22 Dec 2015, 12:53
ނިއުދިއްލީ (ޑިސެމްބަރ 22): އިންޑިއާގެ ނިއުދިއްލީ އެއާޕޯޓު ކައިރިއަށް އަށް އިންޑިއާގެ ބޯޑާ ސެކުއިރިޓީ ފޯސް [ބީއެސްއެފް]ގެ އެއާކްރާފްޓެއް މިއަދު ވެއްޓި ބޯޓުގައި ތިބި ދިހަ މީހުން މަރުވެއްޖެ އެވެ.
މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޯޓު ދުއްވަން ހުރި ޕައިލަޓާއި، ކޯޕައިލަޓާއި، އޭގައި ދަތުރުކުރި ހަ ޓެކްނީޝަނުންނާއި، އެއް އިންޖިނިއަރާއި، އެއް ކުރޫ މެމްބަރެވެ.
އިންޑިއާގެ މިނިސްޓާ އޮފް ސިވިލް އޭވިއޭޝަން، މަހޭޝް ޝަރްމާ ވަނީ އެހާދިސާ ތަހުގީގު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފަ އެވެ.
ސިވިލް އޭވިއޭޝަނުން ބުނެފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ ދިއްލީ އެއާޕޯޓުން ބޯޓު ނައްޓާލުމަށްފަހު ދިމާވި ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން އެއާޕޯޓަށް އަނބުރާ ދިޔުމުގެ މަގުމަތީގައި، އެއާޕޯޓުގެ ފާރެއްގައި ބޯޓު ޖެހި، އެއާޕޯޓު ކައިރީގައި ހުރި ސުވެޖް ޓްރީޓްމެންޓް ޕްލާންޓެއްގެ ތެރެއަށް ބޯޓު ވެއްޓުމުންނެވެ.
ބީއެސްއެފް އިން ބުނި ގޮތުގައި އެބޯޓުގައި ތިބި ޓެކްނީޝަނުން ދަތުރުކުރީ ހެލިކަޕްޓާއެއް މަރާމާތު ކުރުމަށް ރާންޗީ ސިޓީއަށެވެ.
މަންޒަރު ދުށް ފަރާތްތަކުން ބުނީ ބޯޓު ފެންގަނޑެއްގެ ތެރެއަށް ވެއްޓުމުގެ ކުރިން ބޯޓު ފާރެއްގައި ޖެހި، އޭގައި ރޯވި މަންޒަރު ފެނުނު ކަމަށެވެ. ސަލާމަތީ ފަރާތްތަކާއި، ފަޔާ ފައިޓަރުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ. އެ ހާދިސާގެ ސަބަބުން ބޯޓުގައި ދަތުރުކުރި މީހުން ފިޔަވާ އެހެން ބަޔަކަށް އަނިޔާވެފައިވާ ކަމަށް އަދި ރިޕޯޓުކޮށްފައި ނުވެ އެވެ. (ނޫސްއޭޖެންސީތައް)