ފަލަސްތީނުގެ ހާލަތު ދިވެހިންނަށް އަންގައިދިނުމަށް މަސްޖިދުލް އަގުސާގެ އިމާމު، ޝައިހު އަލީ އުމަރު ޔައުގޫބު އަލްއައްބާސީ މާލެ ވަޑައިގެންފި އެވެ.

އަގުސާގެ އިމާމު ރޭ ރާއްޖެ ވަޑައިގެންފައި ވާއިރު، އަންނަ ހޮނިހިރު ދުވަހާ ހަމައަށް ރާއްޖެގައި މަޑުކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މިއަދު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރާއި ދީނީ ބައެއް އިލްމުވެރިންނާ އިމާމު ބައްދަލު ކުރައްވާނެ ކަމަށެވެ.

އިމާމުގެ މި ދަތުރުފުޅުގައި އަންނަ ބުރާސްފަތި ދުވަހު ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާ ބައްދަލުކުރައްވާނެއެވެ.

"މި ބައްދަލުވުންތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކުރެވޭނެ،" އޮފިޝަލް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުން މާދަމާ މަޣްރިބު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އިމާމު ދެއްވާ ދަރުހެއް އޮންނާނެއެވެ. މި ދަރުސްގައި ފަލަސްތީނުގެ ހާލަތާއި، އެގައުމުގައި ހިނގަމުން އަންނަ ކަންކަމާއި މަސްޖިދް އަލް އަގުސާއާ ބެހޭގޮތުން ދިވެހިންނަށް މައުލޫމާތު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ "ދަ މެސެޖު" އެ ސިލްސިލާގެ ދަރުސްތަކުގެ ތެރެއިން އެންމެ ފަހު ދަރުސް ހުށަހަޅައިދޭނީ އަލްއައްބާސީ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ ދަރުސްގައި އަލްއައްބާސީ ދަރުސް ދެއްވުމަށް ހަމަޖެހިފައިވާ މައުޝޫ އަކީ "އިސްލާމް ދީނަކީ ހައްގު ދީންތަ؟"، އެ މައުޟޫ އަށެވެ.