21 Dec 2015, 20:47
(17 ޑިސެމްބަރުގެ އަދަދާ ގުޅޭ)
ސުވަރުގޭގައި އިތުރު ސާހިބާގެ އަނބިކަނބަލަކަށް ވެވަޑައިގަތުމުގެ އެދުންފުޅު
އިސްވެދިޔަ ޞަފްޙާތަކުގައި ބަޔާންކޮށްފައިވާނޭ ފަދައިން، ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާصلّى اللّـه عليه وسلّم،السّيّدة سودةއާ ކާވެނިބެއްލެވިއިރުވެސް، އެކަމަނާ ވަނީ ޢާއްމުކޮށް ކާވެނީގެ ދަޢުވަތު ލިބިވަޑައިގަތުމުގެ މޫސުން ފަހަނަޅައިފައެވެ. އިތުރު ސާހިބާގެ އަނބިކަނބަލަކަށް އެކަމަނާ ޚިޔާރުކުރެއްވުމުގެ އެންމެ މުހިންމު ސަބަބަކަށްވީ، އެކަމަނާއަކީ ޔަތީމު ބޭފުޅުންކޮޅަކާއި މުސްކުޅިފުޅު ބައްޕާފުޅަކު ބަލަހައްޓަވަމުން ގެންދެވި، އަތްޕުޅުމަތި ބަރު ބޭކަނބަލަކަށްވެފައި، އެކަމަނާގެ އިސްލާމްކަމުގެ އިސްކަމާއި، ޚުލުޤުފުޅު މާތްކަމާއި، އިތުރު ސާހިބާގެ އޯގާވެރިކަމެވެ. އެހެންކަމުން، އިތުރު ސާހިބާ ތިމަންކަމަނާ ދޫކޮށެއް ނުލައްވާނެބާވައޭ، މި ސުވާލު އަބަދުވެސް އެކަމަނާގެ ހިތްޕުޅުގައި އޮވެއެވެ. ޚާއްޞަކޮށް އެކަމަނާ މުސްކުޅިފުޅުވުމުން އެކަމާ ވަކީންބޮޑަށް ފިކުރުފުޅު ކުރައްވާން ފެއްޓެވިއެވެ. އިތުރު ސާހިބާގެ އަނބިކަނބަލެއްގެ ޙައިޘިއްޔަތުން މަޙްޝަރަށް ވަޑައިގަތުމަކީ، އެކަމަނާގެ ހިތްޕުޅުގެ ވަރަށްބޮޑު އެދުންފުޅެކެވެ.
އެހެންކަމުން، ކައުސާހިބާصلّى اللّـه عليه وسلّمގެ އަރިހުގައި ވިދާޅުވިއެވެ.
"އޭ މާތްاللّـهގެ ރަސޫލާއެވެ! މިހާރު އަޅުގަނޑަކަށް ފިރިޔެއްގެ މުހުތާދެއް ނެތެވެ. ނަމަވެސް، ކަލޭގެފާނުގެ އަނބިކަނބަލަކަށް އަޅުގަނޑު ބައިންދަވާށެވެ. އަޅުގަނޑަށް ޚާއްޞަ ކުރައްވައިފައިވާ ރޭعائشةއަށް ދެއްވާށެވެ. ކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ތެރޭގައި މަޙްޝަރު ކުރެއްވުން އަޅުގަނޑު އެދެމެވެ."
ކައުސާހިބާصلّى اللّـه عليه وسلّمއެކަމަނާގެ ހުށަހެޅުއްވުން ޤަބޫލުކުރެއްވިއެވެ.
ޢިލްމުވެރީން ވިދާޅުވާގޮތުގައި، އައްނިސާއު ސޫރަތުގެ 128 ވަނަ އާޔަތް ބާވައިލެއްވީ، އެ ޙާދިޘާއާ ވިދިގެންނެވެ. އެ އާޔަތުގެ މާނައިގައިވެއެވެ.
"ފިރިމީހާ ދުރުހެލިވެ، ނުވަތަ ވާހަކަ ނުދައްކައި ހުރެދާނެކަމަށް އަންހެނަކަށް ބިރުހީވެއްޖެނަމަ، އެ ދެމީހުންގެ މެދުގައި އެކުވެރިކަމުގެ ޞުލްޙަވުމަކުން ޞުލްޙަވުމާމެދު، އެ ދެމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. ޞުލްޙަވުން ހެޔޮކަން ބޮޑެވެ."
