ލޮނުމެދަކީ އާއްމުކޮށް ކެއްކުމުގައްޔާއި ކާއެއްޗެހީގެ ރަހަ ހެޔޮވަރު ކުރުމަށް ބޭނުން ކުރާ ތަރުކާރީއެކެވެ. އެއީ ހަށިގަނޑަށް ބޭނުންވާ އެތަކެއް މާއްދާއެއް އެކުލެވިގެންވާ ތަރުކާރީއެކެވެ.

ލޮނުމެދުގެ ފައިދާ އެންމެ ރަނގަޅު އަދި ބޭނުންތެރި ގޮތެއްގައި ހޯދުމަށް ބޭނުން ނަމަ ލޮނުމެދު ދިޔަ ތައްޔާރު ކުރާށެވެ. ލޮނުމެދު ދިޔަ އަކީ އެތައް ބަލިތަކެއްގެ ފަރުވާ އެވެ. އެތައް މައްސަލަތަކެއްގެ ހައްލެވެ.

ލޮނުމެދު ދިޔަ ތައްޔާރު ކުރާނެ ގޮތް:

ފަނަރަ ވަރަކަށް ލޮނުމެދު، ގްރައިންޑަރެއް ބޭނުންކޮށްގެން ފުނޑާލާށެވެ. އެއަށް ފަހު ފުރޭންޏަކުން ނުވަތަ އެފަދަ އެހެން އެއްޗަކުން ފުނޑާފައި ހުރި ލޮނުމެދުގެ ދިޔަ ފެލާލާށެވެ.

އަދި ފުޅިއަކަށް އެޅުމަށް ފަހު ފްރިޖް ކޮށްފައި ބަހައްޓާށެވެ.

އާއްމުކޮށް ދިމާވާ ގިނަ މައްސަލަތަކަކަށް ހައްލު ހޯދުމަށް މި ތައްޔާރު ކުރި ލޮނުމެދު ދިޔަ ބޭނުން ކުރެވިދާނެ އެވެ.

އެގޮތުން :

އެސްމާ އެޓޭކް ކޮންޓުރޯލް ކުރުމަށް:

އެސްމާ ނުވަތަ ނޭވާ ހިއްލުމުގެ މައްސަލަ ދިމާވާ ފަރާތްތަކަށް ލޮނުމެދު ދިޔަ އަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ. އެގޮތުން އެ ފަދަ ފަރާތްތަކަށް ޖެހޭ އެސްމާ އެޓޭކް ކޮންޓްރޯލް ކުރުމަށް ލޮނުމެދު ދިޔަ ބޭނުންކޮށްގެން ބުއިމެއް ތައްޔާރު ކުރެވިދާނެ އެވެ.

ތައްޔާރު ކުރާނެ ގޮތް:

ފެންތަށްޓަކަށް ލޮނުމެދު ދިޔަ ކޮޅަކާއި މާމުއި ސަމްސަލެއް އަޅާލާށެވެ. އެއަށް ފަހު ރަނގަޅަށް ގިރާލާށެވެ. އަދި މި ތައްޔާރު ކުރި ބުއިން އާއްމުކޮށް ބޯން ބޭނުން ކުރާށެވެ.

މޫނުގައި ނަގާ ބިހި ނެގުން މަދު ކުރުމަށް:

ލޮނުމެދުގެ ދިޔަ މޫނުގައި ހޭކުމަށް ފަހު ފަސް ވަރަކަށް މިނިޓު ވަންދެން ބަހައްޓާށެވެ. އެއަށް ފަހު ސާފު ފެން ފޮދަކުން މޫނު ދޮވެލާށެވެ. ބިހިތައް ނެގުން މަދުވާނެއެވެ.

ދިރޭއެއްޗެހި ހެފުމުން:

ހަށިގަނޑުގެ ގުނަވަންތަކުގައި ދިރޭ އެއްޗެހި ހެފުމަކީ ބައެއް މީހުންނަށް ވަރަށް ވޭން ހުރި ކަމެކެވެ. އެފަދަ ފަރާތްތަކަށް ވެސް ލޮނުމެދު ދިޔަ އަކީ ހައްލެކެވެ.

ދިރޭ އެއްޗެއް ހަފައިފި ނަމަ އެގުނަވަނެއްގައި ލޮނުމެދުގެ ދިޔަ ބޭނުން ކޮށްގެން ބޮނޑިތާން ކުރާށެވެ. ދިރޭ އެއްޗެހި ހަފައިގެން އަޅާ ވޭނަށް ލުއި ކަމެއް ލިބޭނެ އެވެ.

ބޮލުން އިސްތަށިފައިބާފައި ހުންނަ މީހުންނަށް:

ބޮލުން އިސްތަށި ފައިބާފައި ހުންނަ ފަރާތްތަކަށް ވެސް ލޮނުމެދު ދިޔަ އަކީ ހައްލެކެވެ. ބޮލުގައި އިސްތަށި މަދު އަދި އިސްތަށި ނުހުންނަ ހިސާބުތަކުގައި އިސްތަށި ފެޅުވުމަށް ލޮނުމެދުގެ ދިޔަ ހާކާށެވެ. އަދި ހިކެންދެން ބެހެއްޓުމަށް ފަހު ދޮވެލާށެވެ.

ކޮންމެ ދުވަހަކު ދެ ފަހަރު މި ޓްރީޓްމަންޓު ތަކުރާރު ކުރާށެވެ. ނަތީޖާ ވަރަށް އަވަހަށް ފެންނާނެ އެވެ.

ކެއްސުމާއި ކަރުގެ ރިހުމަށް:

ހޫނު ފެންތަށްޓަކަށް ލޮނުމެދު ދިޔަ ކޮޅެއް އެއްކޮށްލުމަށް ފަހު ބޯލާށެވެ. ނުވަތަ އަންނާރު ޖޫހަށް ވެސް ލޮނުމެދު ދިޔަ ކޮޅެއް އެއްކޮށްލައިގެން ބޭނުން ކުރެވިދާނެ އެވެ.

ކަރުގެ ރިހުމާއި ކެއްސުމަށް އަވަހަށް ހައްލެއް ލިބޭނެ އެވެ.

މީގެ އިތުރުން އާއްމުކޮށް ކެއްކުމުގައްޔާއި ސެލެޑް ފަދަ އެއްޗެއް ތައްޔާރު ކުރުމަށް ވެސް ލޮނުމެދު ދިޔަ ބޭނުން ކުރެވިދާނެ އެވެ.

މައުލޫމާތު: ހެލްތު ޓިޕްސް.ކޮމް