22 Dec 2015, 09:38
އިންޑިއާގައި މާދަމާ ފަށާ ސާފު ސުޒުކީ ކަޕުގައި ވާދަކުރާ ގައުމީ ޓީމް މިރޭ ޓުރެވެންޑްރަމަށް ފުރާނެ ކަމަށާއި ނަމަވެސް ގައުމީ ކޯޗު ރިކީ ހާބަޓް އާއި ކެޕްޓަން އަލީ އަޝްފާގު (ދަނގަޑޭ) ޓުރެވެންޑްރަމް ގޮސްފި އެވެ.
ރާއްޖޭގެ ގައުމީ ޓީމް ނޫން އެހެން ހުރިހާ ޓީމެއް މިހާރު އިންޑިއާގައި ކޭމްޕް ކޮށްފައިވާ އިރު ޓްރެވެންޑްރަމް ދިޔަ ފުރަތަމަ ޓީމަކީ ސްރީލަންކާ އެވެ. މި މުބާރާތަށް އެ ގައުމު ކޭމްޕް ކޮށަފައި ވަނީ ވެސް އިންޑިއާގަ އެވެ. އަފްގާނިސްތާނާއި ނޭޕާލް ޓީމް ހޮނިހިރު ދުވަހު ކޭމްޕް ކުރިއިރު ބަނގުލަދޭޝް އާއި ބޫޓާން ޓީމު އައީ މިއަދުއެވެ.
އެފްއޭއެމް ގެ މީޑިއާ ކޯޑިނޭޓަރު ސިމާޒް އަލީ މިއަދު 'ސަން' އަށް ވިދާޅުވީ ކޯޗާއި ދަނގަޑޭ ރޭ އިންޑިއާއަށް ދިޔައީ އެކޮޅުގައި އޮތް މީޓިންގް އެއް ގައި ބައިވެރި ވުމަށާއި ޕްރެސް އަށް ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި ފައިނަލް ސްކޮޑް އިއުލާން ކުރުމަށްފަހު މިރޭ ގައުމީ ޓީމް އިންޑިއާއަށް ފުރާނެ ކަމަށެވެ.
އެ މުބާރާތުގައި ރާއްޖެ ހިމެނޭ ގުރޫޕް އޭގައި ކުރިން އޮތް ޕާކިސްތާނުން މުބާރާތުން ވަކުވުމުން މިހާރު އޮތީ ޗެމްޕިއަން އަފްގާނިސްތާނާއި ބަނގުލަދޭޝް އަދި ބޫޓާނާ އެވެ. ގްރޫޕު ބީ ގައި އޮތީ ސަރަހައްދުގެ ފުޓްބޯޅައިގެ ރަސްގެފާނުން ކަމަށްވާ އިންޑިޔާ އާއި ނޭޕާލް އަދި ލަންކާ އެވެ.
މެލޭޝިއާގައި ހަފްތާއެއްގެ ޓްރޭނިންގް ކޭމްޕް އެއް ނިއްމާލުމަށް ފަހު 20 ވަނަދުވަހު މާލެ އައިސް ގައުމީ ޓީމުގެ އެންމެ ފަހުގެ ފަރިތަކުރުންތަށް އިއްޔެ ރަސްމީ ބޯޅަ ދަނޑުގައި ވަނީ ބާއްވިއިރު ޓުރޭނިންގް ކޭމްޕާއި ބެހޭ ގޮތުން ރިކީ ހާބަޓް ބުނީ މަދު ދުވަސް ކޮޅެއް ލިބުނު ކަމުގައި ވީ ނަމަވެސް ޓީމު އޮތީ ވަރަށް ފުރިހަަމައަށް މުބާރާތަށް ތައްޔާރުވެފައި ކަަމަށެވެ.
މިމަހުގެ 23 އިން އަންނަ މަހުގެ ތިނަކަށް ޓްރެވެންޑްރަމްގައި ކުރިއަށްދާ އެ މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި 24 ވަނަ ދުވަހު ރާއްޖޭ ގަޑިން ތިނެއް ޖަހާއިރު ނުކުންނާނީ ބޫޓާނާއި ދެ ކޮޅަށެވެ.