މަޖްމަޢުއްޒަވާއިދުގައިވާ ގޮތުން،أمّ المؤمنين السّيّدة سودة رضى اللّـه عنهاއިތުރު ސާހިބާގެ އަރިހުގައި ވިދާޅުވިއެވެ.
"ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއެކު ޙަޝްރުވާން އަޅުގަނޑު އެދެމެވެ. އެބޭކަނބަލުންނަށް ލިބިވަޑައިގަންނަވާ ޘަވާބެއް އަޅުގަނޑަށްވެސް ލިބުމަށްޓަކައެވެ."
ޙައްޖަތުލްވަދާޢުގައި ބައިވެރިވެވަޑައިގަތުން
ހިޖުރައިން ދިހަވަނަ އަހަރު،أمّ المؤمنين السّيّدة سودة رضى اللّـه عنهاއިތުރު ސާހިބާގެ އަރިހުގައި ޙައްޖަތުލްވަދާޢުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ކައުސާހިބާصلّى اللّـه عليه وسلّمމުޛުދަލިފާއަށް ދަތުރު ފެއްޓެވުމުގެ ކުރީން،السّيّدة سودةއަށް މުޛުދަލިފާއަށް ވަޑައިގަތުމުގެ ހުއްދަ ދެއްވިއެވެ. އެކަމަނާގެ ހަށިކޮޅުގެ ބަރުހެލިކަމާއެކު ގިނަ ބަޔެއްގެ ތެރޭގައި ދަތުރުކުރައްވަން އެކަމަނާއަށް އުނދަގޫފުޅުވާނެތީއެވެ.
އިތުރު ސާހިބާ ޙައްޖަތުލްވަދާޢުގެ ތެރޭގައި، އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ އަރިހުގައި ވިދާޅުވިއެވެ.
"މި ޙައްޖަށްފަހު، ތިޔަބޭކަނބަލުންގެ ގޭގައި ތިއްބަވާށެވެ!"
އެހެންކަމުން،السّيّدة سودةއާއިالسّيّدة زينب بنت جحشއާ ދެބޭކަނބަލުން އެ އަމުރުފުޅަށް ވަރަށް ފަރުވާތެރިވެވަޑައިގެން ޢަމަލުކުރެއްވިއެވެ. ނަމަވެސް، ކައުސާހިބާގެ އެހެނިހެން އަނބިއަނބިކަނބަލުން، އިތުރު ސާހިބާގެ އެ އަމުރުފުޅަކީ ޙައްޖަށް ވަޑައިގަތުން މަނާކުރެއްވުމެއް ކަމުގައެއް ނުބައްލަވައެވެ.السّيّدة سودةއާއިالسّيّدة زينبކައުސާހިބާ ސުވަރުގެ ވަޑައިގަތުމަށްފަހު، ގެއިންބޭރަށް ނުކުމެވަޑައިގެނެއް ނުއުޅުއްވައެވެ.السّيّدة سودةވިދާޅުވިއެވެ. އަހަރެން ޙައްޖާއި ޢުމްރާވެސް ކޮށްފީމެވެ. އަހަރެންގެ ސާހިބާ އަމުރުކުރައްވައިފައިވާ ފަދައިން، ދެން އަހަރެން އިންނާނީ، އަހަރެންގެ ގޭގައެވެ. އިތުރު ސާހިބާއަށްފަހު އެއްވެސް ސަވާރީއަކަށް އަހަރެން އުފުލައެއް ނުލެވޭނެއެވެ.
أبو هريرة رضى اللّـه عنهވިދާޅުވެފައިވެއެވެ. "ކައުސާހިބާصلّى اللّـه عليه وسلّمސުވަރުގެ ވަޑައިގަތުމަށްފަހުވެސް، އިތުރު ސާހިބާގެ ޠާހިރު އަނބިއަނބިކަނބަލުން ޙައްޖުވެވަޑައިގެން އުޅުއްވިއެވެ.سودةއާއިزينبފިޔަވައެވެ. އެ ދެބޭކަނބަލުން ވިދާޅުވެއެވެ.رسول اللّـه صلّى اللّـه عليه وسلّمއަށްފަހު، އެއްވެސް ސޫތްޕަކަށް (ސަވާރީއަކަށް) އަހަރެމެން ޙަރަކާތްތެރިޔެއް ނުކުރެވޭނެއެވެ."
