22 Dec 2015, 13:01
ހދ. ނޮޅިވަރަމް ކައުންސިލުގެ ރައީސް މަރިޔަމް ހަބީބުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްފަހު އޭނާ މަގާމުން ދުރުކޮށްފި އެވެ.
ނޮޅިވަރަމް ކައުންސިލުގެ ނައިބު ރައީސް އަބްދުﷲ ޝަރީފް މިއަދު "ސަން" އަށް ވިދާޅުވީ ކައުންސިލު ރައީސްގެ މަގާމުން މަރިޔަމް ހަބީބު ދުރުކުރަން ޖެހުނީ އޭނާ ރައީސް ކަމުގައި ހުންނެވިއިރު ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކަށް ހުރަސް އެޅެމުންދާތީ ކަމަށެވެ. ނަމަވެސް އެއީ ކޮންކޮން ހިދުމަތެއް ކަމަށް އޭނާ ވިދާޅެއްނުވެ އެވެ.
ޝަރީފް ވިދާޅުވީ އިއްޔެ އޮތް ކައުންސިލު ބައްދަލުވުމެއްގައި މަރިޔަމް ހަބީބުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު އޭނާ މަގާމުން ދުރު ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެން މެމްބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ.
ޝަރީފް ވިދާޅުވީ ކައުންސިލު ރައީސް ކަމުގެ މަގާމުގައި މަރިޔަމް ހަބީބު ހުންނެވިއިރު ލާމަރުކަޒީ ގާނޫނާއި ހިލާފަށް ވެސް ބައެއް ކަންކަން ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެގޮތަށް އަމަލު ނުކުރުމަށް އެދި ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވާނެ އިނގޭތޯ އެތައް ފަހަރަކު ނަސޭހަތްތެރިވެފައި ވެސް. އެކަމަކުވެސް އެކަންކަން ރަނގަޅުނުވެ، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކަށް ބުރޫ އަރާތީ ވަކިކުރަން ޖެހުނީ،" ޝަރީފް ވިދާޅުވި އެވެ.
މަރިޔަމް ހަބީބަކީ ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމް އަށް ނިސްބަތްވާ މެމްބަރެކެވެ. މަރިޔަމްގެ އިތުރުން ޕީޕީއެމްގެ އެއް މެމްބަރަކާއި ޖޭޕީގެ މެމްބަރެއްގެ އިތުރުން އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ ދެ މެމްބަރުން އެކައުންސިލުގައި ތިއްބަވަ އެވެ.