22 Dec 2015, 12:31
ސިވިލްސާވިސް މުވައްޒަފުން މަދުކުރުމުގެ ވިސްނުން ގެންގުޅޭކަން ސަރުކާރުން ހާމަކޮށް އެކަން ތަންފީޒުކުރުމަށްޓަކާ ހަލުވި ފިޔަވަޅުތަކެއް އަޅަން ފެށުމާ ގުޅިގެން އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސިވިލްސާވިސް މުވައްޒަފުންގެ މުސާރަބޮޑުކުރެވެން އޮތް ހަމައެކަނި ގޮތަކީ، މުވައްޒަފުން މަދުކުރުން ކަމުގައި ސަރުކާރުން ބުނާ ބުނުމަކީ އެޕާޓީން ގަބޫލުކުރާ ވިސްނުމެއް ނޫން ކަމަށެވެ.
އަދާލަތު ޕާޓީން ބުނީ މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުގެ ސަބަބުން މެދުފަންތީގެ ގިނަ އާއިލާތަކެއް ނިކަމެތިވެ، އިގްތިސާދީ ފަރަގު ބޮޑުވެ، ނިކަމެތިން އިތުރަށް ނިކަމެތި ވަމުން އަންނަ އައުން ހުއްޓުމެނެތި ކުރިއަށް ދާނެ ކަމުގެ ބިރު ހީވާ ކަމަށެވެ.
"އޭގެ ބަދަލުގައި ސަރުކާރުގެ ތެރޭގައި ހިންގަމުންދާ ކަރަޕްޝަނާއި ފަސާދައިގެ ބޮޑެތި މައްސަލަތައް ހުއްޓުވާ، ބޭކާރުގޮތުގައި އެތައްގުނައަކަށް އިތުރުކުރަމުންދާ ސިޔާސީ މަޤާމުތައް މަދުކޮށްގެން ސިވިލްސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރެވޭނެ ފައިސާ ދައުލަތުގެ ބަޖެޓުން ހަމަޖެއްސޭނެކަމުގައި މި ޕާޓީން ދެކެމެވެ." އަދާލަތުގެ ބަޔާނުގައި ވެއެވެ.
އަދާލަތު ޕާޓީން ވަނީ ސަރުކާރުން މިހާރު ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން އިގްތިސާދީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިވެ، އަމިއްލަ ވިޔަފާރިތަކުގެ ތެރެއިންވެސް ވަޒީފާގެ ފުރުސަތު ހަނިވެގެން ދާނެ ކަމަށާއި، އެހެންކަމުން ސިވިލްސާވިސް މުވައްޒަފުން މަދުކުރުމުގެ ވިސްނުން ނުގެންގުޅުމަށް ސަރުކާރަށް ގޮވާލާފައެވެ.
އޭގެ އިތުރުން އެފަދަ ފިޔަވަޅުތައް އެޅުމުގެ ކުރިން ސިވިލްސާވިސްގައި މިވަގުތު ތިބި މުވައްޒަފުން މަގުމަތިކޮށްލުމުގެ ބަދަލުގައި، އެ މުވައްޒަފުންނަށް ސަރުކާރުގެ ކުންފުނިތަކުންނާއި އަމިއްލަ ވިޔަފާރިތަކުގެ ތެރެއިން ދެމެހެއްޓެނިވި ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށްޓަކައި ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލަން ވާނެކަމުގައި ދެކޭ ކަމަށްވެސް އެ ޕާޓީގެ ބަޔާނުގައި ވެެއެވެ.
ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން މަގާމުން ވަކިކޮށް، އެ މިނިސްޓްރީގެ ބައެއް ސެކްޝަނުތައް އުވާލަން ރައީސް އޮފީހުން ނިންމުމާ ގުޅިގެން އެ މިނިސްޓްރީގެ ބައެއް މުވައްޒަފުން މިއަދު މަސައްކަތް ހުއްޓާލުމަށް ފަހު ވަނީ ހަޅުތާލަށް ނުކުމެފައެވެ.
ސިވިލް ސާވިސްގެ ކުރިއަށް އޮތް ފަސް އަހަރުގެ ޕްލޭން އިފްތިތާހުކުރަން ހޮޓެލް ޖެންގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ފިނޭންސް މިނިސްޓްރީގައި ތިބި ބައެއް ސިވިލް ސާވިސް މުވައްޒަފުން އެ މަގާމުތަކުން ވަކި ކުރުމަކީ އެއްގޮތަކަށް ވެސް އެމަނިކުފާނު ކުރާ ހިތްޕުޅުވާ ކަމެއް ނޫން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެކަން ކުރަންޖެހި ވަޑައިގަތީ ސިވިލް ސާވިސް ކޮމިޝަނުން ކުރަން ޖެހޭ ކަމެއް ނުކުރެވި އޮތުމުން ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެކަން ކުރަންޖެހުނީ އެތަންތަނުގެ ހިއުމަން ރިސޯސް އޮޑިޓެއް ހެދިފައި ނެތުމުން ކަމަށެވެ.