އަވަހާރަވުން
أمّ المؤمنين السّيّدة سودة بنت زمعةއަވަހާރަވި އަހަރަކާމެދު މުއައްރިޚުންގެ މެދުގައި ޚިލާފެއް ހުރެއެވެ. އެންމެ ޞައްޙަކަމުގައި ބެލެވޭ ރިވާޔަތުގައިވާ ގޮތުން، އެކަމަނާ އަވަހާރަވީ، ހިޖުރައިން ތޭވީސްވަނަ އަހަރުއެވެ.أميرالمؤمنين عمر بن الخطّاب رضى اللّـه عنهގެ ޚިލާފަތުގެ ފަހުކޮޅުގައެވެ.
އެކަމަނާ ފަސްދާނު ލެވިފައިވަނީ، މަދީނަތުލް މުނައްވަރާގެ ޖަންނަތުލް ބަޤީޢުގައެވެ.
ޚުލުޤުފުޅު
أمّ المؤمنين السّيّدة سودة رضى اللّـه عنهاކައުސާހިބާގެ ޞުޙުބަތުގައި ގާތްގަނޑަކަށް ސާދަ އަހަރު އިންނެވިއެވެ. އެކަމަނާއަކީ، އިންސާނިއްޔަތުގެ މުރައްބީގެ މަދަރުސާގައި ސާދަ އަހަރު ހޭދަކުރައްވައިފައިވާ ޠާލިބާއެކެވެ. ދެންނެވުމުން އެކަމަނާގެ ޚުލުޤުފުޅުގެ މައްޗަށް ފުދޭވަރަކަށް އަލިއަޅުވައިލެވިއްޖެކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ. ނަމަވެސް، ކިޔުންތެރީންގެ ފަސޭހައަށްޓަކައި، ބައެއް ނުކުތާތަކަށް އަލިއަޅުވައިލުމަކީ ނެތްކަމެއް ނޫނެވެ.
أمّ المؤمنين السّيّدة سودة رضى اللّـه عنهاއަކީ ޠަބީޢީ ގޮތުންވެސް ޚުލުޤުފުޅު މާތް، ހެޔޮލަފާ، އޯގާވެރި، ހިތްޕުޅު ތަނަވަސް، ދީލަތިފުޅު ބޭކަނބަލެކެވެ. ނަބަވީ ސުލޫކުގެ ނަމޫނާއެކެވެ. އެކަމަނާއާ ބެހޭގޮތުންأمّ المؤمنين السّيّدة عائشة صدّيقة رضى اللّـه عنهاވިދާޅުވާ ގޮތުގައި، އެމީހެއްގެ އެތެރެހަށީގައިعائشةގެފާނުގެ ފުރާނަފުޅުވުން އެކަމަނާ އެދިވަޑައިގަންނަވަނީ، ހަމައެކަނިالسّيّدة سودةއެވެ.سودةގެ ހިތްޕުޅަކީ ކުޑަކޮށްވެސް ހަހުރައިގެ ޝުޢޫރެއް ނުއުފެދޭ ހިތްޕުޅެކެވެ.
السّيّدة سودةއަކީ ވަރަށް ދީލަތި ބޭކަނބަލެކެވެ. އެކަމަނާއަކީ، އަތްތެރި މަސައްކަތް ދެނެވަޑައިގަންނަވާ ބޭކަނބަލަކަށްވާތީ، އެ މަސައްކަތްޕުޅު ކުރެއްވިއެވެ. ޠާއިފުގެ ދޫލަ މަރާމާތުކުރެއްވުމާއި، ޠިބާޢުކުރެއްވުމަކީ އެކަމަނާ ކުރެއްވި މަސައްކަތްޕުޅުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެކަމަނާއަށް އެ މަސައްކަތްޕުޅުތަކުން ލިބިވަޑައިގަންނަވާ އާމްދަނީ، ވަރަށް ތަނަވަސް ހިތްޕުޅަކުން، ޔަތީމުންނަށާއި، ފަޤީރުންނަށާއި މިސްކީނުންނަށް ހޭދަކުރައްވަމުން ގެންދެވިއެވެ.
