އަބިޖާން : އައިވަރީ ކޯސްޓްގައި ޙަރަކާތްތެރިވާ ފަރަންސޭސި ސިފައިންގެ ޚާއްސަ ޔުނިޓަކުން، އެޤައުމުގެ ރިޔާސީ ދައުރު ހަމަވެފައިވާ ރައީސް ލޮރެން ބަގްބޯ ހައްޔަރުކޮށްފިއެވެ.

ބަގްބޯގެ މުސްތަޝާރަކު ވިދާޅުވިގޮތުގައި ފަރަންސޭސި ސިފައިންގެ ޚާއްސަ ޔުނިޓަކުން، ބަގްބޯގެ ގަނޑުވަރަށް ބާރުގެ ބޭނުންކޮށްގެންވަދެ ބަގްބޯ ހައްޔަރުކުރުމަށްފަހު އިދިކޮޅު ލީޑަރ އަދި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އެލަސަންވުތަރާގެ ބާރުތަކާ މިހާރުވަނީ ޙަވާލުކޮށްފައެވެ.

އަބިޖާން ގައި ހުންނަވާ ފަރަންސޭސި ސަފީރު ޖާން މާރކް ސައިމޮން ވިދާޅުވިގޮތުގައި ބަގްބޯ ހައްޔަރު ކުރުމަށްފަހު ފަރަންސޭސި ބާރުތަކުން އޭނާ ގެންދިޔައީ އެލަސަން ވުތަރާ ދިރިއުޅުއްވާ ހޮޓަލަށެވެ. ވުތަރާގެ އޮފީސްވެސް ހުންނަނީ މި ހޮޓަލުގައެވެ.

ފަރަންސޭސީން ބަގްބޯ ހައްޔަރުކުރީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އެލަސަން ވުތަރާ ގެ އަމުރަށްކަން ނުވަތަ ނޫންކަން އަދި އެނގިފައެއް ނުވެއެވެ.

މިދިޔަ ނޮވެމްބަރ މަހު އައިވަރީ ކޯސްޓްގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ އެލަސަން ވުތަރާ ކަމަށް ވިޔަސް ރިޔާސީ ދައުރު ހަމަވެފައިވާ ރައީސް ލޮރެން ބަގްބޯ ވަނީ އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރައްވައި މަޤާމުން ދުރުވެ ވަޑައިގަތުމަށް ދެކޮޅު ހައްދަވާފައެވެ.

އިންތިޚާބު ނާކާމިޔާބުވުމާއެކުވެސް މަޤާމްގައި ހުންނެވުމަށް ގަދަފައި ވިއްދަވާފައިވާ ބަގްބޯގެ ލަޝްކަރުތައް ވޭތުވެދިޔަ ތިންހަފްތާތެރޭގައި ރޫޅުމުގެ ސަބަބުން އަލްހަސަން ވުތާރާއަށް ތާއީދުކުރާ ހަނގުރާމަވެރިންވަނީ އައިވަރީ ކޯސްޓްގެ ބޮޑުބައެއް ހިފައި ވެރިރަށް އަބިޖާން ގައި ހުންނަ ބަގްބޯގެ ގަނޑުވަރު ޙިސާރުކޮށްފައެވެ. ނަމަވެސް ބަގްބޯ އަތުލައިގަތުމަށް ވުތަރާގެ ބާރުތައްވަނީ ނުކުޅެދިފައެވެ.

ބަގްބޯގެ ވެރިކަން ވެއްޓުނު ނަމަވެސް އައިވަރީ ކޯސްޓްގެ ގިނަބަޔަކު އޭނާއަށް ތާއީދުކުރާތީ އެޤައުމުގައި ވެރިކަން ކުރުން ވުތަރާއަށް ފަސޭހަ ނުވާނެ ކަމަށް މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. -- އޭއެފްޕީ