސްޓްރިކްޓް އެންޑް ސެޝަންސް އިން ވަނީ އޭގެއިން ކޮންމެ ކުށްވެރިއަކު 1.75 ލާކް ރުޕީސް އިން ޖޫރިމަނާކޮށް، ހަތް މީހުންގެ މައްޗަށް މަރުގެ ހުކުމް ކޮށްފައި އެވެ.

ނޭޕާލްގެ އެއަންހެންމީހާ އިންޑިއާ އަށް ދިޔަތާ ދުވަސްކޮޅެއް ފަހުން، އޭނާ ހޯދައި ނުފެނިވާ ކަމަށް ބުނެ އޭނާގެ އާއިލާއިން ފުލުހުންނަށް ޝަކުވާ ހުށަހަޅާފައި ވަނީ މިދިޔަ ފެބްރުއަރީ އެކެއްގައި އެވެ. އޭނާގެ އާއިލާއިން ބުނީ އަންހެން މީހާ ހޯދަން ފުލުހުން މާބޮޑު މަސައްކަތެއް އޭރު ނުކުރާކަމަށެވެ.

އަންހެން މީހާ ފެނުނީ މިދިޔަ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހު އެވެ. އޭނާ ފެނުނު އިރު ގިނަ އަނިޔާތަކެއް ވަނީ ކޮށްފަ އެވެ. އަންހެން މީހާ ފެނުނީ އޭނާ ދިރިއުޅެމުން އައި ސަރަހައްދާ 20 ކިލޯމީޓަރު ދުރުންނެވެ.

އެ އަންހެން މީހާ މަރާލުމުގެ ކުރިން، އޭނާ ރޭޕް ކޮށް އެތައް އަނިޔާތަކެއް ދީފައިވާ ކަމަށް ޕޯސްޓްމޯޓަމް އިން ދެއްކި އެވެ. އަދި އެއަންހެންމީހާގެ ހަށިގަނޑުގެ ތެރޭގައި ގަލާއި ތޫނު އެއްޗެހި ހުރި ކަމަށްވެސް ޕޯސްޓްމޯޓަމް އިން ދެއްކި އެވެ.

އެމައްސަލައިގައި ފުލުހުން ދައުވާ ކޮށްފައި ވަނީ ނުވަ މީހެއްގެ މައްޗަށެވެ. އޭގެ ތެރެއިން އެކަކު ވަނީ އަމިއްލައަށް މަރުވެފައެވެ. ނުވަ ވަނަ އަށް ދައުވާ ކުރީ ކުޑަ ކުއްޖެއްގެ މައްޗަށެވެ. އޭނާގެ އަޑު އެހުންތައް ކޯޓުން ގެންގޮސްފައި ވަނީ ވަކިން ނެވެ. (ނިއުސްއޭޖެންސީތައް)