أميرالمؤمنين عمر بن الخطّاب رضى اللّـه عنهއެކަލޭގެފާނުގެ ޚަލީފާކަމުގައި އެއްދުވަހަކުأمّ المؤمنين السّيّدة سودة رضى اللّـه عنهاގެ އަރިހަށް، ކޮތަޅެއް ފުރެންދެން ދިރުހަމް އަޅުއްވައިފައި ފޮނުއްވިއެވެ. އެ ކޮތަޅަކީ، އެދުވަސްވަރު މަދީނާގެ މީހުން ކަދުރު އަޅާން ބޭނުންކުރިކަހަލަ ކޮތަޅެކެވެ. އެހެންކަމުން، އެކަމަނާ ސުވާލު ކުރެއްވިއެވެ.
"عمرއަހަންނަށް ކަދުރު ފޮނުއްވީހެއްޔެވެ؟"
ކޮތަޅު ހިފައިގެން އައި ޚާދިމު ޖަވާބު އެރުވިއެވެ.
"ނޫނެކެވެ! މިއީ ކަދުރެއް ނޫނެވެ. ދިރުހަމެވެ."
أمّ المؤمنينވަގުތުން ވިދާޅުވިއެވެ.
"އަހަރެން ކީއްކުރާ ދިރުހަމްތަކެއް ހެއްޔެވެ؟ ކަދުރު ފޮނުއްވިނަމަ، ކާންވެސް ބެހެއްޓިއްޖައީހެވެ." އެހެން ވިދާޅުވެފައި، ހަމައެވަގުތު އެހުރިހާ ދިރުހަމްތަކެއް، ފަޤީރުންނަށް ބައްސަވައި ހުސްކޮށްލެއްވިއެވެ.
أمّ المؤمنين السّيّدة سودة رضى اللّـه عنهاގެ މިޒާޖުފުޅުގައި، އަވަހަށް ކޯފާއިސްވާ ގޮތްކޮޅު ކޮންމެވެސް ވަރަކަށް ހުރެއެވެ. ނަމަވެސް، އެކަމަނާއަކީ ސަމާސާ މިޒާޖުފުޅުގެވެސް ބޭކަނބަލެކެވެ. ކައުސާހިބާصلّى اللّـه عليه وسلّمހިނިވަރުނަ ކުރުއްވުމަށްޓަކައި، ބައެއް ކަންތައްތައް ކުރައްވައެވެ. ބައެއް ވާހަކަފުޅު ދައްކަވައެވެ.
أمّ المؤمنينއެއްދުވަހަކު، އިތުރު ސާހިބާގެ އަރިހުގައި ވިދާޅުވިއެވެ.
ކަލޭގެފާނުގެ ފަހަތްޕުޅުގައި އިހަށްރޭ އަޅުގަނޑު ނަމާދު ކުރިއިރު، ރުކޫޢު ކުރެއްވިލެއް ދިގުކަމުން، އަޅުގަނޑަށް ހީވީ އަޅުގަނޑުގެ ނޭފަތް ފަޅައިގެން ހިނގައިދާނެހެންނެވެ. ނޭފަތުން ލޭއަތުވެދާނެތީ ބިރުން، އަޅުގަނޑު ނޭފަތުގައި ހިފެހެއްޓީމެވެ. ނަމާދުކޮށް އަވަދިވުމުން، އެތައްއިރެއް ވާންދެން ނޭފަތުގައި ފިރުމީމެވެ.
السّيّدة سودةގެ ވާހަކަފުޅު އަޑުއައްސަވައިފައި، ކައުސާހިބާصلّى اللّـه عليه وسلّمއަށް ހިނިވަރުނަ ނުކުރައްވައެއް ނުހުންނެވުނެވެ.
ރިވާކުރެއްވި ޙަދީޘްތައް
أمّ المؤمنين السّيّدة سودة بنت زمعةވަނީ، ކައުސާހިބާގެ އަނބިކަނބަލެއްގެ މަޤާމުގައި ގާތްގަނޑަކަށް ސާދަވަރަކަށް އަހަރު ހޭދަކުރައްވައިފައެވެ. ރޭގަނޑާއި ދުވާލު، ކައުސާހިބާގެ އަރިހުން އިރުޝާދުތައް ހޯއްދަވައިފައެވެ. ނަމަވެސް، އެކަމަނާގެ އަރިހުން ރިވާވެފައިވަނީ، އެންމެ ފަސް ޙަދީޘެވެ. ޞަޙާބީންގެ ތެރެއިން އެކަމަނާގެ އަރިހުން ޙަދީޘު ރިވާކުރެއްވި ބޭކަލުންގެ ތެރޭގައި،عبد اللّـه بن عبّاسއާއި،عبد اللّـه بن الزّبيـرހިމެނިވަޑައިގަންނަވައެވެ. ޠާބިޢީންގެ ތެރެއިންيحي بن عبد الرّحمن بن أسعد بن زرارةއެކަމަނާގެ އަރިހުން ޙަދީޘު ރިވާކުރެއްވިއެވެ.
