22 Dec 2015, 22:31
ހދ. އަތޮޅު ކައުންސިލްގެ ވައިކަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުލް މުހައިމުން އަބްދުއްރަހުމާން އިސްތިއުފާދެއްވައިފިއެވެ.
ހދ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ޝަގީބު މިރޭ ސަން އަށް ވިދާޅުވީ ކައުންސިލަރުކަމުން އިސްތިއުފާ ދެއްވިކަން ބަޔާންކުރައްވައި މުހައިމިން މިއަދު އެ ކައުންސިލަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.
މަގާމުން އިސްތިއުފާދެއްވިކަން ބަޔާންކޮށް މުހައިމިން އަތޮޅު ކައުންސިލަށް ފޮނުވި ސިޓީގައި ވަނީ ހދ. އަތޮޅު ކައުންސިލްގެ ދެވަނަ ދައުރު ދެބައިވީއިރުވެސް ސިޔާސީ މަޝްރަހު ހުރިގޮތުންނާއި ނިޒާމީ ބައެއް ކަންކަން ހުރިގޮތުން ރައްޔިތުންނަށް ކޮށްދެވުނު މާ ބޮޑުކަމެއް ނެތް ކަމަށެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު މިސްރާބު ހުރިގޮތުން ކުރިއަށް އޮތްތަނުގައި ވެސް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުން ބާރުވެރިކުރުވައިގެން ރައްޔިތުންނާ ގާތުން ޚިދުމަތްދިނުމަކީ ފެނިޑައިގަންނަވާ ކަމެއް ނޫން ކަމަށް ވެސް އެ ސިޓީގައިވެއެވެ.
މުހައިމިން ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުރުސަތު ނެތްއިރު، ރައްޔިތުންގެ ފައިސާ އިން މުސާރަ ނަގައިގެން އިތުރަށް މަގާމުގައި ދެމިހުރުމަކީ އިންސާފުވެރިގޮތެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވެސް އެ ސިޓީގައި ވެއެވެ.
މުހައިމިނަކީ އަދާލަތު ޕާޓީގެ ޓިކެޓުގައި އިންތިޚާބުވި ކައުންސިލަރެކެވެ.