22 Dec 2015, 12:06
ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން މަގާމުން ވަކިކޮށް، އެ މިނިސްޓްރީގެ ބައެއް ސެކްޝަނުތައް އުވާލަން ރައީސް އޮފީހުން މިހާރު ނިންމާފައިވާއިރު ސަރުކާރުން މިހާރު އެންމެ މުހިއްމު އިސްކަމެއް ދޭނީ ފިނޭންސުން ވަކި ކުރާ މުވައްޒަފުން ވީ އެންމެ އަވަހަކަށް ސަރުކާރުގެ އޮފީސްތަކަށް ބަދަލުކުރުމަށް ކަމަށް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު "ސަން" އަށް ވިދާޅުވީ ފިނޭންސް މިނިސްޓްރީން މުވައްޒަފުން ވަކި ކުރަން ޖެހުނު ސަބަބު ރައްޔިތުންނަށް މިހާރު ސާފުވެފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ފިނޭންސުގެ ބައެއް މުވައްޒަފުން ސަރުކާރުގެ އެހެން އޮފީސްތަކަށް ބަދަލު ކުރަން ނިންމަން ޖެހުނީ ރައީސް އޮފީހުން ޕާފޯމަންސް އޮޑިޓެއް ހެދުމަށް ފަހު ކަމަށެވެ.
"މިކަމުގައި ދެން ރައީސް އަބްދުﷲ ޔާމީނު ވެސް އިއްޔެ ވަނީ އެކަމަށް އިޝާރާތްކޮށް ވާހަކަފުޅުދައްކަވާފަ. އަޅުގަނޑު ހިތުން މިހާރު ދެން މިކަން ވަރަށް ސާފު. ބަދަލުތަކެއް މިއައީ މުވައްޒަފުން ވަކި ކުރާކަށް ނޫން. އެއީ ރައީސް ޔާމީން ހާމަކުރެއްވި ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޕާފޯމަންސް އޮޑިޓެއް ހެދުމަށްފަހު،" މުއާޒު ވިދާޅުވި އެވެ.
މުވައްޒަފުން ބަދަލު ކުރުމުގެ މަސައްކަތް މިހާރުވެސް ސަރުކާރުން ކުރަމުން އަންނަ ކަމަށް ފާހަގަކުރައްވަމުން މުއާޒު ވިދާޅުވީ އެކަމުގައި ސިވިލް ސާވިސް ކޮމިޝަނުގެ ދައުރުވެސް ވަރަށް ބޮޑު ކަމަށެވެ. އޭނާ ވިދާޅުވީ ފިނޭންސުގައި ތިބި މުވައްޒަފުންނަކީ އެ ކޮމިޝަނުގެ މުވައްޒަފުން ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އެ މުވައްޒަފުންނަކަށް {ފިނޭންސުން ވަކި ކުރާ މުވައްޒަފުން} ދެރަގޮތެއް ނުވާނެ. އެކަން އެގޮތަށް ކުރެވޭތޯ ސަރުކާރުން މި ބަލަނީ،" މުއާޒު ވިދާޅުވި އެވެ.
ފިނޭންސުގައި ތިބި ބައެއް މުވައްޒަފުން ސަރުކާރުގެ އެހެން އޮފީސްތަކަށް ބަދަލުކުރާއިރު އެ މުވައްޒަފުންނަށް ލިބޭ މުސާރަ އެހެން އޮފީހަކަށް ބަދަލު ކުރުމުން ކުޑަ ވާނެތޯ ދެންނެވުމުން މުއާޒު ވިދާޅުވީ ރައީސް އޮފީހުން އެކަމުގައި އުސޫލެއް އާއްމު ކުރާނެ ކަމަށެވެ.
