22 Dec 2015, 13:48
އެއްވެސް ފަރާތަކުން ރަސްމީ ހައިސިއްޔަތަކުން އިސްލާހީ އެޖެންޑާއާ ގުޅޭ ވާހަކައެއް ރައީސް އަބްދުﷲ ޔާމީނަށް ވެސް އަދި ރައީސް އޮފީހަށް ވެސް ހުށަހަޅާފައި ނެތް ކަމަށް ސަރުކާރުން ބުނެފި އެވެ.
ސަރުކާރުން އެހެން ބުނެފައި އެވަނީ އިސްލާހީ އެޖެންޑާއެއް އެކުލަވާލައިގެން ގައުމުގެ ކުރިއެރުމަށް ރައީސް ޔާމީނާއި މަޝްވަރާ ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް ނަޝީދާއި ހަވާލާ ދެއްވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެފައި ވަނިކޮށެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބުރާހިމް މުއާޒު އަލީ މިއަދު "ސަން" އަށް ވިދާޅުވީ އިސްލާހީ އެޖެންޑާއެއް އެކުލަވާލައިގެން ރައީސް ޔާމީނާ އެކު ކުރިއަށްދާން ރައީސް ނަޝީދު ބޭނުންފުޅުވާ ކަމަށް ދެކެވެމުން ދަނީ މީޑިއާގައި ކަމަށާއި ރަސްމީ ހައިސިއްޔަތަކުން އެފަދަ ކަމެއް ރައީސް އޮފީހަށް ހުށަހެޅިފައި ނުވާ ކަމަށެވެ.
"އެހެން ވިދާޅުވާން މިއަދު ރައީސް ނަޝީދަކީ ކާކު ތޯ. މިއަދު ރައީސް ނަޝީދަކީ ގައިދީއެއް. އެހެންވީމަ ގައިދީއަކާ ދޭތެރޭ އިސްލާހީ އެޖެންޑާއެއްގެ މަސައްކަތް ކުރިއަށް ގެންދެވޭނެތޯ މިއީ އުފެދޭ ސުވާލެއް،" މުއާޒު ވިދާޅުވި އެވެ.
ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރު ދުވަހަށް ކްރިމިނަލް ކޯޓުން ޖަލަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ހަވާލާ ދެއްވާ އީވާ ވިދާޅުވީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޕާލަމެންޓުން ފާސްކޮށްފައިވާ ގަރާރުގެ ސަބަބުން ގައުމަށް ދެރަގޮތެއް ވާކަށް ރައީސް ނަޝީދު ބޭނުންފުޅު ނުވާ ކަމަށެވެ.
"ގައުމަށް ދެރަގޮތެއް ވިޔަ ނުދޭން އިސްލާހީ އެޖެންޑާއެއް ރައީސް އަބްދުﷲ ޔާމީން އެކުލަވާލަން މުހިއްމު ކަމަށް ރައީސް ނަޝީދު ދެކެވަޑައިގަންނަވާ،" އީވާ ވިދާޅުވި އެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ބަންދުގައި ތިއްބެވި އެހެން ސިޔާސީ ބޭފުޅުން ވަގުތުން ދޫކޮށްލުމަށް ގޮވާލައި، ޔޫރަޕިއަން ޕާލަމެންޓުން ފާސްކުރި ގަރާރެއް ފާސްކުރީ މި މަސް ތެރޭގައި އެވެ.
ގަރާރުގައި ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް ގޮވާލާފައި ވަނީ ޓޫރިސްޓުންގެ ގޮތުގައި ރާއްޖެއަށް ދަތުރުކުރަން ޕްލޭންކުރާ އެގައުމުތަކުގެ ރައްޔިތުންނަށް ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭ ގޮތުން ތަފުސީލީ އިންޒާރު ދިނުމަށެވެ. އަދި ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސް އިން ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ކައިރިން ބެލަމުން ދިއުމަށް ވެސް ގަރާރުގައި ގޮވާލާފައިވެ އެވެ.