ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބޮލީވުޑްގެ މަޝްހޫރު ތަރި ސަންޖޭ ދަތު އަންނަ ފެބްރުއަރީ މަހު މިނިވަން ކުރަން ނިންމާފައިވާ ކަމަށް އިންޑިއާގެ ރަސްމީ ފަރާތްތަކާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.

ސަންޖޭ ޖަލުން މުޅިން މިނިވަން ކުރާނެ ކަމަށް ކުރިން ބުނެފައި އޮތީ އަންނަ މާޗް މަހު ފުރަތަމަ ހަފްތާ ތެރޭގަ އެވެ.

ނަމަވެސް އޭނާގެ އުޅުން ރަނގަޅުނަމަ، އަންނަ ފެބްރުއަރީ މަހު 25 ވަނަ ދުވަހު މިނިވަން ކުރަން ނިންމާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

ސަންޖޭ ދަތުގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ 1993 ވަނަ އަހަރު މުމްބާއީގައި ބޮން ގޮއްވި ހާދިސާއާ ގުޅިގެން ކުރި ތަހުގީގެއްގައި ހަތިޔާރު ގެންގުޅުނުކަން ސާބިތު ވުމުންނެވެ.

އޭނާ އެހުކުމް ތަންފީޒު ކުރަމުން ދަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް އިންޑިއާގެ ކޯޓަކުން 2013 ވަނަ އަހަރު ކުރި ހުކުމަށް ސުޕްރީމްކޯޓުން ތާއީދު ކުރުމުންނެވެ.

ނަމަވެސް ސަންޖޭ ވަނީ ހުކުމް އިއްވުމުގެ ކުރިން 18 މަސްދުވަސް ޖަލުގައި ހޭދަކޮށްފަ އެވެ. އެހެންމަކުން ދެން އޭނާ ޖަލުގައި ހޭދަ ކުރަން ޖެހޭނީ 42 މަސްދުވަހެވެ.