ފިރިހެން މީހާ އަނިޔާކޮށްގެން ޖިންސީ އަނިޔާތަކެއް ލިބި އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުންދާ ގދ. ތިނަދޫ އަންހެން މީހާގެ ސިކުނޑިއަށް ވަނީ ލޭ އެޅިފައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވީ އެ އަންހެން މީހާގެ ހާލު އިއްޔެ ވަރަށް ރަނގަޅުކޮށް އޮތުމަށްފަހު އަނެއްކާސް އިއްޔެ ހާލު ދެރަ ކަމަށެވެ.

އޭނާ ވިދާޅުވީ އެ އަންހެން މީހާގެ އާއިލާގެ އެދުމުގެ މަތިން މިއަދު އޭނާ އޭޑީކޭއަށް ގެންގޮސްފައިވާ ކަމަށެވެ.

"މިއަދު ހަވީރު 17:30 ގައި އޭޑީކޭއަށް ގެންގޮސްފައި ވަނީ. އޭޑީކޭ އިން ވެސް ވަނީ އޭނާގެ ހާލު ދެރަ ކަމަށް ބުނެފައި. އެއަށް ފަހު އޭނާ ވަނީ މިރޭ 20:00 ހާއިރު އަނެއްކާ އައިޖީއެމްއެޗް އަށް ގެނެވިފައި،" ޒީނާތު ވިދާޅުވިއެވެ.

އޭނާގެ ހާލަތު ކްރިޓިކަލް ކަމުން އެ އަންހެން މީހާއަށް އޮޕަރެޝާން ނުކުރެވޭނެ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ. އޭޑީކޭ އިން ވެސް އެ އޮޕަރޭޝަން ނުކުރެވޭނެ ކަމަށް ބުނެފައިވާ ކަމަށް ޒީނަތު ވިދާޅުވި އެވެ.

އަންހެން މީހާއަށް އަނިޔާ ކުރި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހު، 40، ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ނަން ހާމަނުކުރުމަށް އެދި 'ސަން' އަށް މައުލޫމާތުދިން މީހަކު ކިޔައިދިން ގޮތުން ދެމަފިރިން ދޭތެރޭގައި ޖެހުނު މައްސަލައެއްގައި އަންހެން މީހާ ގެއިން ނުކުމެ އާއިލާއާ އެކު ދިރިއުޅޭތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ޖެންޑާ މިނިސްޓްރީންކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ އަންހެނަމީހާ އަށް އަނިޔާކުރި މައްސަލަ ކުށްވެރި ކުރާ ކަމަށާއި އެ މައްސަލާގައި އިންސާފު ހޯދައިދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.