ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން މަގާމުން ވަކިކޮށް، އެ މިނިސްޓްރީގެ ބައެއް ސެކްޝަނުތައް އުވާލަން ރައީސް އޮފީހުން ނިންމުމާ ގުޅިގެން އެ މިނިސްޓްރީގެ ބައެއް މުވައްޒަފުން މިއަދު މަސައްކަތް ހުއްޓާލުމަށް ފަހު ހަޅުތާލަށް ނުކުމެއްޖެ އެވެ.

އެ މިނިސްޓްރީގެ މުވައްޒަފުން ހަޅުތާލު ކުރާތީ، ފިނޭންސުން ދެމުން ގެންދާ ހިދުމަތްތައް ވަނީ ހުއްޓިފަ އެވެ. ބައެއް ސެކްޝަންތައް ހުހަށް ހުރި އިރު، އެ މިނިސްޓްރީގެ ރިސެޕްޝަންގައި އެއްވެސް މުވައްޒަފަކު ނެތެވެ.

ފިނޭންސް މިނިސްޓްރީގެ އިސް މުވައްޒަފަކު މިއަދު "ސަން" އަށް ބުނީ އެ މިނިސްޓްރީގެ މުވައްޒަފުން މަސައްކަތް ހުއްޓާލުމަށް ފަހު ހަޅުތާލަށް ނުކުތީ މިއަދު ހެނދުނު އޮފީހަށް އައި ގޮތަށް ކަމަށެވެ. އޭނާ ބުނީ ހަޅުތާލުގައި މިނިސްޓްރީގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ކަހަލަ ގޮތަކަށް މިހާރު ބައިވެރިވެފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ ރިސެޕްޝަން ހުހަށް، ސެކްޝަންތަކުގައި މުވައްޒަފަކު ވެސް

"ހަމަ މިއަދު އޮފީހަށް އައިސް ސައިން އިންވި ގޮތަށް އަޅުގަނޑުމެން މި ތިބީ މަސައްކަތް ހުއްޓާލުމަށް ފަހު ހަޅުތާލަށް ނުކުމެ. މިހާރު އޯލް މޯސްޓު އޯލް ޖޮއިން،" އޭނާ ބުންޏެވެ.

އުވާލުމަށް ނިންމާފައިވާ ސެކްޝަނުގެ ތެރޭގައި ކޮންމެ އަހަރެއްގައި ވެސް ދައުލަތުގެ ބަޖެޓު ހަދަމުން އަންނަ، ބަޖެޓު ސެކްޝަނާއި ޑެޓް ސެކްޝަން އުވާލަން ވެސް ވަނީ ނިންމައިފަ އެވެ. އަދި އައިޓީ ސެކްޝަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން މަސައްކަތަށް ފަރުވާ ކުޑަ ކުރާ މުވައްޒަފުން ވަކި ކުރަން އަންގާފައިވާ އިރު ކޮންމެ ޑިވިޝަނަކުން ދެ މުވައްޒަފަކު ވަކި ކުރުމަށް ވެސް ވަނީ އަންގައިފަ އެވެ.

ފިނޭންސްގެ މުވައްޒަފު ބުނީ އެ މިނިސްޓްރީން ބައެއް މުވައްޒަފުން ކަނޑާލަން އުޅޭތީ އެކަމާ ގުޅޭ ހާއްސަ ކޮމެޓީއެއް މިހާރު އުފައްދާފައިވާ ކަމަށެވެ. އޭނާ ބުނީ އެ ކޮމެޓީގައި ހިމެނޭ ފިނޭންސްގެ ބައެއް މުވައްޒަފުން ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުންނާ އިއްޔެ ބައްދަލުކޮށްފައިވާ ކަމަށެވެ.

