22 Dec 2015, 12:16
ބެއިޖިން (ޑިސެމްބަރ 22): ސައިނާ ވީބޯ ނުވަތަ ޗައިނާގެ ޓްވިޓާގައި ކޮށްފައިވާ ޓްވީޓްތަކެއްގެ ސަބަބުން މީގެ 19 މަސް ކުރިން ހައްޔަރުކުރި ޗައިނާގެ އިންސާނީ ހައްގުތަކާ ބެހޭ ވަކީލެއްކަމަށްވާ ޕޫ ޖީޗާންގްއަށް، ތިން އަހަރުގެ ޖަލު ހުކުމްކޮށްފި އެވެ.
ނަމަވެސް މިއަދު ބެއިޖިން ކޯޓުން ޕޫ ޖީޗާންގްގެ މައްޗަށް ކޮށްފައިވަނީ 'ސަސްޕެންޑެޑް' ހުކުމެކެވެ. އެހެންކަމުން ވަކި މުއްދަތަކަށް އޭނާ މިނިވަން ކުރެވޭނެ އެވެ. އެ މުއްދަތުގެ ތެރޭގައި ކުށެއް ނުކުރާނަމަ އޭނާގެ ހުކުމް ކުޑަ ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ކުށެއް ކޮށްފިނަމަ އޭނާގެ ޕްރޮބޭޝަން ކެންސަލްކޮށް، ވަގުތުން ޖަލަށް ލެވޭނެ ކަމަށް ޗައިނާގެ ގާނޫނީ މާހިރުން ވިދާޅުވެ އެވެ.
ޕޫ ޖީޗާންގްގެ މައްޗަށް ހުކުމް ކޮށްފައި ވަނީ "[ސޯޝަލް މީޑިއާގައި] ނަސްލީ ރުޅިވެރިކަން ފެތުރުމާއި އެހެންމީހުންނާ ތަޅާފޮޅުންތައް ފެށުމުގެ" ކުށުގައި އެވެ.
ޕޫ ޖީޗާންގްއަކީ ޗައިނާގެ ސަރުކާރަށް ފާޅުގައި ފާޑު ކިޔުމަށާއި ސާރުކާރަށް ފާޑުކިޔާ ފަރާތްތަކުގެ އިންސާނީ ހައްގުތަކާ ބެހޭ ކޭސްތަކުގައި ވަކާލާތު ކުރުމަށް މަޝްހޫރު ފަރާތެކެވެ. އޭނާގެ މައްޗަށް މިއަދު ކުރި ހުކުމުގެ ސަބަބުން އޭނާ އަށް އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭނެ އެވެ.
ޕޫ ޖީޗާންގްއަށް ތާއިދު ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ސިޔާސީ ސަބަބުތަކަށްޓަކައި އެވެ. އެފަރާތްތަކުން ވަނީ އެހުކުމާ ދެކޮޅު ހެދުމުގެ ގޮތުން ބެއިޖިން ކޯޓު ކައިރިއަށް އެއްވެ އަޑުއުފުލައިފަ އެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތް ފަދަ ބޭރު ގައުުމުތަކުގެ ބައެއް ނޫސްވެރިންވެސް ހިމެނުނެވެ.
ބައިނަލްއަގުވާމީ ދުނިޔެއިން ވެސް ވަނީ ޕޫ ޖީޗާންގް ހައްޔަރުކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައި އެވެ. އެގޮތުން، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނީ ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ޕޫ ހައްޔަރުކުރީ "މިނިވަންކަމާއެކު ހިޔާލު ފާޅުކުރާ ޗެމްޕިއަނަކު ވާކާލާތު ކުރުމުން ހުއްޓުވުމަށް" ކަމަށެވެ. (ބީބީސީ)