21 Dec 2015, 21:13
ގައުމީ ފުޓްބޯޅަ ޓީމާ އެކު ގަލޮޅު ދަނޑުގައި އެފްއޭއެމް އިން ކުޑަކުދިންގެ ހަވީރެއް މިއަދު ބާއްވައިފި އެވެ.
އިންޑިއާގެ ޓްރިވެންޑްރަމްގައި އޮންނަ ސާފް ސުޒުކީ ކަޕަށް މާދަމާ ގައުމީ ޓީމް އިންޑިއާއަށް ފުރުމުގެ ކުރިން މިއަދު ބޭއްވި ކުޑަކުދިންގެ ހަވީރުގައި ގިނަ އަދެއްގެ ކުޑަކުދިންނާއި އާންމުން ވަނީ ބައިވެރިވެފައެވެ.

މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ޓީމާ އެކު ގަލޮޅު ދަނޑުގައި އެފްއޭއެމް އިން ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން --- ސަން ފޮޓޯ: އަލީ ނަސީރު
މިދިޔަ ދެ އަހަރުވެސް ގައުމީ ޓީމުން ކުޑަކުދިންގެ ހާވީރު ބާއްވާފައިވާ އިރު އެފްއޭއެމް އިން މީގެ ކުރިން ބުނީ ކުޑަކުދިންގެ ހަވީރު ބޭއްވުމުގެ ބޭނުމަކީ ގައުމީ ޓީމް ސާފް ސުޒްކީ ކަޕަށް ފުރުމުގެ ކުރިން، ގައުމީ ޓީމާ އެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށް އާންމުންނަށް ފުރުސަތު ދިނުން ކަމަށެވެ.
މިއަދުގެ އެ ހަރަކާތް ހަވީރު ހަ އެއް ޖެހުމާ ހަމައަށް ކުރިއަށް ދިޔައިރު ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާންމުން ވަނީ ގައުމީ ޓީމްގެ ކުޅުންތެރިންނާ އެކު ފޮޓޯ ނަގައި އެ ކުޅުންތެރިންނާއި އެކު އުފާވެރި މަޖާ ވަގުތުތަކެއް ހޭދަ ކޮށްފައެވެ.

މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ޓީމާ އެކު ގަލޮޅު ދަނޑުގައި އެފްއޭއެމް އިން ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން --- ސަން ފޮޓޯ: އަލީ ނަސީރު
މެލޭޝިއާގައި ހަފްތާއެއްގެ ތަމްރީން ކޭމްޕެއް ނިއްމާލުމަށް ފަހު ރޭ ރާއްޖެ އައި އިރު އެ ގައުމުގައި ކުޅުނު ހަތަރު މެޗްގެ ތެރެއިން ތިން މެޗެއް ގައުމީ ޓީމް ވަނީ ކާމިޔާބް ކޮށްފައެވެ.
މި މަހގެ 23 އިން އަންނަ ޖެނުއަރީ ތިނެއްގެ ނިޔަލަށް ޓްރިވެންޑްރަމްގައި ކުރިއަށް ގެންދާ ސާފް ސުޒުކީ ކަޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު އޮންނާނީ މިމަހުގެ 24 ވަނަ ދުވަހު ބޫޓާނާ ދެކޮޅަށެވެ.