ފިނޭންސްގެ މުވައްޒަފުން މަސައްކަތް ހުއްޓާލުމަށް ފަހު އެ މިނިސްޓްރީގެ ގޯތި ތެރޭގައި މަޑުކޮށްލައިގެން-- ސަން ފޮޓޯ

އޭނާ ބުނީ އެ ބައްދަލުވުމުގައި ސިވިލް ސާވިސް އިން ބުނީ ފިނޭންސް މިނިސްޓްރީގެ މުވައްޒަފުންތަކެއް ކަނޑާލަން އުޅޭކަން ލިޔުމުން އަދި އެ ކޮމިޝަނަށް ލިބިފައި ނުވާ ކަމަށެވެ. އޭނާ ބުނީ ސިވިލް ސާވިސް ކޮމިޝަނާ އެކު ބޭއްވި ބައްދަލު ކުރުމުގައި މިނިސްޓްރީގެ އެއްވެސް މުވައްޒަފަކު ގަވާއިދާ ހިލާފަށް ކަނޑަން އުޅޭ ނަމަ އެކަން ހުއްޓުމުވުމުގެ ބާރު ވެސް އެ ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މިހާރު އެކުލެވިފައި އޮތް ކޮމެޓީން އިއްޔެ ސިވިލް ސާވިސް ކޮމިޝަނާއި ބައްދަކޮށްފިން. ބައްދަލު ކުރީމަ ޖަވާބަކަށް ސިވިލް ސާވިސް ކޮމިޝަނުން ބުނަނީ ތިމަންނާ މެންނަކަށް (ސިވިލް ސާވިސް ކޮމިޝަން) ފިނޭންސްގެ މުވައްޒަފުން ކަނޑަން އުޅޭ ކަން ލިޔުމުން އަދި ލިބިފައި ނުވާ ކަމަށް. ބައްލަވާ އިއްޔެގައެއް ނޫންތޯ ރައީސް ޔާމީން ވެސް އެ ވިދާޅުވީ މި ތަނުން (ފިނޭންސް މިނިސްޓްރީ) މުވައްޒަފުންތަކެއް ވަކި ކުރަން އުޅޭ ކަމަށް،" ފިނޭންސްގެ މުވައްޒަފު ބުންޏެވެ.

ފިނޭންސްގެ މުވައްޒަފުން ނިންމައިގެން ތިބީ، މިއަދު އެއްވެސް ގޮތަކަށް މަސައްކަތް ނުކުރުމަށް ނިންމައިގެންނެވެ. މަސައްކަތަށް އެނބުރި ނުކުންނާނީ ރައީސް އޮފީހުން އެކަށީގެންވާ ރަނގަޅު ޖަވާބެއް ދިނުމުން ކަމަށް، ހަޅުތާލު ކުރާ މުވައްޒަފުން ބުންޏެވެ.

ފިނޭންސް މިނިސްޓްރީން މުވައްޒަފުންތަކެއް ވަކިކޮށް، ބައެއް ސެކްޝަނުތައް އުވާލަން ނިންމުމުން ފިނޭންސް މިނިސްޓަރު ޖިހާދު ވެސް ވަނީ މުވައްޒަފުންނާއި ބައްދަލުކުރައްވާފަ އެވެ. އަދި އެ ބައްދަލު ކުރެއްވުމުގައި ހުރިހާ މުވައްޒަފުން ކެތްތެރިކަން އިސްކުރެއްވުމަށް މިނިސްޓަރު ޖިހާދު ވަނީ މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި މުވައްޒަފުންނަށް ދެރަ ގޮތެއް ނުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސިވިލް ސާވިސްގެ ކުރިއަށް އޮތް ފަސް އަހަރުގެ ޕްލޭން އިފްތިތާހުކުރަން ހޮޓެލް ޖެންގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ފިނޭންސް މިނިސްޓްރީގައި ތިބި ބައެއް ސިވިލް ސާވިސް މުވައްޒަފުން އެ މަގާމުތަކުން ވަކި ކުރުމަކީ އެއްގޮތަކަށް ވެސް އެމަނިކުފާނު ކުރާ ހިތްޕުޅުވާ ކަމެއް ނޫން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެކަން ކުރަންޖެހި ވަޑައިގަތީ ސިވިލް ސާވިސް ކޮމިޝަނުން ކުރަން ޖެހޭ ކަމެއް ނުކުރެވި އޮތުމުން ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެކަން ކުރަންޖެހުނީ އެތަންތަނުގެ ހިއުމަން ރިސޯސް އޮޑިޓެއް ހެދިފައި ނެތުމުން ކަމަށެވެ.

(ތަފްސީލް އަންނަނީ...)