މާލެ އާއި އަތޮޅުތެރޭގައި މާރާމާރީ އާއި ވައްކަންކުރުން ފަދަ ބޮޑެތި ކުށްތައް އިތުރުވަމުންދިއުމާ ގުޅިގެން އެކަންކަން ހުއްޓުވުމަށް ޓަކައި ބޭނުންވާ މުހިންމު ބިލުތައް ފާސްކޮށްފައި ނޫނީ މަޖިލިސް ޗުއްޓީ އަށް ނުދިއުމަށް ބުނާ ގަރާރެއް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ހުށަހަޅުއްވައިފި އެވެ.

މަޖިލިސް މެންބަރުންގެ ޗުއްޓީ އަށް ދާނީ އަންނަ މޭ މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ.

މަޖިލިސް ޗުއްޓީ އަށް ދިޔުން ލަސްކުރުމަށް ގަރާރެއް ހުށަހެޅުއްވި މެންބަރު މަހުލޫފު މިއަދު ވިދާޅުވީ ޖިނާއީ އިޖުރާތުގެ ބިލާއި، ހެއްކާއި ބެހޭ ބިލާއި ޖަލުތަކުގެ ޕެރޯލާ ބެހޭ ބިލާއި ކުށްކުރުން ހުއްޓުވުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމުގެ ބިލުގެ އިތުރުން ގޭންގު ކުށްތައް މަނާކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފައި ނޫނީ މަޖިލިސް ޗުއްޓީ އަށް ނުދިޔުމަށް އެ ގަރާރުގައި ގޮވާލާފައިވާނެ ކަމަށެވެ.

"މާލެ އާއި އަތޮޅުތެރޭގައި މާރާމާރީ އާއި ވައްކަމާ އެހެނިހެން ކުށްކުރުން އިންތިހާއަށް އިތުރުވެގެންގޮސްފައިވާ ދަނޑިވަޅެއްގައި ރައްޔިތުން މިއަދު އުޅެން ޖެހިފައިވާ ބިރުވެރި މާހައުލު، އަމާން އޮމާން މާހައުލަކަށް ވީހާ ވެސް އަވަހަކަށް ބަދަލުކުރުމަކީ އަޅުގަނޑުމެން މަޖިލިސް މެންބަރުންގެ ޒިންމާއެއް. އަޅުގަނޑު އުންމީދުކުރަން ހުރިހާ މެންބަރުން ވެސް މިކަމުގައި އެއްބާރުލުން ދެއްވާނެ ކަމަށް." މަހުލޫފު ވިދާޅުވި އެވެ.