أمّ المؤمنين السّيّدة سودةގެ އަރިހުން ރިވާވެފައިވާ ދެ ޙަދީޘުފުޅަކުން ވަރަށް މުހިންމު ދެކަމެއްގެ ޙުކުމް ސާބިތުވިއެވެ. އެއްކަމަކީ، މަރުވެފައިވާ ޖަނަވާރުތަކުގެ ހަން ދިބާޣުކޮށްގެން ބޭނުންކުރެވިދާނެކަމެވެ. އަނެއްކަމަކީ، އެކެއްގެ ބަދަލުގައި އަނެކަކަށް ޙައްޖުވެވިދާނެކަމެވެ.
ބޭފުޅުން
ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާصلّى اللّـه عليه وسلّمގެ ފަރާތްޕުޅަކުންأمّ المؤمنينއަކަށް ބޭފުޅަކު ލިބިވަޑައެއް ނުގަންނަވައެވެ. އެކަމަނާގެ ކުރީގެ ފިރިކަލުންގެ ފަރާތްޕުޅުން، ފިރިހެން ބޭފުޅަކު ލިބިވަޑައިގެންނެވިއެވެ. އެ ދަރިކަލުންގެ ނަންފުޅަކީ،عبد الرّحمنއެވެ.عبد الرّحمنއަކީ ޞަޙާބީއެކެވެ. އެކަލޭގެފާނު ޝަހީދުވީ،عمرގެފާނުގެ ޚަލީފާކަމުގައި، ފާރިސްކަރައިގެ ޖަލައުލާއުގައި ކުރެވުނު ހަނގުރާމައިގައެވެ.
ޢުމުރުފުޅުގެ މަރްޙަލާތައް
ކައުސާހިބާصلّى اللّـه عليه وسلّمއެކަމަނާއާ ކާވެނިބެއްލެވީ، ނަބީކަމުގެ ދިހަވަނަ އަހަރުއެވެ.
- ކައުސާހިބާصلّى اللّـه عليه وسلّمއެކަމަނާއާ ކާވެނިބެއްލެވިއިރު އެކަމަނާގެ ޢުމުރުފުޅަކީ، ފަންސާސް އަހަރުފުޅެވެ.
- އެކަމަނާއާ ކާވެނިބެއްލެވިއިރު ކައުސާހިބާصلّى اللّـه عليه وسلّمގެ ޢުމުރުފުޅަކީވެސް، ފަންސާސް އަހަރުފުޅެވެ.
- ކައުސާހިބާصلّى اللّـه عليه وسلّمގެ އަނބިކަނބަލަކަށް އެކަމަނާ އިންނެވީ، ސާދަ އަހަރުއެވެ.
- އަވަހާރަވީއިރު އެކަމަނާގެ ޢުމުރުފުޅަކީ، ހަތްދިހަ ދެއަހަރުފުޅެވެ.
- އެކަމަނާ އަވަހާރަވީ، ހިޖުރައިން ތޭވީސްވަނަ އަހަރުއެވެ.
- އެކަމަނާ ފަސްދާނު ލެވިފައިވަނީ، މަދީނަތުލް މުނައްވަރާގެ، ޖަންނަތުލް ބަޤީޢުގައެވެ.
އަރަހުށި މާތްاللّـه،أمّ المؤمنين السّيّدة سودة بنت زمعةއަށް ރުއްސުން ލައްވާށިއެވެ.
ޙަވާލާ
އުރުދޫ އިންސައިކްލޮޕީޑިޔާ އޮފް އިސްލާމް ޕަންޖާބު ޔުނިވަރސިޓީ
- أمّهات المؤمنينޙަކީމް މަޙްމޫދު އަޙްމަދު ޡުފަރު
- ޞަޙާބިއްޔާތު މުބައްޝިރާތު މަޙްމޫދު އަޙްމަދު ޣަޡަންފަރު
- އިސްލާމްކީ ބޭޓިޔާން މުޙައްމަދު އިޞްޙާޤު ބައްޓީ
- ތިޛުކާރެ ޞަޙާބިޔާތު ތާލިބުލްހާޝިމީ
(ނިމުނީ)