ސަންޢާ : ޔަމަންގެ ރައީސް ޢަލީ ޢަބްދުﷲ ސާލިޙްގެ ވެރިކަން ވައްޓާލުމަށް އެޤައުމުގެ ރައްޔިތުން ފަށާފައިވާ އުތުރިއެރުން ނިމުމަކަށް ގެނައުމަށް ގަލްފުގެ ޢަރަބި ޤައުމުތަކުން ހުށަހެޅި ޕްލޭނެއް އޭނާ ޤަބޫލު ކުރައްވައިފިއެވެ.

ސާލިޙްގެ އޮފީހުން ނެރުނު ބަޔާނެއް ބުނިގޮތުގައި ޔަމަންގެ ސިޔާސީ މަސްރަޙް ހިމޭންކުރުމަށްޓަކައި ގަލްފުގެ ޤައުމުތަކުން ހުށަހެޅި ޕްލޭނާ އެއްގޮތަށް ނައިބު ރައީސް އާ ވެރިކަން ޙަވާލުކުރުމަށް ރައީސް ސާލިޙް އެއްބަސްވެ ވަޑައިގަންނަވާ ކަމުގައެވެ.

މިއީ، ރައްޔިތުންގެ ގޮވާލުންތަކާ އެއްގޮތަށް ވެރިކަން ދޫކޮށްލައްވަން ރައީސް ސާލިޙް އެއްބަސްވެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ނަމަވެސް މި ޕްލޭނާ އެއްގޮތަށް ނައިބު ރައީސާ ވެރިކަން ޙަވާލުކުރާނެ ދުވަހެއް މިބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.

ޔަމަންގެ މައްސަލަ ޙައްލު ކުރުމަށް ގަލްފުގެ ޢަރަބި ޤައުމުތަކުން ހުށަހެޅި ޕްލޭންގައިވަނީ ޔަމަންގެ ވެރިކަން ނައިބު ރައީސް އާ ޙަވާލުކުރުމަށްފަހު އިދިކޮޅު ފަރާތްތަކުގެ ލީޑަރޝިޕްގެ ދަށުން އެޤައުމުގައި އާ ސަރުކާރެއް އެކުލަވާލުމެވެ.

މިޕްލޭނަށް އިދިކޮޅު ފަރާތްތަކުން މަރްޙަބާ ކިޔާފައެެއް ނުވެއެވެ. ސާލިޙްގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރަނީ އިދިކޮޅު ފަރާތްތައް އެކަންޏެއް ނޫނެވެ. މިކަމުގައި އިސްދައުރެއް އަދާކުރަނީ ޔަމަންގެ ޒުވާނުންނެވެ.

ސާލިހގެ ސަރުކާރުންވަނީ އޭނާގެ ވެރިކަމާ ދެކޮޅަށް ސުލްހަވެރިކަމާއެކު އިޙްތިޖާޖްކޮށް މުޒާހަރާކުރި ޔަމަންގެެ ރައްޔިތުންގެ ތެރެއިން ދުއިސައްތައަށްވުރެ ގިނަމީހުން މަރައި އެތަށް ހާސްބަޔަކު ޒަޚަމްކޮށްލާފައެވެ. މިފަދަ އަނިޔާތަކެއް ރައްޔިތުންނަށް ދިން ޚުދުމުޚްތާރު ވެރިއަކަށް ސަލާމަތްވުމުގެ ފުރްސަތު ލިބޭ އެއްވެސް ޕްލޭނެއް ޤަބޫލު ނުކުރާނެކަން އިދިކޮޅު ލީޑަރަކުވަނީ ހާމަކުރައްވާފައެވެ.

ސާލިޙްވަނީ ގަލްފުގެ މި ޕްލޭން ޤަބޫލު ކުރުމަށް ކުރިން ދެކޮޅު ހައްދަވާފައެވެ. -- އަލްޖަޒީރާ