ޖެނީވާގައި ހުންނަ އދ. އޮފީހުގެ ދާއިމީ މަންދޫބުގެ މަގާމަށް ޑރ. ހާލާ ހަމީދު މިއަދު ހަމަޖައްސަވައި އެކަމަނާއަށް މަގާމުގެ ލިޔުން ހަވާލުކޮށްފި އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ހާލާއަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

މިވަގުތު ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައި ހުންނެވި ޑރ. ހާލާ އަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ދެއްވާފައި ވަނީ މިދިޔަ މަހުއެވެ. ހާލާއަށް ރުހުން ދެއްވާފައި ވަނީ ވޯޓުލުމަށް ހާޒިރުވެ ތިއްބެވި 68 މެމްބަރުންގެ އިއްތިފާގުންނެވެ.

ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރެއްވެވި ޑރ. ހާލާ ހަމީދު ފަހުން ޕޮލިސް އިންޓަގްރެޓީ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި މަސައްކަތް ކުރެއްވުމަށް ފަހު 2013 ވަނަ އަހަރު އެ މަގާމުން އިސްތިއުފާ ދެއްވި އެވެ.

އެއަށް ފަހު ޑރ. ހާލާ މަސައްކަތް ކުރައްވާފައި ވަނީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ. އަދި މި އަހަރުގެ ސެޕްޓެމްބަރު މަހު ހާލާ ވަނީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމަށް ބަދަލުކޮށްފަ އެވެ.

ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ރައީސް ޔާމީން ހާލާ ބަދަލުކުރެއްވީ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.