ތެހެރާން (ޑިސެމްބަރު 22) : ރޮކެޓާއި މިސައިލްގެ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގެ ކަންތައް ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމަށް އީރާނުގެ ދިފާއީ ވަޒީރު ވަޒީރު ޖެނެރަލް ޑރ. ޙުސައިން ދަހްގާން ވިދާޅުވެއްޖެ އެވެ.

އީރާނުގެ މަޒަންދުރާން ގަވަނޭޓްގެ ރަށެއް ކަމަށްވާ ސާރީގައި ކުރިއަށްދާ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ދަހްގާން ވިދާޅުވީ ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު އީރާނުން ސޮއިކުރި ނިއުކްލިއާ އެއްބަސްވުމާއި އީރާނުގެ މިސައިލް ޕްރޮގްރާމާ އެއްގޮތަކަށް ވެސް ގުޅުމެއް ނެތް ކަމަށާއި ބެލަސްޓިކް މިސައިލާއި ކްރޫޒް މިސައިލާ އެނޫން ވެސް އެކިބާވަތުގެ މިސައިލްތައް ތަރައްގީ ކުރުމާއި އެތަކެތި ތަޖުރިބާ ކުރުމުގެ ކަންތައް އީރާނުން ކުރިއަށް ގެންދާނެ ކަމުގަ އެވެ. މިކަމުގައި އެއްވެސް ގައުމެއްގެ ބިރު ދެއްކުމަށް އީރާން ބޯނު ލަނބާނެ ކަމަށް ވެސް ދަހްގާން ވިދާޅުވި އެވެ.

އަސްކަރީ އަދި ދިފާއީ ރިޕޯޓްތައް ބުނާ ގޮތުން ދުނިޔޭގައި މިސައިލް ޓެކްނޮލޮޖީ އެންމެ ބާރަށް ތަރައްގީކޮށް ރޮކެޓް ސައެންސްގެ ރީސާޗްތައް އެންމެ ބޮޑަށް ކުރަމުންގެންދާ އެއްގައުމަކީ އީރާނެވެ. އީރާނުގެ އިތުރުން ޕާކިސްތާނާއި އުތުރު ކޮރެޔާ އާއި އިސްރާއީލާއި އިންޑިޔާއަކީ ވެސް ރޮކެޓް ސައެންސާއި މިސައިލް ޓެކްނޮލޮޖީގައި ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދާ ގައުމެކެވެ. މީގެ އިތުރުން މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން މިސައިލުން ހަމަލާދިނުމުގެ އަސްކަރީ ގާބިލްކަން އެންމެ ބޮޑީ އީރާނުގައި ކަމަށް ވެސް އަސްކަރީ ރިޕޯޓްތައް ބުނެ އެވެ.

އީރާނުން ދާދި ފަހުން ވެސް ވަނީ ބެލަސްޓިކް މިސައިލްގެ ދެ ތަޖުރިބާއެއްކޮށްފަ އެވެ. މި ދެ ތަޖްރިބާ އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ގައުމުތަކުން ކުށްވެރިކޮށްފައިވާއިރު އެމެރިކާއިން ވަނީ އީރާނުގެ މިސައިލް އަދި ރޮކެޓް ޕްރޮގްރާމަކީ އެމެރިކާގެ ގައުމީ ސަލާމަތަށްއޮތް ނުރައްކަލެއް ކަމަށް ސިފަކޮށްފަ އެވެ. އަދި އީރާނުން މިސައިލް ޓެކްނޮލޮޖީ ތަރައްގީ ކުރަމުންގެންދާނަމަ އީރާނާ ދެކޮޅަށް ބައެއް ފިޔަވަޅުތައް އެޅުމާމެދު ވިސްނާނެ ކަމުގެ އިންޒާރު ވެސް އެމެރިކާއިން ދީފައިވެ އެވެ. އީރާނަކީ އެ ގައުމުގެ ދިފާޢުގައި ކުރަންޖެހޭ ކަމެއް ކުރުމަށް އެމެރިކާ ފަދަ ބާރުގަދަ ގައުމުތަކުން ދޭ އިންޒާރުތަކަށް ފަސްޖެހޭ ގައުމެއް ނޫނެވެ. އީރާނުން ނިއުކްލިއާ ޓެކްނޮލޮޖީ ވެސް ތަރައްގީކޮށްފައި ވަނީ އެމެރިކާ އާއި ޔޫރަޕްގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި އިސްރާއީލާއި އެމެރިކާގެ ބިރުދެއްކުންތަކަށް ބެލުމެއްނެތި އެވެ.

ނަމަވެސް ނިއުކްލިޔަރ ޓެކްނޮލޮޖީ ތަރައްގީ ކުރުމުން އީރާނަށް އިޙްތިރާމް ކުރަން އެމެރިކާއަށް ވަނީ މަޖްބޫރުވެފައެވެ. އީރާނަށް ހަމަލާދީގެން ނިއުކްލިޔަރ ޓެކްނޮލޮޖީ ނައްތާނުލެވޭނެކަން އެމެރިކާއަށް ކަށަވަރުވުމުން އެމެރިކާވަނީ މަދަނީ ނިއުކްލިޔަރ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގެ ހައްގު އީރާނަށް ލިބިދޭގޮތަށް އީރާނާއެކު ވާހަކަދައްކައި އެންމެފަހުން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ އެއްބަސްވުމެއްގައި ދުނިޔޭގެ އެހެން ބާރުތައްވެސް ޝާމިލްވާގޮތަށް އީރާނާއެކު ސޮއިކޮށްފައެވެ.
މިސައިލް ޓެކްނޮލޮޖީ ތަރައްގީ ކުރުމުގައިވެސް އީރާން ގެންގުޅެނީ މިސިޔާސަތު ކަމަށްވަނީ ބެލެވިފައެވެ. އެމެރިކާއާއި ހުޅަނގުގެ ބާރުތަކަކީ ބާރުގަދަ ގައުމުތަކަށް ނޫނީ އިހްތިރާމް ނުކުރާ ގައުމުތަކެކެވެ. އަދި އެހެން ގައުމެއް ބާރުގަދަވުމަށް ފުރްސަތު ނުދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއްވެސް މިގައުމުތަކުން ގެންދަނީ ކުރަމުންނެވެ. (ނޫސްއެޖެންސީތައް)