ގައުމީ ޓީމުގެ ގޯލްކީޕަރު ޢިމްރާން މުހައްމަދަކީ މުޅި ޓީމުގައި ހިމެނޭ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ގައުމީ ޓީމުގެ ކުޅުންތެރިންގެ ނަޒުރުގައި ވެސް ޢިމްރާން ޓީމާއެކު ދަނޑު މަތީގައި ހުރުމަކީ ކުޅުންތެރިންނަށް ލިބޭ އިތުރު ހިތްވަރެކެވެ. މާޒިޔާގެ ކޯޗު ޢަލީ ސުޒޭން މީގެ ކުރިން ބުނެފައި ވަނީ ޢިމްރާނަކީ ދިވެހި ކުޅުންތެރިންގެ އިމޯޝަނަލް ލީޑަރު ކަމަށެވެ.

ގައުމީ ޚިދުމަތުގައި ވަނިކޮށް ޢިމްރާންގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ގާތްގަނޑަކަށް ހަ މަސް ދުވަހު ޢިމްރާން ކުޅުމާ ދުރުގައި ހުންނަން ޖެހުމަކީ ގައުމީ ފުޓްބޯޅަ ޓީމުގެ އިތުރުން ދިވެހި ފުޓްބޯޅައަށް ވެސް ލިބުނު އުނި ކަމެކެވެ. ހީނަރުކަމެކެވެ. ގައުމީ ޓީމުގެ ފިޒީޝަން އަހުމަދު ޝަކީބުގެ ނަޒަރުގައި ސާފު ސުޒުކީ ކަޕުގައި ގައުމު ތަމްސީލު ކުރުމަށް އިންޖަރީން ރިކަވާވެ ފިޓްވުމަށް ޢިމްރާން ކުރި މަސައްކަތަކީ ގައުމީ ޓީމުގެ ދެން ތިބި ކުޅުންތެރީން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމެކެވެ. މިފަދަ އެތަށް ފިލާވަޅުތަކެއް ޢިމްރާންގެ ފުޓްބޯޅަ ހަޔާތުން ލިބެން އެބަހުއްޓެވެ.

ގައުމީ ޓީމުގެ ކުރީގެ ކޯޗު ވެލިޒާ ޕޮޕޯވް ބުނެފައި ވަނީ އޭނާގެ ކޯޗިން ކެރިއަރުގައި ފެނުނު އެންމެ މޮޅު ކީޕަރަކީ ޢިމްރާން ކަމަށެވެ.

މާދަމާ ފެށުމަށް ހަމަޖެހިފައިވާ ސާފު ސުޒުކީ ކަޕުގައި ވާދަ ކުރާ ޓީމުތަކުގެ ކުޅުންތެރިންގެ ތެރެއިން އެންމެ ތަޖުރިބާ ބޮޑު ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި އުޅޭނީ ޢިމްރާންގެ ނަމަވެ. ޑިސެމްބަރު މަހު 18 ވަނަ ދުވަހު އުމުރުން 35 އަހަރު ފުރުނު ޢިމްރާން ވަނީ ޑޮމެސްޓިކް މުބާރާތްތަކުގައި އެތަށް މެޗްތަކެއް ކުޅެފައެވެ. އަދި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ތަފާތު އެކި ކޮންޑިޝަންގައި އެތަށް މެޗްތަކެއް ކުޅެފައިވާއިރު މިއަހަރު ސާފު ސުޒުކީ ކަޕުގައި ޢިމްރާނާ އެއްވަރަށް ބައިނަލްއަގްވާމީ ތަޖުރިބާ ހުރި އެހެން ކުޅުންތެރިޔަކު ނެތެވެ.

ޢިމްރާންގެ ތަޖުރިބާ ގައުމީ ޓީމަށް މުހިންމު ވަނީ ކީއްވެ؟

ޢިމްރާނަކީ ރާއްޖޭގެ އިތުރުން ސަރަހައްދުގެ ވެސް އެންމެ ފާހަގަ ކުރެވޭ އެންމެ މޮޅު ކީޕަރުންގެ ތެރޭގައި ހިމެނޭ ކީޕަރެކެވެ. ރާއްޖޭ ޓީމުގެ ގޯލުގައި ޢިމްރާން ހުރުމުން އެއީ މުޅި ގައުމަށް ލިބޭނެ ހިތްހަމަޖެހުމެކެވެ.

މީގެ ކުރިން ގައުމީ ޓީމާއެކު ދަތުރު ކުރި ރާއްޖޭގެ މަޝްހޫރު ސްޕޯޓްސް ޖާނަލިސްޓެއް ބުނީ އެހެން ކުޅުންތިންނަށް ޚާއްސަކޮށް ޒުވާން ކުޅުންތެރިންނަށް ޢިމްރާންގެ ފަރާތުން އެންމެ ބޮޑަށް ދަސްވާނީ ޢިމްރާންގެ ލީޑާޝިޕް ކަމަށެވެ.

"ސީނިއާ ކުޅުންތެރިޔެއްގެ ފަރާތުން ދެން ތިބި ޖޫނިއާ ކުޅުންތެރިންނަށް ފެންނާނެ ހުރިހާ ކޮލިޓީއެއްވެސް ޢިމްރާންގައިގައި އެބަހުރި" އޭނާ ބުންޏެވެ.

މިފަހަރު ގައުމީ ޓީމުގެ ވައިސްކެޕްޓަން މުޙައްމަދު ޢާރިފް (ބަކާ) ސަންއާ ވާހަކަ ދައްކަމުން ބުނީ ސާފް ސުޒުކީ ކަޕަށް ދާއިރު ޢިމްރާން ޓީމުގައި ހިމެނުމަކީ މުޅި ޓީމަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެވެ.

ގައުމީ ޓީމުގައި ޢިމްރާންގެ ގިޔާދަތުގެ ދައުރުގެ ވާހަކައަކީ ސަންގެ ކިޔުންތެރިންނަށް ތަފާތު ވާހަކައަކަށް ނުވާނެއެވެ. ސަންއިން ވާނީ ޢިމްރާންގެ ތަޖުރިބާއާއި ގައުމީ ޓީމުގައި އޭނާގެ ޚިދުމަތުގެ ވާހަކަ އެތައް ފަހަރެއްގެ މަތިން ގެނެސްދީފައެވެ.

މުބާރާތުގެ އެންމެ ތަޖުރިބާ ބޮޑު ކުޅުންތެރިޔާ ދިވެހި ޓީމުގައި ހުރުމަކީ މުޅި ޓީމަށް ވެސް ލިބޭނެ ހިތްހަމަޖެހުމެކެވެ.