މުވައްޒަފުން އެހެން އޮފީސްތަކަށް ބަދަލު ކުރާނެ ސީދާ ތާރީހެއް އޭނަ ވިދާޅެއް ނުވެ އެވެ. މުއާޒު ވިދާޅުވީ ފިނޭންސުން ވަކި ކުރާ މުވައްޒަފުން ސަރުކާރުގެ އެހެން އޮފީސްތަކަށް ބަދަލު ކުރުމުގައި ވަގުތުކޮޅެއް ބޭނުންވާ ކަމަށެވެ.
މުއާޒު މިހެން މިއަދު ވިދާޅުވިއިރު ނޭންސް މިނިސްޓްރީގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން މަގާމުން ވަކިކޮށް، އެ މިނިސްޓްރީގެ ބައެއް ސެކްޝަނުތައް އުވާލަން ރައީސް އޮފީހުން ނިންމުމާ ގުޅިގެން އެ މިނިސްޓްރީގެ ބައެއް މުވައްޒަފުން މިއަދު މަސައްކަތް ހުއްޓާލުމަށްފަހު ވަނީ ހަޅުތާލު ކުރަން ފަށާފަ އެވެ.
ފިނޭންސްގެ މުވައްޒަފުން ނިންމައިގެން ތިބީ، މިއަދު އެއްވެސް ގޮތަކަށް މަސައްކަތް ނުކުރުމަށް ނިންމައިގެންނެވެ. މަސައްކަތަށް އެނބުރި ނުކުންނާނީ ރައީސް އޮފީހުން އެކަށީގެންވާ ރަނގަޅު ޖަވާބެއް ދިނުމުން ކަމަށް، ހަޅުތާލު ކުރާ މުވައްޒަފުން ބުންޏެވެ.
ފިނޭންސުން އިވާލަން ނިންމާފައިވާ ސެކްޝަނުގެ ތެރޭގައި ކޮންމެ އަހަރެއްގައި ވެސް ދައުލަތުގެ ބަޖެޓު ހަދަމުން އަންނަ، ބަޖެޓު ސެކްޝަނާއި ޑެޓް ސެކްޝަން އުވާލަން ވެސް ވަނީ ނިންމާފަ އެވެ. އަދި އައިޓީ ސެކްޝަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން މަސައްކަތަށް ފަރުވާ ކުޑަ ކުރާ މުވައްޒަފުން ވަކި ކުރަން އަންގާފައިވާ އިރު ކޮންމެ ޑިވިޝަނަކުން ދެ މުވައްޒަފަކު ވަކި ކުރުމަށް ވެސް ވަނީ އަންގައިފަ އެވެ.
ފިނޭންސް މިނިސްޓްރީގެ އިސް މުވައްޒަފަކު މިއަދު "ސަން" އަށް ބުނީ އެ މިނިސްޓްރީގެ މުވައްޒަފުން މަސައްކަތް ހުއްޓާލުމަށްފަހު ހަޅުތާލަށް ނުކުތީ މިއަދު ހެނދުނު އޮފީހަށް އައި ގޮތަށް ކަމަށެވެ. އޭނާ ބުނީ ހަޅުތާލުގައި މިނިސްޓްރީގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ކަހަލަ ގޮތަކަށް މިހާރު ބައިވެރިވެފައިވާ ކަމަށެވެ.
ފނޭންސް މިނިސްޓްރީން މުވައްޒަފުންތަކެއް ވަކިކޮށް، ބައެއް ސެކްޝަނުތައް އުވާލަން ނިންމުމުން ފިނޭންސް މިނިސްޓަރު ޖިހާދު ވެސް ވަނީ މުވައްޒަފުންނާއި ބައްދަލުކުރައްވާފަ އެވެ. އަދި އެ ބައްދަލު ކުރެއްވުމުގައި ހުރިހާ މުވައްޒަފުން ކެތްތެރިކަން އިސްކުރެއްވުމަށް މިނިސްޓަރު ޖިހާދު ވަނީ މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި މުވައްޒަފުންނަށް ދެރަ ގޮތެއް ނުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.