އެކައުންޓިންގެ މައްސަލައަކާ ގުޅިގެން ލިބުނު ބޮޑު ގެއްލުމަކާ ގުޅިގެން ޖަޕާނުގެ ކުންފުންޏެއް ކަމަށްވާ "ޓޮޝީބާ" އިން 6،800 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި އެވެ.

"ބީބީސީ" އިން ބުނީ ޓޮޝިބާ ކުންފުނީގެ މުވައްޒަފުންތަކެއް ހިޔާނާތާއި މަކަރާއި ހީލަތް ހެދުމުގައި ބައިވެރިވުމުން، ކުންފުންނަށް ދިމާވި މާލީ ދަތިތަކުގެ ތެރޭގައި 4.5 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާ ކަމަށް ލަފާ ކުރެވޭ ކަަމަށެވެ.

ކުންފުނިން ވޭތުވެ ދިޔަ ހަ އަހަރުގެ މުއްދަތުގައި ޕްރޮފިޓް ވަކި ގޮތަކަށް ހިންގާ ކަމަށް ބުނެ މެނޭޖްމެންޓް އިން ފެތުރި ވާހަކައާ ގުޅިގެން އެ ކުންފުންޏަށް ވަނީ މިހާރު ބޮޑު ގެއްލުމެއް ވެފަ އެވެ. އެ މައްސަލައިގެ ފުރިހަމަ ޒިންމާ ނެގުމަށްފަހު ޓޮޝީބާގެ ދެ އެގްޒެކިއުޓިވުން ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ.

އެ ކުންފުނިން ވަކި ކުރި 6،800 މުވައްޒަފުންނަކީ ކުންފުނީގެ ކޮންޒިއުމާ އިލެކްޓްރިކް ސެކްޝަނުގެ މުވައްޒަފުންގެ 30 ޕަސެންޓެވެ.

ކުންފުންޏަށް ބޮޑު ގެއްލުމެއް ލިބުނު ކަމުގައިވިޔަސް އެ ގެއްލުމަކީ ފޫ ނުބެއްދޭނެ ވަރުގެ ގެއްލުމެއް ނޫނެވެ. އެ ކުންފުންޏަކީ މަލްޓިނޭޝަނަލް ކުންފުންޏަކަށް ވާއިރު އެކުންފުޏަކީ އާންމު ދިރިއުޅުމުގައި ބޭނުންވާ ގިނަ ޕްރޮޑަކްޓްތަކެއް އުފައްދާ ކުންފުންޏެކެވެ. އޭގެ އިތުރުން ޓޮޝީބާގެ ޕީސީ ލައިންގެ އުފެއްދުމަކީ ވެސް ބޮޑު މަގުބޫލުކަމެއް ލިބޭ ޕްރޮޑަކްޓަކެވެ.

ބީބީސީން ބުނީ ޓޮޝީބާގައި 200،000 އާ ގާތް ކުރާ އަދަަދަކަށް މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުން ކަަމަށެވެ.