21 Dec 2015, 23:36
ޖުމްލަ 238 އެމެރިކާ ޑޮލަރާ ގާތް ކުރާ އަދަދަކާއެކު އެމެރިކާގެ ފިލްމީ ތާރީހުގައި މިހާތަނަށް ހަފްތާ ބަންދެއްގައި އެންމެ ބޮޑު ކާމިޔާބީއެ އެއް ހޯދި ފިލްމުގެ ރެކޯޑު، ސައިފައި ޑިސްޓޯޕިއަން ފްރެންޗައިޒްގެ ހަތް ވަނަ ފިލްމް "ސްޓާ ވޯޒް: ދަ ފޯސް އެވޭކެންސް" މުގުރާލައިފި އެވެ.
އެއް ރޭގެ މަތިން މިހާތަނަށް އެންމެ ބޮޑު އާމްދަނީ އެއް ހޯދި "ހެރީ ޕޮޓާ"ގެ ރެކޯޑުވެސް ވަނީ "ސްޓާވޯޒް: ދަ ފޯސް އެވޭކެންސް" މުގުރާލާފައެވެ.
މިހާތަނަށް އެމެރިކާގެ ބޮކްސް އޮފީހުގައި އެއްރޭގެ މަތިން އެންމެ ބޮޑު އާމްދަނީއެއް ހޯދާފައި ވަނީ މަޝްހޫރު ހެރީ ޕްޓާ ފްރެންޗައިޒްގެ ފަހު ފިލްމު ކަމަށްވަ "ދަ ޑެތުލީ ހޮލޯސް: ޕާޓް 2" އެވެ.
އެ ފިލްމު ވަނީ އެއް ރޭގެ މަތިން އެމެރިކާގެ ބޮކްސް އޮފީހުގައި 43.5 މިލިއަން ޑޮލަރު ހޯދާފަ އެވެ. އެއަށްފަހު އެ އަދަދާ ކައިރި ކުރާ ވަރުގެ އާމްދަނީއެއް އެއްވެސް ފިލްމަކަށް ނުލިބެއެވެ. ނަމަވެސް ދަ ފޯސް އެވޭކެންސް އިން އެ ރިކޯޑު މުގުރާލާފައި ވަނީ އެއް ރޭގެ މަތިން 57 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދައިގެންނެވެ.
ފޯސް އެވޭކެންސްގެ ކުރިން އެ ރެކޯޑު ގާއިމްކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގައި ނެރުނު "ޖުރެސިކް ވޯލްޑް"އެވެ. ކުރީގެ މަޝްހޫރު "ޖުރެސިކް ޕާކް" ފެރެންޗައިޒްގެ "ޕްރީކުއެލް"އެއް ނުވަތަ "ސްޕިން އޮފް" އެއްގެ ގޮތުގައި ނެރުނު އެ ފިލްމު ވަނީ އެމެރިކާގެ ބޮކްސް އޮފީހުގެ ހަފްތާ ބަންދުގައި 208 މިލިއަން ޑޮލަރު ހޯދާފައެވެ.
ފޯސް އެވޭކެންސް ދުނިޔޭގެ ސިނަމާތަކުގައި އަޅުވާ މިވީ ތިން ރޭގެ ތެރޭގައި ވަނީ 517 މިލިއަން ޑޮލަރު ހޯދާފައެވެ. އެއީ މުޅި ދުނިޔޭގައި ހަފްތާ ބަނދުގައި ދެވަނަ އަށް އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެވެ. ތިން ދުވަހުގެ ތެރޭގައި މުޅި ދުނިޔެއިން އެންމެ ބޮޑު ކާމިޔާބީ އެއް ހޯދި ފިލްމުގެ ރެކޯޑު އަދިވެސް އޮތީ ޖުރެސިކް ވޯލްޑުގެ އަތުގައެވެ. ޖޫން މަހު ނެރުނު އެ ފިލްމް ވަނީ ފުރަތަމަ ހަފްތާ ބަންދުގައި 525 އެމެރިކާ ޑޮލަރު ހޯދާފައެވެ.
ދުނިޔޭގެ ގިނަ ސަރަހައްދުތަކުގައި ފޯސް އެވޭކެންސް އެޅުވި އިރުވެސް ޗައިނާގެ ސިނަމާތަކަށް އެފިލްމު އަދި އައިސްފައެއް ނުވެއެވެ. ޗައިނާ އަކީ ދުނޭގެ ދެވަނަ އަށް އެންމެ ބޮޑު ފިލްމު މާކެޓެވެ. އެހެން ކަމުން އެމެރިކާއާ އެކުގައި ޗައިނާގައި ފޯސް އެވޭކެންސް އެޅުވި ނަމަ އެ ފިލްމަށް މިހާރު ލިބެމުން އަންނަ ކާމިޔާބީއަށްވުރެ ބޮޑު ކާމިޔާބީއެއް ލިބޭނެއެވެ.
ޗައިނާގައި ފޯސް އެވޭކެންސް އެޅުވުމަށް ހަމަޖައްސާފައިވަނީ އަންނަ ޖެނުއަރީ މަހުގެ ނުވައެއްގައެވެ.