އިސްލާމީ ޝަރީއަތަށް ފުރިހަމައަށް ތަބާވާ މެލޭޝިއާގެ ފުރަތަމަ އެއާލައިނުން އެގައުމުގައި އެތެރޭގެ އުދުހުންތައް އިއްޔެ ފަށައިފި އެވެ.

ރަޔާނީ އެއާ ނަމަކަށް އެއާލައިންގެ ފުރަތަމަ ދަތުރު ފެށީ ކުއަލަލަމްޕޫރުންނެވެ. އެ އެއާލައިންގެ ފްލައިޓްތަކުން ކޮންމެ ދަތުރެއް ފެށުމުގެ ކުރިން ދުއާ ކުރެ އެވެ. ފްލައިޓުން ފޯރުކޮށްދެނީ ހަމައެކަނި ހަލާލް ކާނާ އާއި ބުއިންތަކެވެ. އެހެން ކަމުން ފްލައިޓް މަތީގައި ބަނގުރާ ބުއިމަކީ މުޅިން މަނާކަމެކެވެ. އަދި ފްލައިޓްގެ ހުރިހާ މުސްލިމް އަންހެން ކެބިން ކުރޫ ތިބެން ޖެހެނީ ބުރުގާ އަޅާފަ އެވެ.

ރަޔާނީ އެއާ، އެއާލައިންގެ ކެބިން ކްރޫއެއް ފުލައިޓު ތެރޭގައި --- ފޮޓޯ: އީޕީއޭ

"ކަމާބެހޭ ފަރާތްތަކުގެ ގައިޑްލައިންސްތަކަށް ބަލައިފަ، އިސްލާމީ ޝަރީއަތަށް ފުރިހަމައަށް ތަބާވާ މެލޭޝިއާގެ ފުރަތަމަ އެއާލައިނަކީ އަޅުގަނޑުމެން. އެއީ އަޅުގަނޑުމެން ފަޚުރުވެރިވާ ކަމެއް،" ރަޔާނީ އެއާގެ މެނޭޖިން ޑިރެކްޓަރު ޖައުފަރު ޒަމްހާރީ ވިދާޅުވި އެވެ.

މެލޭޝީއާގެ އާބާދީގެ 60 ޕަސެންޓް ރައްޔިތުންނަކީ މުސްލިމުންނެވެ.

މިއަންނަ އަހަރު އިނގިރޭސިވިލާތުގައި ވެސް އިސްލާމީ ޝަރީއަތަށް ފުރިހަމައަށް ތަބާވާ އެއާލައިނެއް ކަމަށްވާ، ފިރްނަސް އެއާވޭސްއިން ދަތުރުތައް ފަށާނެ ކަމަށް އެގައުމުގެ ނޫސްއޭޖެންސީތަކުން ބުނެ އެވެ.

މައުލޫމާތު: ޓެލެގްރާފް