22 Dec 2015, 12:18
އެގާރަ އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް މިއަދު މާލެ ގެނެސްފި އެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު މޫސާ ރަމީޒު މިއަދު "ސަން" އަށް ވިދާޅުވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކާނަލް ނާޒިމް މާލެ ގެނެސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކާނަލް ނާޒިމް އަދިވެސް ހުންނެވީ މާލޭގައި ކަމަށެވެ. ނާޒިމް މާލެ ގެނައުމަށްފަހު ޑޮކްޓަރަށް ދައްކަނީ ކޮން ކަމަކަށް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.
"ވަރަށް ގިނަ ކަންކަމަށް އެޕޮއިންޓުމަންޓު ހަމަޖެހިގެން މާލެ ގެނައީ ޑޮކްޓަރަށް ދައްކަން،" ރަމީޒު ވިދާޅުވި އެވެ.
ކާނަލް ނާޒިމްގެ ކޮއްކޮ އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު "ސަން" އަށް ވިދާޅުވީ ނާޒިމް މާލެ ގެނެސްފައިވާ ކަމުގެ މައުލޫމާތު އާއިލާ އަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް މާލެ ގެނައީ ކޮން ކަމަކަށް ކަމެއް އެނިގަވަޑައިގެންފައި ނުވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިތިބީ ވަރަށް ބޮޑު ޝޮކެއް ލިބިފައި. އެއްގޮަތަކަށް ވެސް ނޭނގެ ކޮން ކަމަކާ ގުޅިގެން ކަމެއް ނާޒިމް މާލެ ގެނައީކީ އެއް. އަޅުގަނޑުމެންނަށް އެއްވެސް މައުލޫމާތެއް ނުލިބޭ. ކަރެކްޝަނަކުން އަޅުގަނޑުމެން އާއިލާ އަކަށް މިހާތަނަކަށް ނާޒިމް ޑޮކްޓަރަށް ގެންނަ އެއްވެސް ފަހަރަކު އަންގާފަ އެއް ނުވޭ،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ އެކަން އެގޮތަށް ނުކުރުމަށް އެދި މޯލްޑިވްސް ކަރެކްޝަންސް ސާވިސްގައި އެދިފައިވާ ކަމަށެވެ. އެގޮތުން ޑޮކްޓަރަށް ދެއްކުމަށް ވިއަސް އަދި އެހެން ކަމެއްގައި ވިއަސް ނާޒިމް މާލެ ގެންނަ ނަމަ އާއިލާ އަށް އަންގައި ދިނުމަށް އެދިފައިވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
ނާޒިމް މައްޗަށް ހުކުމް އިއްވާފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.
ކާނަލް ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހު އެވެ.