22 Dec 2015, 13:49
އެސްޓީއޯގެ މުވައްޒަފުންނަކީ އިހްތިރާމް ކުރުމުގައި ނަމޫނާ މުވައްޒަފުން ތަކަކަށް ހަދާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަހީރު ވިދާޅުވެއްޖެއެވެ.
ޝަހީރު މިހެން ވިދާޅުވީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން މުޖުތަމައުގައި އިހްތިރާމް ކުރުމުގެ ރިވެތި އާދަ އަށަގެންނެވުމަށް ފަށާފައިވާ "ރެސްޕެކްޓް" ކެމްޕޭނުގައި އެސްޓީއޯ އިން އެންޑޯސް ކުރުމަށް މިއަދު އެސްޓީއޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ޝަހީރު ވިދާޅުވީ އެސްޓީއޯގެ އަމާޒަކީ ތަރައްގީވަމުން އަންނަ މުޖުތަމައެއްގައި، އުޅެންވާނެ ރީތި، ތަހުޒީބު ގޮތްތައް ގެންގުޅޭ މުވައްޒަފުންތަކަކަށް ހެދުން ކަމަށެވެ.

އެސްޓީއޯއިން ރެސްޕެކްޓް ކެމްޕެއިންގައި ބައިވެރިވާކަން އިޢުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެސްޓީއޯ
އަދި ރެސްޕެކްޓް ކެމްޕެއިންގައި އެސްޓީއޯ ބައިވެރިވުމުގެ ބޭނުމަކީ ވެސް އެކުންފުނީގެ މުވައްޒަފުންނަކީ ހިދުމަތް ދިނުމުގައި ނަމޫނާ މުވައްޒަފުންތަކަކަށް ހެދުންކަމަށް ޝަހީރު ވިދާޅުވި އެވެ. އެ ކެމްޕެއިންގެ ސަބަބުން ކުންފުނީގެ މުވައްޒަފުންގެ މެދުގައި އިހްތިރާމް ކުރުމުގެ ސަގާފަތެއް އުފެދިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަހީރު ވިދާޅުވީ އެފަދަ ކެމްޕެއިންތަކުގެ ސަބަބުން ކުންފުނީގެ މުވައްޒަފުންގެ ކިބައިގައި އަށަގެންނުވޭ ރަނގަޅު ސިފަތަކުގެ ސަބަބުން އެ މުވައްޒަފުން ހިމެނޭ ކުންފުނިތަކުގެ ވިޔަފާރިއަށާއި ހިދުމަތަށް ހެޔޮ ބަދަލު އަންނާނެ ކަމަށެވެ.
އެސްޓީއޯ އިން ވަނީ މީގެ ކުރިން "ސްމައިލް ކެމްޕެއިން" ގެ ނަމުގައި "ރެސްޕެކްޓް" ކެމްޕެއިން އާއި ވަރަށް އެއްގޮތް ކެމްޕެއިން އެއް ކުރިއަށް ގެންގޮސްފައެވެ.
އެ ރަސްމިއްޔާތުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ހަލީލް ވިދާޅުވީ އެ ކެމްޕެއިންގެ މައިގަނޑު މަގުސަދަކީ އިހްތިރާމްކުރުމުގެ ސަގާފަތެއް މުޅި ރާއްޖޭގައިވެސް އަށަގެންނެވުން ކަމަށެވެ.
ޕީއެސްއެމް އިން އިސްނަގައިގެން ފަށާފައިވާ އެ ކެމްޕެއިންގައި ބައިވެރިވުމުގެ ފުރުސަތު މުޖުތަމައުގެ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.